އުދަ އަރާނެ ކަމަށް ލަފާކޮށް، މެޓް އޮފީހުން މުޅި ރާއްޖެއަށް މިއަދު ހުދު އެލާޓް ނެރެފި އެވެ.
މެޓު އޮފީހުން ބުނީ ހެނދުނު 10:30 އިން މެންދުރު ފަހު 3:00 އާ ދޭތެރޭގައި އުދަ އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ދިޔަވަރު ބޮޑުވި ވަގުތު، އިއްޔެ މެންދުރު ވެސް މާލެއަށް އުދަ އަރައި ގެއްލުންވި އެވެ.
އުދަ އަރާއިރު އާންމުކޮށް އެންމެ ބޮޑަށް އަރާ ރާޅުގަނޑު ސަރަހައްދަށް ގަލާއި ވެއްޔާ އެކު ލޮނުގަނޑު އަރާފައި ވާއިރު އެންމެ ބޮޑަށް ރާޅު އެރި އެއް ސަރަހައްދަކީ އިންޑަސްޓްރިއަލް ވިލެޖެވެ. އެ ތަނަށް އެރި ރާޅުތަކާ އެކު ސައިކަލްތައް ވެއްޓި ލޮނުގަނޑުގެ ތެރެއަށް ދިއުމުގެ ސަބަބުން ބޮޑެތި ގެއްލުން ވެފައިވެ އެވެ.
ކާނިވާ ސަރަހައްދަށް ވެސް ވަރަށް ބޮޑަށް ރާޅު އަރައި، އެތަނުގައި ޕާކްކޮށްފައި ހުރި ސައިކަލްތަކާއި ކާރުތައް ވެސް ލޮނުގެ ތެރެއަށް ދިޔަ އެވެ. އަދި ކަނޑު ތޮއްޓާ ޖެހިގެން ހުރި ކެފޭތަކުގެ ތެރެއަށް ރާޅު ވަދެ ގެއްލުން ވެފައިވެ އެވެ.
އިއްޔެ އުދަ އެރި ފަހުން މެޓް އޮފީހުން ވަނީ ކ. އަތޮޅުން ފެށިގެން އައްޑުއަށް އުދައިގެ އިންޒާރު ދީ އެލާޓެއް ނެރެފަ އެވެ. އެ އެލާޓުގެ ވަގުތުގައި އެއްވެސް ރަށަކަށް އުދަ އެރި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެ އެވެ.
މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވިއްސާރަ ވެސް ކުރަމުންނެވެ އެވެ. މެޓު އޮފީހުން ބުނީ ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ވެސް ވިއްސާރަކުރާނެ ކަމަށެވެ.