ކުދި ރުކުމަޑިއަށް ގުދުރަތީ ގޮތުން ހަމަލާދޭ ފައިދާ ހުރި ސޫފާސޫފި އާލާކުރަން ހާއްސަ ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.

ހދ. ހަނިމާދޫގައި ގާއިމްކުރި "ޕާމް ޕެސްޓު ބައިލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިން ސެންޓަރު" ހުޅުވައިދެއްވީ އެގްރިކަލްޗާ މިނިސްޓަރު އަހުމަދު ޝިޔާމް އާއި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގު ޒިއަންހުއާ އެވެ.

އެގްރިކަލްޗާ މިނިސްޓްރީން ބުނީ އެ ސެންޓަރުގެ ބޭނުމަކީ ރާއްޖޭގައި ރުއްތަކަށް ޖެހޭ ބަލިތަކާއި ގެއްލުންދޭ ޕެސްޓުތައް ދެނެގަނެ، އެ ފަދަ ބަލިތައް ދެމެހެއްޓެނިވި ގޮތެއްގައި ކޮންޓްރޯލްކުރެވޭނެ ނިޒާމެއް ގާއިމްކުރުން ކަމަށެވެ.

އޭގެ ތެރެއިން، ތިމާވެއްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ބަލިތައް ކޮންޓްރޯލްކުރަން ޕެސްޓަށް ހަމަލާދޭ ފައިދާ ހުރި ސޫފާސޫފި އާލާކޮށް، ބަލިޖެހިފައިވާ ސަރަހައްދުތަކަށް ދޫކުރުން ހިމެނެ އެވެ. އެ މަސައްކަތަށް ހާއްސަކޮށްގެން ދުވާލެއްގެ މައްޗަށް އެއް ލައްކަ ޕެރެސިޓޮއިޑް އާލާކުރުމުގެ ގާބިލްކަން ހުންނާނެ ކަމަށް ވެސް ބުންޏެވެ.

ޕާމް ޕެސްޓު ބައިލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިން ސެންޓަރު ހުޅުވައިދެއްވުމަށްފަހު ފިޝަރީޒް މިނިސްޓަރު ޝިޔާމް އަދި ޗައިނާގެ ސަފީރު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެގްރިކަލްޗާ މިނިސްޓްރީ
ޕާމް ޕެސްޓު ބައިލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިން ސެންޓަރު ހުޅުވައިދެއްވުމަށްފަހު ފިޝަރީޒް މިނިސްޓަރު ޝިޔާމް އަދި ޗައިނާގެ ސަފީރު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެގްރިކަލްޗާ މިނިސްޓްރީ

ރާއްޖެއިން ކޮކޮނަޓް ހިސްޕިޑް ބީޓްލް އެންމެ ފުރަތަމަ ފެނުނީ ސަން އައިލެންޑު ރިސޯޓުން 1999 ވަނަ އަހަރެވެ. މިނިސްޓްރީގެ ސަމާލުކަމަށް އެކަން ދިއުމާއެކު އެ ޕެސްޓު ފެތުރުން ހުއްޓުވަން ގިނަ މަސައްކަތްތަކެއް ކުރި އެވެ.

ރާއްޖޭގެ އެދުމުގެ މަތިން އދ. ގެ ފުޑް އެންޑް އެގްރިކަލްޗާ އޯގަނިޒޭޝަނުން ވަނީ އެ ޕެސްޓުން ލިބޭ ގެއްލުންތައް ކުޑަކުރަން "އިންޓަގްރޭޓެޑް ޕެސްޓު މެނޭޖްމަންޓް އޮފް ކޮކޮނަޓް ހިސްޓަލް ބީޓްލް" ގެ ނަމުގައި ސެޕްޓެމްބަރު، 2003 ގައި މަޝްރޫއެއް ފަށައިފަ އެވެ. އޭގެ ދަށުން ޕެރަސިޓޮއިޑް އާލާކޮށް، ބަލިޖެހިފައިވާ ސަރަހައްދުތަކަށް ދޫކުރަން ފެށި އެވެ.

މިނިސްޓްރީން ބުނީ ޕެސްޓާއި ހުދުކޫޑި ފަދަ ރުއްތަކަށް ޖެހޭ ބަލިތައް އެދެވޭ މިންވަރަށް ކޮންޓްރޯލްކުރުމުގައި އަދިވެސް ގޮންޖެހުންތައް ދިމާވާ ކަމަށެވެ. އެހެންވެ، އަލަށް ފެށި މަސައްކަތުން އެފަދަ ބަލިތައް ދެމެހެއްޓެނިވި ގޮތުގައި ކޮންޓްރޯލްކޮށް ނައްތާލަން މަގުފަހިވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ ސެންޓަރަކީ ރާއްޖެ އާއި ޗައިނާއާ ދެމެދު ގާއިމްކޮށްފައިވާ "މޯލްޑިވްސް ކޮކޮނަޓު ޓްރީ ޕެސްޓު ކޮންޓްރޯލް އެސިސްޓެންޓްސް ޕްރޮޖެކްޓު" ގެ ދަށުން ގާއިމްކުރި ތަނެކެވެ. އެ މަޝްރޫއުގެ ދަށުން ސެންޓަރު ހަދަން ސޮއިކުރީ ޖުލައި 14، 2025 ގަ އެވެ.