ސިއްހީ ހިދުމަތްދޭ ތަންތަން އިމާރާތްކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހަވާލުކުރި މަޝްރޫއުތަކަށް ކުރިއަށް ނުދިއުމުން 16 ޕްރޮޖެކްޓެއް ބާތިލްކޮށްފައިވާ ކަމަށާއި އެ މަޝްރޫއުތަކަށް އެޑްވާންސްގެ ގޮތުގައި 60 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކުރީގެ ސަރުކާރުން މަޝްރޫއުތައް ހަވާލުކުރި ބައެއް ކުންފުނިތަކުން އަމަލީ މަސައްކަތް ނުފަށައި، ގިނަ ދުވަސްތަކެއް ވުމުން އެއްބަސްވުންތައް ބާތިލުކޮށް، އެހެން ކުންފުނިތަކާ ހަވާލުކުރަން ޖެހުނު ކަމަށެވެ.
އޭނާ ވިދާޅުވީ ގިނަ މަޝްރޫއުތަކެއްގެ އެއްބަސްވުން ބާތިލުކުރަން ޖެހުނީ މެންބަރު ޝަރީފުގެ ސުވާލުގައި ހިމެނޭ ކެލާ ސިއްހީ މަރުކަޒުގެ މަޝްރޫއުގައި ކަން ހިނގި ގޮތަށް ކަަމަށެވެ.
ސުވާލުގެ ކުރިން ޝަރީފު ވިދާޅުވީ ކެލާ ސިއްހީ މަރުކަޒުގެ މަސައްކަތް ކުރީ ސަރުކާރުން ބަޔަކާ ހަވާލުކުރީ މާ އަގުބޮޑުކޮށް ކަމަށާއި އެ އަށް ވުރެ ހެޔޮ އަގުގައި އެ މަަސައްކަތް ކުރާނެ ކުންފުނިތައް އޭރު ތިބި ކަމަށެވެ.
"އިއްޒަތްތެރި މެންބަރު ތިޔަ ފާހަގަކުރެއްވި ގޮތަށް ސިއްހީ ހިދުމަތުގައި ގިނަ އަދަދެއްގެ ޕްރޮޖެކްޓްތަކެއް ވަނީ މިގޮތަށް ބާތިލުކުރަން ޖެހިފައި. ފަސްދޮޅަސް މިލިއަނަށް ވުރެ ގިނަ ފައިސާ އިސްރާފުވެފައި ވަނީ މިގޮތަށް އެތައް ބަޔަކާ ހަވާލުކުރެވިފައި [ހުރި ޕްރޮޖެކްޓްތަކުން]،" ގީލާ ވިދާޅުވި އެވެ.
އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރުގެ ސުވާލާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ފައިސާ ދޫކުރިއަސް އެ ޕްރޮޖެކްޓުތަކުގެ އަމަލީ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ނުގޮސް, ދިގު މުއްދަތެއް ފާއިތުވުމުން ސިއްހީ ދާއިރާއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން, 16 ޕްރޮޖެކްޓެއް މިހާރު ބާތިލްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖުމްލަކޮށް ދަންނަވާލާނަމަ މި ޕްރޮޖެކްޓުތަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ވެސް 60 މިލިއަން ދޫކުރެވިފައިވާއިރު އަދި އެ ފައިސާ އަޅުގަނޑުމެން ރިކަވާ ކުރުމަށްޓަކައި އަދި ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރެވިފައި ނުވޭ. އެހެން ނަމަވެސް, އެ މަސައްކަތުގައި ކުރިއަށް މިހާރު ވެސް މަސައްކަތްކުރަމުންދާ ވާހަކަ ދަންނަވާލަން،"
"މިގޮތުން ހއ. އިހަވަންދޫ ހޮސްޕިޓަލަކީ މި ފަދަ ހޮސްޕިޓަލެއް. ފައިސާ ދޫކުރެވި, އެއްވެސް ވަރެއްގެ މަސައްކަތްތަކެއް ކުރިއަށް ނުގެންދެވި ވަނީ. ނަމަވެސް, މި ޕްރޮޖެކްޓު ވެސް ޓާމިނޭޓުކުރެވިފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގައި."
ސިއްހީ ހިދުމަތަށް ބޭނުންވާ އުމްރާނީ މަޝްރޫއުތައް ހުއްޓިފައި ހުރުމުގެ ކަންބޮޑުވުން ފާޅުކޮށް، އެ މަޝްރޫއުތައް އަލުން ފަށާނީ ކޮން އިރަކުންތޯ ގިނަ އަދަދެއްގެ މެންބަރުން މިއަދު ވެސް މިނިސްޓަރާ ސުވާލުކުރި އެވެ.
މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް މީގެ ކުރިން ވަޑައިގެންނެވި ފަހަރުތަކުގައި ވެސް މެންބަރުންގެ އެ ސުވާލު ކުރެއްވި އެވެ.