އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި މިހާރު ހުންނެވި އާހިދު ރަޝީދު އެ މަގާމަށް އައްޔަންކުރީ ސެޕްޓެމްބަރު 6، 2021ގަ އެވެ.
އެ މަގާމުގައި އާހިދުގެ ފަސް އަހަރުގެ ދައުރު ހަމަވާނީ އަންނަ މަހުގެ 6 ވަނަ ދުވަހަށެވެ.
ރައީސް އޮފީހުން ބުނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގެ މުއްދަތު ހަމަވާތީ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މިއަދުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
މަގާމަށް ކުރިމަތިލާ ފަރާތުގެ ޝަރުތުތައް:
- އުމުރުން 35 އަހަރު ފުރިފައިވާ ދިވެއްސަކަށް ވުން
- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުން
- ފުރަތަމަ ޑިގްރީ ހާސިލްކޮށް، ހަތް އަހަރު މަސައްކަތު ތަޖުރިބާ ލިބިފައިވާ މީހަކަށްވުން
މީގެ އިތުރުން މަގާމަށް ކުރިމަތިލާ ފަރާތަކީ ގާނޫނުއަސާސީ ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ސިޔާސީ މަގާމެއްގައި ހުރި މީހަކަށް ވެގެން ނުވާނެ ކަމަށާއި ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށް ވެގެންނުވާނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ ޖުލައި 13، 2014 ގައި ރައީސް އުފައްދަވާފައިވާ އޮފީހެކެވެ.