ރާއްޖޭގެ ރުއްތަކަށް ޖެހިފައިވާ ކޫޑި ބައްޔަށް ހައްލެއް ހޯދޭނެ ގޮތް މިހާރު ދެނެގަނެވިފައިވާ ކަމަށް އެގްރިކަލްޗާ މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދެއްގެ ރުއްތަކަށް ހުދުކޫޑި އާއި ކަޅުކޫޑިބަލި ޖެހުމުގެ ސަބަބުން މަތިވަރި ނުޖަހާ ރުއްތައް ހަލާކުވާތާ މިހާރު ވަނީ ފަސް ވަރަކަށް އަހަރު ވެފަ އެވެ. އޭގެ ސަބަބުން ކާށި ލިބުން ދަތިވެ ރުއްތައް ހަލާކުވެ އެވެ.
އެހެންވެ އެކަމަށް ހައްލެއް ގެނައުމަށް ޗައިނާ ސަރުކާރުގެ އެހީތެރިކަން ހޯދުމަށް އެއްބަސްވުމެއްގައި ސޮއި ކުރީ މިދިޔަ އަހަރު އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ ރުއްތަކަށް ޖެހޭ ބައްޔަށް ހައްލެއް ހޯދިފައިވަނީ ހދ. ހަނިމާދޫގައި ދަނޑުވެރިކަމަށް ހާއްސަކޮށް ހެދި ލެބޯޓަރީގައި ކުރި ތަހުލީލުތަކުން ކަމަށެވެ.
"އަޅުގަނޑުމެން އެ މަސައްކަތް ވަރަށް ބާރަށް [ބަލި ނައްތާލުމުގެ މަސައްކަތް] ފެތުރިފައި ހުރި ރަށްތަކުގައި އެކަމަށް ހައްލު ދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ފާށާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ޗައިނާއާ ގުޅިގެން ފަށާފައިވާ ދެ އަހަރު ދުވަހުގެ އެ ޕްރޮޖެކްޓުގެ އަމާޒަކީ ރާއްޖޭގެ ފުޑް ސެކިއުރިޓީއަށާއި އެގްރިބިޒްނަސް ކުރިއެރުވުމަށް ވެސް މުހިންމު ބާވަތެއް ކަމަށް ކަނޑައަޅާފައިވާ ދިވެހި ރުއް ހިމާޔަތް ކުރުމެވެ. އަދި ރާއްޖެއިން ބޭރުން ރާއްޖެއަށް އެތެރެކޮށްފައިވާ ރުކާއި ރުކުގެ ބައިތަކަށް ގެއްލުންދޭ ޕެސްޓްތައް ވެސް އެ ޕްރޮގްރާމްގެ ދަށުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރާނެ އެވެ.
ރާއްޖޭގެ ރުއްތަކަށް ޖެހޭ އެ ބަލި ފެތުރެނީ ދިރޭ ސޫތްޕެއްގެ ސަބަބުންނެވެ. އެ ސޫފި ރުކުގެ ފަނާއި ގަހުގެ ފެހި ބައިތަކަށް ހަމަލާދިނުމުން ސޫޓީމޯލްޑް ކިޔާ ކަޅުކުލައިގެ ފަންގަސްއެއް (ކަޅުކޫޑި ބަލި) ފެތުރި، ގަސްތައް ނިކަމެތިވެ ބައެއް ގަސްތައް މަރު ވެސް ވެ އެވެ.