އެއިޑްސް ޖެހިގެން މިދިޔަ އަހަރު ފަސް މީހަކު ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" އިން ހުށަހެޅި ސުވާލުތަކަށް އެ އެޖެންސީން މިދިޔަ ބުދަ ދުވަހު ދިން ޖަވާބުތަކަށް ބަލާއިރު، އެއިޑްސް ޖެހޭ މީހުންގެ އަދަދު ރާއްޖޭގައި ދަށަކަށް ނުދެ އެވެ.
މިދިޔަ 34 އަހަރު 54 މީހަކަށް އެ ބަލި ޖެހިގެން ރިޕޯޓުކޮށްފައިވެ އެވެ. މިދިޔަ އަހަރު ފަސް މީހަކަށް އަދި އޭގެ ކުރީ އަހަރު ހަ މީހަކަށް އެއިޑްސް ޖެހިގެން ވަނީ އެޗްޕީއޭއަށް ހުށަހަޅައިފަ އެވެ.
އެ ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 16 މީހަކު ވަނީ މަރުވެފަ އެވެ.
ރާއްޖޭގައި އެއިޑްސް ޖެހިފައިވާ މީހުންގެ އެވްރެޖު އުމުރަކީ 33.3 އަހަރެވެ. އެ ބަލީގައި ގިނައިން ތިބީ ފިރިހެނުންނެވެ.
އެއިޑްސް ޖެހެނީ ރައްކާތެރި ނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމާއި އެކަކު ބޭނުންކޮށްފައި ހުންނަ ކަށި ނުވަތަ ސިރިންޖު ބޭނުންކުރުން ފަދަ ކަންކަމުން ޖެހޭ އެޗްއައިވީންނެވެ. މި ބައްޔަށް ރާއްޖޭގައި ދެނީ އެންޓި ރެޓްރޯވައިރަލް ތެރަޕީ (އޭއާރުޓީ) އެވެ.
އެޗްއައިވީ/އެއިޑްސް އިން ރައްކާތެރިވާން ހެލްތު މިނިސްޓްރީން ދޭ އިރުޝާދު
އެއިޑްސް އަކީ އެއްކޮށް ފަސޭހަ ކުރެވޭ ބައްޔަކަށް ނުވިއަސް ކަނޑައެޅިފައިވާ ފަރުވާ ގަވާއިދުން ލިބިގަނެގެން ސިއްހަތު ރަނގަޅު މީހެއްގެ ގޮތުގައި އާއްމު ދިރިއުޅުމެއް އުޅެވޭނެ އެވެ.
ރައްކާތެރިވާން އެޅިދާނެ ފިޔަވަޅުތައް
- އެޗްއައިވީ ޖެހިފައި ނުވަތަ ވަފާތެރި ބައިވެރިއަކު އިހުތިޔާރުކުރުން އަދި ނަހަމަ ގުޅުންތަކާ ދުރުހެލިވުމާއި ހުރަސް ބޭނުންކުރުން އެޗްއައިވީ ޖެހުމުގެ ފުރުސަތު ކުޑަކުރެވޭ.
- އެކަކު ބޭނުންކޮށްފައި ހުންނަ ސިރިންޖު/ކަށި ފަދަ ތަކެތި އެހެން މީހަކު ބޭނުން ނުކުރުން.
- ސިއްހީ ހިދުމަތްތެރިންގެ ލަފާގެ މަތިން، އެޗްއައިވީން ރައްކާތެރިވުމަށްޓަކައި ދެވޭ ފަރުވާ ކަނޑައެޅިފައިވާ ގޮތުގެ މަތިން ފުރިހަމަކުރުން
- މާބަނޑު ދުވަސްވަރު ދުރާލައި އެޗްއައިވީ އަށް ޓެސްޓުކޮށް ޕޮޒިޓިވް ވެއްޖެ ނަމަ ކަނޑައެޅިފައިވާ ފަރުވާ ފުރިހަމަކުރުމުން ދަރިފުޅަށް އެޗްއައިވީ ޖެހުމުން ރައްކާތެރި ކުރެވޭ.