ސުނީތާ އަލީ އަށް ތަފާތު ފާޑު ކިޔައި، ބައެއް ފަރާތްތަކުން މަލާމާތް ކުރަމުން ދަނިކޮށް އޭނާގެ އިންޓަވިއުއެއް ބަައިނަލްއަގުވާމީ ބޮޑު މަޖައްލާއެއްގައި ޝާއިއުކޮށްފި އެވެ. ދުނިޔޭގެ މަޝްހޫރު ޖީކިޔުގެ އިންޑިޔާގެ މަޖައްލާގެ ހުކުރު ދުވަހުގެ އަދަދުގައި ސުނީތާގެ ވަރަށް ހާއްސަ އިންޓަވިއުއެއް ވަނީ ޝާއިއުކޮށްފަ އެވެ.
"މިއީ ހުވަފެނުން ވެސް ނުދެކޭ ވަރުގެ ފުރުސަތެއް،" އިންޑިޔާގެ މަޝްހޫރު ފިލްމީ ތަރި، ޕްްރިޔަންކާ ޗޯޕްޅާ ރާއްޖޭގައި އިޝްތިހާރުކޮށް، އަދި އޭނާ ނަކަލުކޮށްގެން އުޅޭ ސުނީތާ ބުންޏެވެ. "މިހިރީ ވަރަށް އުފަލުން. މިއީ އެހެން ދިވެއްސަކަށް ލިބުނު ފުރުސަތެއް ކަމެއް ވެސް އެނގިފައެއް ނެތް."
ޕްރިޔަންކާގެ "ހިޔަނީ"ގައި މަޝްހޫރުކަން ހޯދަމުން ގެެންދާތީ، އާންމުންގެ ވަރަށް ގިނަ ބަޔަކު އޭނާއާ ދިމާއަށް ވެސް ކިޔަނީ ސުނިޔަންކާ އެވެ. އެކަމަކު ސުނީ ދެކޭ ގޮތުގައި މީހަކަށް ތާއީދުކޮށް އެ މީހަކު ނަކަލު ކުރުމަކީ މައްސަލައެއް ނޫނެވެ.
ސުނީގެ އިންޓަވިއު ޝާއިއުކުރާ ޖީކިޔު މަޖައްލާއިން، އޭނާ ހާއްސަ ކުރީ ވެސް "ރާއްޖޭގެ ޕްރިޔަންކާ"ގެ ގޮތުގަ އެވެ. އެ އިންޓަވިއު ޖީކިޔު އިން ނަގާފައި ވަނީ ސުނީއާ އެކު އެކި ރަށްރަށަށް ދަތުރުކޮށް ސުނީގެ ބައެއް ޝޯތައް ވެސް ބަލައިގެންނެވެ. ސުނީގެ ޚާއްސަ ފޮޓޯ ޝޫޓެއް ވެސް ޖީކިޔު އިން ކުރިއަށް ގެންގޮސްފައި ވެ އެވެ. ސުނީގެ ވާހަކަ، އޮތް މަޖައްލާގެ ބޭރުގަނޑު ޖީކިޔުއިން ވަނީ ސުނީ އަށް ފޮނުވައިފަ އެވެ. އެ ބޭރުގަނޑަށް ސުނީގެ ސުރުހީ ވެސް ވަނީ އަރައިފަ އެވެ.
ޖީކިޔު މަޖައްލާ އަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ނެރޭ ލައިފްސްޓައިލް މެގެޒިން އެކެވެ.
ސުނީ ބުނީ، މިއީ އޭނާގެ ހަޔާތުގައި ވެސް ލިބުނު ވަރަށް ބޮޑު ފުރުސަތެއް ކަމަށާއި އެކަމާ ފަޚުރުވެރިވާ ކަމަށެވެ.
"އަހަރެން ހިޔެއް ވެސް ނުކުރަން ފުރަތަމަ އެ މީހުން އެ އިންޓަވިއުގެ ވާހަކަ ދެއްކީމަ އެއީ އެހާ ސީރިއަސް ވާހަކައެއް ކަމެއް ވެސް. އެކަމަކު އެކަން ވެސް އެ ހަގީގަތަކަށްވީ."