އުދަ އަރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް މިރޭ ހުދު އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ނެރުނު އެލާޓުގައި ބުނީ މިރޭ 10:00 އިން ދަންވަރު 2:30 އާ ދެމެދު ކ. އަތޮޅުން ފެށިގެން އައްޑޫގެ ރަށްތަކަށް އުދަ އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އުދަ އަރާނެ ކަމުގެ އިންޒާރު މެޓު އޮފީހުން ދިން އިރު، މާލެއަށް މިއަދު މެންދުރު އުދަ އަރައި ގެއްލުންވި އެވެ.
އުދަ އަރާއިރު އާންމުކޮށް އެންމެ ބޮޑަށް އަރާ ރާޅުގަނޑު ސަރަހައްދަށް ގަލާއި ވެއްޔާ އެކު ލޮނުގަނޑު އަރާފައި ވާއިރު ކާނިވާ ސަރަހައްދަށް ވަރަށް ބޮޑަށް އުދަ އަރައި އެތަނުގައި ހުރި ވެހިކަލްތަކަށް ވެސް ވަރަށް ބޮޑަށް ގެއްލުން ވެފައިވެ އެވެ. މީގެ އިތުރުން އިންޑަސްޓްރިއަލް ވިލެޖަށް ވެސް އުދަ އަރައި ވެހިކަލްތަކަށް ގެއްލުންވި އެވެ.
މި ތަންތަނުގެ އިތުރުން، ފަޅުން ބައެއް ހިއްކައިގެން ބޮޑުތަކުރުފާނު މަގު ފުޅާކޮށް އަލަށް ހެދި ހިސާބުތަކަށް ވެސް އުދަ އަރާފައިވެ އެވެ.
މިއަދު އުދަ އަރާފައި ވަނީ މާލެ ސަރަހައްދަށް ދިޔަވަރު އެންމެ ބޮޑުވި ވަގުތު ކަމަށްވާ މެންދުރު ވަގުތު އެވެ. މިއަދު އެންމެ ދިޔަވަރު ބޮޑުވީ 11:53 ގަ އެވެ. އެއީ 0.74 މީޓަރަށެވެ. މާދަމާ އެންމެ ބޮޑު ދިޔަ އޮންނަ ވަގުތު ކަމަށްވާ 12:28 ގައި 0.79 މީޓަރަށް ދިޔަވަރު ހުންނާނެ ކަމަށް ދިޔަވަރު ލަފާކުރާ މޮޑެލްތަކުން ދައްކަ އެވެ.