މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ (ސުނީ) ސިލްސިލާކޮށް ގެނެސްދޭ ލަވަ ވީސީޑީ "ހިތް ދީވާނާ 7" ގެ މަސައްކަތް ފަށައިފި އެވެ.
މި ސިލްސިލާގެ ދަށުން އޭނާ އެންމެ ފަހުން ސީޑީއެއް ނެރުނީ 2013 ގަ އެވެ. އެކަމަކު 2014 ގައި "ސުނީ ސްޕެޝަލް" ގެ ނަމުގައި އާ ލަވަތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދިނެވެ.
ސުނީ ބުނީ ދެ އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު، އޭނާގެ ލަވަތައް ހިމެނޭ ސީޑީއެއް މި ފަހަރު ގެނެސްދޭ އިރު، ވީސީޑީ ހާއްސަކޮށްފައި ވަނީ އޭނާގެ އައިޑޮލް އަދި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާއަށެވެ.
އެހެންވެ ސީޑީގެ ނަމަކަށް މި ފަހަރު ހަމަޖައްސައި ވަނީ "ޕްރިޔަންކާ ސްޕެޝަލް: ހިތް ދީވާނާ 7" އެވެ.
ޕްރިޔަންކާގެ ހާއްސަ ފޭނެއްގެ ގޮތުގައި ބޮޑު ސަމާލުކަމެއް ހޯދާފައިވާ ސުނީ ބުނީ މި ފަހަރުގެ ސީޑީގައި 10 ލަވަ ހިމެނޭނެ ކަމަށެވެ. މީގެ ތެރޭގައި މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއް ކާމިޔާބު ކުރި ލައިޝާ ޖުނައިދު ކިޔާފައިވާ ލަވައެއް ވެސް ހިމެނެ އެވެ.
ލަވަތަކުގެ ރެކޯޑިން މިހާރު ކުރިއަށްދާ އިރު، ފުރަތަމަ ލަވައިގެ ޝޫޓިން އަށް އަންނަ މަހު އޭނާ ސްރީ ލަންކާ އަށް ފުރާނެ އެވެ.
"މި ލަވަވެގެން ދާނީ ސީޑީގައި ހިމެނޭ ލަވަތަކުގެ ތެރެއިން ޝޫޓް ކުރާ ފުރަތަމަ ލަވައަށް. ރާއްޖޭގައި މީގެ ގިނަ ލަވަތައް ޝޫޓް ކުރާނީ،" މިދިޔަ އަހަރު "ސުނީތާ އޯ މައި ޑާލިން" ގެ ނަމުގައި އަމިއްލަށް ލަވަ ކިޔައި، ވީޑިއޯ ނެރުނު ނެށުންތެރިޔާ ބުންޏެވެ.
"ސުނީ ބުނީ "ހިތް ދީވާނާ 7" މި ފަހަރު ޕްރިޔަންކާ އަށް ހާއްސަ ކުރާތީ، ސީޑީގެ ގިނަ ލަވަތަކުގެ އަންހެން ފަންނާނެއްގެ ގޮތުގައި އޭނާ ފެނުން ގާތް ކަމަށެވެ.
"ޕަރިޔަންކާގެ ޓީމާ ވެސް ވާހަކަ ދައްކައި އެ މީހުންގެ ލަފަ އާއި އިރުޝާދުގެ ދަށުން މި ފަހަރު މީތި މި ހަދަނީ ވެސް،" އެކި މީހުން ލައްވައި ލަވަތައް ޑައިރެކްޓް ކުރާ ސީޑީއާ ބެހޭ ގޮތުން އޭނާ ބުންޏެވެ.
"ދެން ބޮޑަށް ބަލާނީ ލަވަތަކުގެ އެކްޓަރުންނަށް އާ ކުދިން ގެންނަން. ބޮޑަަށް ނެށޭ ކަހަލަ ކުދިންނަށް އަސްލު އިސްކަން ދޭނީ. މީގައި ބޮޑަށް ހުންނާނީ ހަމަ ސުނީއާ އެކު ނަށާ ކަހަލަ ލަވަތައް،" ސުނީ ބުންޏެވެ.
އޭނާ ބުނީ "ޕްރިޔަންކާ ސްޕެޝަލް: ހިތް ދީވާނާ 7" ނެރޭނެ ދުވަހެއް އަދި ނުނިންމާ ކަމަށެވެ.
"އުންމީދަކީ މި އަހަރު މީތި ބެލުންތެރިންނާ ހަމައަށް ގެނެސް ދިނުން،" އަމިއްލަ އަށް ހަރަދުކޮށްގެން ހަދާ ލަވަތަކާ ބެހޭ ގޮތުން ސުނީ ބުންޏެވެ. "ހިތް ދީވާނާއަކީ އަސްލު ވިޔަފާރިއަކަށް ވުރެ ބޮޑަށް، ފޭނުންނަށް ސުނީގެ ފަރާތުން ދޭ ހަދިޔާއެއްގެ ގޮތުގައި ހަދަމުން އަންނަ އެއްޗެއް. މީތި ގެނެސް ދޭން މިހާރު ވެސް ވަރަށް ގިނަ ފޭނުން އެބަ ރެކްއެސްޓް ކުރޭ."