މިދިޔަ އަހަރާ އަޅާބަލާއިރު މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު ދެގުނަވެ، 21.4 މިލިއަން ރުފިޔާ ލިބިފައިވާ ކަަމަށް ޒަކާތު ހައުސް އިން މިއަދު ބުނެފި އެވެ.
ޒަކާތު ހައުސް އިން ބުނީ މި އަހަރުގެ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ޖޫން ލިބުނީ 10.6 މިލިއަން ރުފިޔާ އެވެ.
ޒަކާތު ހައުސް އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން ޖޫން މަހާ ހަމައަށް މުދަލު ޒަކާތުގެ ގޮތުގައި 34.40 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އަދަދާ ބަލާއިރު 28.7 ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ލިބުނީ 26.7 މިލިއަން ރުފިޔާ އެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސް:
- މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު މުދަލު ޒަކާތުގެ ގޮތުގައި 79.73 މިލިއަން ރުފިޔާ ލިބުނު.
- މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ލިބުނީ 61.6 މިލިއަން ރުފިޔާ.
ޒަކާތު ހައުސް އިން ބުނި ގޮތުގައި މި އަހަރުގެ ޖޫން މަހު އެ އިދާރާ އިން ވަނީ ޒަކާތުގެ ބެހެނިވެރިންގެ އެކި ދާއިރާތަކަށް 18.8 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ފަގީރުންނާއި މިސްކީނުންގެ ދާއިރާ އަށް ކަމަށާއި އެ ދާއިރާ އަށް 16.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ޒަކާތު ހައުސް އިން ބުންޏެވެ.
މިދިޔަ އަހަރު ނިމުނުއިރު މުދަލުގެ ޒަކާތުގެ ގޮތުގައި 107 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުގައިވެ އެވެ. އެއީ އޭގެ ކުރީގެ އަހަރަށް ވުރެ ފަސް ޕަސެންޓުގެ އިތުރުވުމެކެވެ. މުދަލުގެ ޒަކާތުގެ ގޮތުގައި 2024 ވަނަ އަހަރު ލިިބިފައިވަނީ 102 މިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރު މުދަލުގެ ޒަކާތުގެ ގޮތުގައި ބަހާފައިވަނީ މީހަކަށް 5،000ރ. އެވެ.