މިދިޔަ ހުކުރު ދުވަހު އައި ބާރުގަދަ ކޮޅިގަނޑުގައި ނަގިލި ކަހާލައިގެން ކ. މާފުށީ ފަރުމައްޗަށް އަރައި ފުނޑުފުނޑުވި ސަފާރީން އުފެދުނު ކުނިތައް އެ ތަނުން ނަގާތޯ ބަލާނެ ކަމަށް އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން މިއަދު ބުނެފި އެވެ.
އީއާރުއޭގެ ޗީފް އެގްޒެކެޓިވް ހައްސާން މުހައްމަދު "މިހާރު" އަށް ވިދާޅުވީ އެ ހާދިސާ ހިނގަން މެދުވެރިވީ މޫސުން ގޯސްވުމުގެ ސަބަބުން އުޅަނދަކަށް ދިމާވި ކަމަކުން ކަމަށް ވާތީ، މިއީ ފަރުމައްޗަށް އުޅަނދެއް އެރި ހާދިސާއެއްގެ ގޮތުގައި އެ އޮތޯރިޓީން ތަހުގީގު ނުކުރާނެ ކަމަށެވެ.
"... އަޅުގަނޑުމެން ބަލާނީ [މި ހާދިސާގެ ސަބަބުން އުފެދުނު] ކުންޏާއި އެ ކުނިތައް މެނޭޖްކުރޭތޯ،" އޭނާ ވިދާޅުވި އެވެ.
އެ ހާދިސާއާ ގުޅިގެން މާފުށީ ކައުންސިލާއި އުޅަނދުގެ ވެރިންނަށް ރަސްމީކޮށް ގުޅައި މުއާމަލާތު ކުރާނެ ކަމަށް ވެސް ހައްސާން ވިދާޅުވި އެވެ.
ރާއްޖޭގެ ގެސްޓް ހައުސް ވިޔަފާރީގެ މައި ހަބް ކަމަށް މަޝްހޫރު މާފުށީގެ ބޭރުގައި އޮތް ޕްރިންސެސް ލާލަ (މާފުށީ ފްލޯޓިން ބާ) ނަގިލި ކަހާލައިގެން ގޮސް އެ ރަށުގެ ފަރުމައްޗަށް ލައްވެ ފުނޑުފުނޑުވީ މިދިޔަ ހުކުރު ދުވަހު ހެނދުނު އެވެ.
ސަފާރީގެ ބައިތައް ރަށުގެ ބަނދަރަށް ވަންނަމުން ދާތީ ސާފުކުރުމުގެ މަސައްކަތް އާންމުންނާއި ކައުންސިލްގެ އިތުރުން މުއައްސަސާތަކުން ގުޅިގެން އެ ދުވަހު ވެސް ކޮށްފައިވެ އެވެ.
ބާރުގަދަ ކޮޅިގަނޑުގައި ނަގިލި ކަހާލައިގެން ދިއުމުގެ ސަބަބުން އެ ސަފާރީ ބަނދަރުގެ ބޭރު ތޮށިގަނޑާ ދިމާލުން ފަރުމައްޗަށް ލައްވެ، ދިހަވަރަކަށް މިނިޓުގެ ތެރޭގައި މުޅި ސަފާރީ އެއްކޮށް ފުނޑުފުނޑުވި އެވެ. އެއީ، މާފުއްޓަށް ދާ ޓޫރިސްޓުންނަށް ހާއްސަކޮށްގެން އެ ރަށު ބޭރުގައި އަބަދުވެސް ބާއްވާފައި އޮންނަ ސަފާާރީއެކެވެ.