ރާއްޖޭގައި ނަފްސާނީ މައްސަލަތައް އޮތް މިންވަރު ދެނެގަންނަން ބޮޑު ސާވޭއެއް ފަށަން ތައްޔާރުވެފައިވާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ނަފްސާނީ މައްސަލަަތައް އޮތް މިންވަރު ބަލަން ކުރިއަށް ގެންދާނީ "މަލްޓިޕްލް އިންޑިކޭޓާ ކްލަސްޓާ ސާވޭ" އެެއް ކަމަށެވެ. އެކަަމަށް ކުރަން ޖެހޭ އިދާރީ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަލްޓިޕްލް އިންޑިކޭޓާ ކްލަސްޓާ ސާވޭއަކީ ބައިނަލްއަގުވާމީ ގޮތުން އަޅާ ކިޔޭ ފަދަ މައުލޫމާތު ގޭބިސީތަކުން އެއްކުރަން ޔުނިސެފުން ތައާރަފްކޮށްފައިވާ ސާވޭގެ ވައްތަރެކެވެ. އެ ސާވޭ ކުރިއަށް ގެންދާނީ ޔުނިސެފްގެ އެހީގައި ސަރުކާރުތަކުންނެވެ.
"އަންނަ އަހަރުގެ މެދެއްހާ ހިސާބަށް އަޅުގަނޑުމެންނަށް އެ ސާވޭ ކުރިއަށް ގެންދެވޭނެ. މިސާވޭއަކީ ފުރަަތަމަ ފަހަރަށް އާބާދީގެ ތެރޭގައި ނަފްސާނީ މައްސަލަތައް ހުރި މިންވަރު ދެނެގަތުމަށް ޓަކައި ކުރެވިގެންދާނެ ސާވޭއެއް ކަމުގައި ދަންނަވާލަން،" ގީލާ ވިދާޅުވި އެވެ.
މނިސްޓަރު ވިދާޅުވި ގޮތުގައި އެ ސާވޭއިން ލިބޭ މައުލޫމާތަކީ ރާއްޖޭގައި ކުރިއަށް އޮތް ތަނުގައި ނަފްސާނީ ފަރުވާގެ ހިދުމަތްތައް ފޯރުކޯށްދޭނެ ގޮތްތައް ކަނޑައެޅުމުގައި މުހިއްމު މައުލޫމާތުތަަކަށް ވާނެ އެވެ.
ރާއްޖޭގައި މިހާތަނަށް އެފަދަ ސާވޭއެއް ކޮށްފައި ނުވާކަން ގީލާ ފާހަގަކުރެއްވި އެވެ.
އެ ސާވޭ އަކީ ސަރުކާރުން ވަރަށް ބޮޑު ހޭދައެއް ކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ސާވޭއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަކު އެ ކަމަށް ހަރަދުކުރާނީ ކިހާ ފައިސާއެއް ކަން އޭނާ ވިދާޅެއް ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ނަފްސާނީ ސިއްހަތުގެ ބިލު ފާސްކުރުމުން، ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމުގައި ހުރި މައްސަލަތަކަށް ޖުމްލަ ހައްލެއް ލިބޭތޯ ވެސް މެންބަރު މައުރޫފް ސުވާލުކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ ބިލް ފާސްކުރުމަކީ ނަފްސާނީ މައްސަލަތަކަށް ފަރުވާކުރުމުގެ ނިޒާމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ ކަމަށެވެ.