ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިހި (މީސްލްސް)އަކީ ކޮންޓްރޯލް ނުކުރެވިގެން އުޅޭ ވަރުގެ ބައްޔެއް ނޫން ކަމަށާއި ބަލި ކޮންޓްރޯލް ނުކުރެވޭ ހާލަތަކަށް އަދި ނުދާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ސުވާލު ކުރެއްވީ ހިމަބިހި ކޮންޓްރޯލް ކުރުމުގައި ސަރުކާރާއި ހެލްތު މިނިސްޓްރީ ފެއިލްވީ ހެއްޔެވެ.

އެ ސުވާލަށް ދެއްވި ޖަވާބުގައި ގީލާ ވިދާޅުވީ ރާއްޖެއިން ހިމަބިހީގެ ކޭސްތައް މި ދުވަސްވަރު ކޮންމެވެސް ވަރަކަށް ފެންނަމުންދާ ކަމަށެވެ. ނަމަވެސް، މި ބަލި އޮތީ ކޮންޓްރޯލް ނުކުރެވޭ ވަރުގެ ހާލަތެއްގައި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. 

"ހިމަބިއްސަކީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އެކަކުގެ ގައިން އަނެކަކުގެ ގަޔަށް އަރާ ބައްޔަކަށް ވާތީ އެ ބަލި ފަސޭހަވާން ނަގާ މުއްދަތު ވެސް ވަރަށް ކުރުވާނެ. އެހެންވީމަ މި ބައްޔަކީ އަޅުގަނޑުމެންނަށް އާދަޔާ ހިލާފަށް ފެތުރެމުންދާ ނުވަތަ ބަލި ކޮންޓްރޯލް ނުކުރެވިގެން އުޅޭ ވަރުގެ ބައްޔެއް ނޫން،" ގީލާ ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރު ގީލާ އަލީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: މަޖިލިސް
ހެލްތު މިނިސްޓަރު ގީލާ އަލީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: މަޖިލިސް

ކޮންމެ ބައްޔަކީ ވެސް އެ ބައްޔަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި ކޮންޓްރޯލް ކުރުމަށް މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ބައްޔެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހިމަބިއްސާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މަޖިލީހަށް ހާޒިރުވާނެ ކަމަށް ވެސް ގީލާ ވިދާޅުވި އެވެ.

ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ސުވާލު ކުރެއްވީ ރާއްޖޭގައި އާދަޔާ ހިލާފަށް ހިމަބިހި ފެތުރެން މެދުވެރިވީ އެ ބައްޔަށް ޓެސްޓު ކުރާ ކިޓު ހުސްވެފައި ހުރުމުން ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ސާފުކޮށްދެއްވުމަށެވެ. 

ނަމަވެސް ގީލާ ވިދާޅުވީ އެ ސުވާލާ ބެހޭ މައުލޫމާތު އޭނާގެ އަތުގައި މިވަގުތު ނެތް ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން އިއްޔެ ބުނީ މިދިޔަ ހަފުތާގައި ހިމަބިހީގެ 55 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ. އަދި އެއާ އެކު، މި އަހަރުގެ މިހާތަނަށް ހިމަބިހީގެ ޖުމްލަ 121 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. 

ހެލްތު މިނިސްޓަރު ގީލާ އަލީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަނީ.-- ފޮޓޯ: މަޖިލިސް
ހެލްތު މިނިސްޓަރު ގީލާ އަލީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަނީ.-- ފޮޓޯ: މަޖިލިސް

ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ދިނުމުގެ ހާއްސަ ޕްރޮގްރާމެއް ވެސް އެޗްޕީއޭ އިން ފަށާފައިވާއިރު، މިހާތަނަށް 5،495 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެ އެޖެންސީން އިއްޔެ ބުންޏެވެ. 

ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިހި އެންމެ ގިނައިން ޖެހިފައި ވަނީ އުމުރުން 15 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށް ކަމަށާއި މިހާތަނަށް ބަލި ޖެހުނީ ހަތަރު ކުޑަކުއްޖަކަށް ކަމަށް ވެސް ކުޑަކުދިންގެ ހާއްސަ ޑރ. އަހުމަދު ފައިސަލް މިދިޔަ އާދިއްތަ ދުވަހު ވިދާޅުވެފައިވެ އެވެ.

ރާއްޖެއިން ހިމަބިހި ނައްތާލީ 2017 ވަނަ އަހަރު އެވެ. ނަމަވެސް އޭގެ ފަހުން، ވެސް ރާއްޖޭގައި އުޅޭ ބިދޭސީންގެ ގައިން އެ ބަލި ފެނެ އެވެ. އެކަމަކު މި ފަހަރު ހާލަތު ގޯސްވީ ދިވެހިންގެ ތެރޭގައި މި ބަލި އިތުރުވާން ފެށުމުންނެވެ.