މަޝްހޫރު ނެށުންތެރިޔާ، ސުނީތާ އަލީ ބުނާ ގޮތުން މުނިފޫހިފިލުވައިދިނުމަށް އޭނާއަށް ވުރެ މަަޝްހޫރު ފަންނާނެއް ރާއްޖެއަކު މިހާރު ނުހުންނާނެ އެވެ. އޭނާގެ ސަޕޯޓަރުން ވެސް އެހާ ގިނަ އެވެ. ގިނަ ބައެއްގެ މުނިފޫހިފިލުވައިދީގެން އޭނާއަށް ލިބޭ އާމްދަނީ ވެސް ވަރަށް ރަނގަޅެވެ.

ސުނީތާ ބުނި ގޮތުގައި ގިނަ މަސް މަހު އޭނާގެ އާމްދަނީ އުޅެނީ ބައި ލައްކައަށް ވުރެ މަތީގަ އެވެ. އެންމެ މަދުން ލިބޭ މަސް މަހު ވެސް 20،000 ރުފިޔާ ލިބެ އެވެ.

އޭނާގެ އާމްދަނީ ހޭދަކުރަނީ މަރުދޭ ބޮލީވުޑްގެ ތަރި، ޕްރިޔަންކާ ޗޯޕްރާއަށް ހާއްސަކޮށްގެން ލަވަ ސީޑީ ނެރެން ހެއްޔެވެ؟ ނުވަތަ ޕްރިޔަންކާ ލާ ހެދުންތައް ނަކަލުކޮށްގެން އެއާ އެއްގޮތަށް ހެދުން ފަހަނީ ހެއްޔެވެ؟ އެކަމަކު ނޫނެކެވެ. އޭނާގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހަރަދު ކުރަނީ އާއިލާއަށެވެ.

އއ. އުކުޅަހަށް އުފަން އުމުރުން 38 އަހަރުގެ ނެށުންތެރިޔާގެ އެއްބަނޑު ހަ ކޮއްކޮ ތިބެ އެވެ. ބައްޕަގެ ފަރާތުން ވެސް އޭނާގެ އާއިލާ ބޮޑެވެ. ވަރަށް ޅަ އުމުރުގައި މައިންބަފައިން ވަކިވުމުން އޭނާ ބެލީ މާމަ އެވެ. ސުނީތާ ބުނި ގޮތުގައި ރަށުގައި އޭނާ އުޅުނީ ވަރަށް ހާލުގަ އެވެ. އެހެންވެ، އަމިއްލަ މަސައްކަތުން މީހަކަށް ވެ، އަމިއްލައަށް ހޯދާ ފައިސާއިން އެހެން މީހުންނަށް އެހީތެރިވާން ކުރިންސުރެ އޭނާ އަޒުމުކަނޑައެޅި އެވެ.

ސުނީތާ އޭނާގެ ކޮއްކޮމެންނާ އެކު: އާއިލާއަށް ބޮޑު އެހީއެއް ވެދޭ ކަމަށް ބުނި
ސުނީތާ އޭނާގެ ކޮއްކޮމެންނާ އެކު: އާއިލާއަށް ބޮޑު އެހީއެއް ވެދޭ ކަމަށް ބުނި

"މިހާރު ވެސް ވަރަށް ހަނދާންވޭ އާފަލެއް ކާހިތުން، އާފަލެއް ލައްގާތޯ ގޮނޑުދޮށުގައި އިން ދުވަސްތައް. އެ ކަހަލަ ކަންކަން ދިމާވެފައި ހުރީމަ ބޭނުންވޭ އަމިއްލަ ފައިސާއިން އެހެން މީހުންނަށް އެހީތެރިވާން،" ސުނީތާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އުމުރުން 15 އަހަރުގައި އޭނާ މާލެ ބަދަލުވެ، ދައްތައެއް ކައިރީގައި ހުރީ ގޭތެރޭގެ މަސައްކަތް ކުރާށެވެ. ކިޔެވުމުގެ ފުރުސަތެއް ނުލިބުނެވެ. އެކަމަކު އޭރު ބާއްވަމުން އައި، ގެލެކްޝީ ޝޯއެއްގެ ސްޓޭޖް މައްޗަށް ނަށަށް އެރި ހިސާބުން އޭނާގެ ނަސީބު ބަދަލުވެއްޖެ އެވެ.

އަޑިގުޑަންތަކާއި ބޮޑެތި ގޮންޖެހުންތަކާ އެކު ވެސް އޭނާ މިއަދު ވަނީ ކާމިޔާބު މީހަކަށް ވެފަ އެވެ. ނަށައިގެން ބޮޑު އާމްދަނީއެއް ނުލިބޭ އިރު ވެސް އޭނާ ވަނީ އާއިލާގެ ޒިންމާތަކާ ހަވާލުވެފަ އެވެ.

"ކޮއްކޮމެންގެ ކިޔެވުމަށް ބޭނުންވާ ހުރިހާ އެއްޗެއް ގަނެދެން. މާލެ ގެނެސް ގޭގައި ބަހައްޓައިގެން ބޭސް ކޮށްދީ ހަދަން. މިހާރު މި އުޅޭ ތަނުގައި އިންނާނެ އަބަދުވެސް އެ މީހުންނަށް އެއް ކޮޓަރި ހާއްސަކޮށްފައި،" ސުނީތާ ބުންޏެވެ.

ސުނީތާ ކުޑަކުދިންތަކަކާ އެކު: ސަޕޯޓަރުންގެ ބޮޑު ތަރުހީބެއް ލިބޭ ކަމަށް ސުނީތާ ބުނި
ސުނީތާ ކުޑަކުދިންތަކަކާ އެކު: ސަޕޯޓަރުންގެ ބޮޑު ތަރުހީބެއް ލިބޭ ކަމަށް ސުނީތާ ބުނި

"ވަރަށް އުފާވޭ މަންމަމެންނާ ކޮއްކޮމެންނަށް އެހީވާ މީހަކަށް އަހަރެން ވުމުން."

ސުނީތާ ބުނިގޮތުގައި އޭނާއަކީ އަބަދުވެސް މީހަކަށް ބަރޯސާ ނުވެ، އަމިއްލައަށް އާމްދަނީ ހޯދައިގެން އުޅެން ބޭނުންވާ މީހެކެވެ. އަދި އޭނާ ކުރާ މަސައްކަތުން މީހުންނަށް އެހީވުން އެއީ އެންމެ ބޮޑު އުފަލެވެ.

ސުނީތާ ބުނީ ކުޑައިރު އޭނާ ރަށުގައި އުޅުނު ހާލު އެނގޭ މީހުން މިއަދު އޭނާއަށްޓަކައި ފަހުރުވެރިވާ ކަަމަށެވެ.

"އެހާ ހާލުގައި އުޅެފައި ވެސް މިއަދު އަޅުގަނޑު އެބަ މަންމަ އާއި ކޮއްކޮމެން ބަލަން. އެހެންވެ، މިކަމުގައި އުކުޅަހު މީހުން އަޅުގަނޑު ނަމޫނާއަކަށް ބަލާނެ،" ސުނީތާ ބުންޏެވެ.

ހެދުން އަލަމާރި ޕްރިޔަންކާގެ ހެދުންތަކުން ފުރިފައި

ދެން ސުނީތާ އެކަމަކަށް މިހާރު އެންމެ މަޝްހޫރުވެފައިވާ ކަންކަމުގެ ވާހަކަ އެވެ.

ސުނީތާ އޭނާގެ އެންމެ ސަޕޯޓު ކުރާ ފިލްމީތަރި ޕްރިޔަންކާގެ ހެދުންތަކުގައި: މީގެ 30 ހަކަށް ހެދުން އޭނާ އަތުގައި އޮވޭ
ސުނީތާ އޭނާގެ އެންމެ ސަޕޯޓު ކުރާ ފިލްމީތަރި ޕްރިޔަންކާގެ ހެދުންތަކުގައި: މީގެ 30 ހަކަށް ހެދުން އޭނާ އަތުގައި އޮވޭ

ނެށުންތެރިއަކަށް ވުރެ ބޮޑަށް އޭނާ ދިވެހިންގެ ތެރޭގައި މިހާރު މަޝްހޫރީ، ޕްރިޔަންކާގެ "ޑައިހާޑް" ފޭނެއްގެ ގޮތުގަ އެވެ. ހަފުލާތަކަށް ޕްރިޔަންކާ އަޅާ ކޮންމެ ހެދުމަކަށް އޭނާ ހެދުމެއް ފަހަ އެވެ. މިހާތަނަށް އައިއިރު ޕްރިޔަންކާގެ ހެދުންތަކުން އޭނާގެ އަލަމާރި އޮތީ ފުރިފަ އެވެ.

ސުނީތާ ބުނީ އޭނާއަކީ ޝޯތަކަށް ގިނައިން ހެދުން ފަހާ މީހެއް ކަމަށާއި އެހެން ލާ ހެދުންތައް އޭނާ ދެނީ ކޮއްކޮމެންނަށް ކަމަށެވެ. އެކަމަކު "ޕްރިޔަންކާ ޑިޒައިން"ގެ އެއްވެސް ހެދުމެއް އެހެން މީހަކަށް ނުދެ އެވެ.

"އެ ހުރިހާ ހެދުމެއް ވެސް ހުންނާނެ އަލަމާރީގައި. ހިތަށްއަރަނީ ދެން މީޓްވާ ފަހަރަކުން ޕްރިޔަންކާއަށް ހެދުންތައް ދޭން،" ސުނީތާ ބުންޏެވެ.

ޕްރިޔަންކާ ލާ ހެދުންތަކާ އެއްގޮތަށް ފަހާފައިވާ 30 ހަކަށް ހެދުން ސުނީތާ އަތުގައި އޮވެ އެވެ. އެއިން ގިނަ ހެދުންތައް ފަހަން 3،000 ރުފިޔާ ވަރު ހަރަދުވި އެވެ.

ޕްރިޔަންކާ އަޅާފައިވާ ހެދުމަކާ އެއްގޮތަށް ސުނީތާ ހެދުން ލާފައި: މިއީ އޭނާއަށް އެންމެ ރީތި އެއް ހެދުން
ޕްރިޔަންކާ އަޅާފައިވާ ހެދުމަކާ އެއްގޮތަށް ސުނީތާ ހެދުން ލާފައި: މިއީ އޭނާއަށް އެންމެ ރީތި އެއް ހެދުން

ސުނީތާ ބުނީ ޕްރިޔަންކާގެ ހެދުމާ އެއްގޮތަށް ހެދުން ފެހުމަށް ވުުރެ އެންމެ އުނދަގުލީ އެއާ އެއްގޮތް ފޮތި ހޯދަން ކަމަށެވެ. އެކަމަކު ފޮތި ގުޅުވައިގެން ނަމަވެސް އޭނާ ފަހާ ހެދުންތަކަށް ގިނަ ބައެއްގެ ތައުރީފް ލިބެ އެވެ.

"ބޭރު ގައުމުތަކުގައި ތިބޭ ޕީސީ [ޕްރިޔަންކާ]ގެ ފޭނުން ވެސް އަހާނެ ތިއީ ހަމަ ފަހާފައި އިން އެއްޗެއްތޯ. ވަރަށް ހައިރާންވެފައި ތިބޭނީ ދެ ހެދުން ވައްތަރުކަމުން،" ސުނީތާ ބުންޏެވެ.

މި ހުރިހާ ހެދުންތަކުގެ ތެރޭން ވެސް އޭނާއަށް އެންމެ ކަމުދިޔައީ ވަރަށް ފަހުން ރާއްޖެ އައި ބޭރުގެ މޭކަޕް އާޓިސްޓަކު ބޭއްވި އިވެންޓެއްގައި އޭނާ ލީ ފެހި ކުލައިގެ ހެދުމެވެ. މީގެ އިތުރުން މިދިޔަ މަހު ފާހަގަކުރި އޭނާގެ އުފަންދުވަހު ލީ ހުދު ކުލައިގެ ޓޮޕާއި ދަނބު ކުލައި ސްކާޓް ވެސް އޭނާއަށް ވަރަށް ރީއްޗެވެ. މިއީ ހުސް ޕްރިޔަންކާގެ ހެދުންތަކުގެ ނަކަލެވެ.

ރާއްޖެ އައި ބައިނަލްއަގްވާމީ މޭކަޕް އާޓިސްޓެއްގެ އިވެންޓެއްގައި ސުނީތާ (ވ). އޭނާ އަޅައިގެން ހުރި ހެދުމަކީ މި ފަހުން އޭނާ ފެހި އެންމެ ރީތި ހެދުން-- ފޮޓޯ/ ސުނީތާގެ ފޭސްބުކް ޕޭޖް
ރާއްޖެ އައި ބައިނަލްއަގްވާމީ މޭކަޕް އާޓިސްޓެއްގެ އިވެންޓެއްގައި ސުނީތާ (ވ). އޭނާ އަޅައިގެން ހުރި ހެދުމަކީ މި ފަހުން އޭނާ ފެހި އެންމެ ރީތި ހެދުން-- ފޮޓޯ/ ސުނީތާގެ ފޭސްބުކް ޕޭޖް

ޕްރިޔަންކާގެ ހެދުމެއް ސުނީތާ ލާއިރަށް ސޯޝަލް މީޑިއާގައި އެ ހެދުމުގެ ފޮޓޯ ދައުރުވެ އެވެ. މިއީ ސުނީތާ ބޭނުންވާ ގޮތް ވެސް މެ އެވެ.

ސުނީތާ ބުނި ގޮތުގައި އޭނާ އެންމެ ހިތްހަމަޖެހެނީ، ޕްރިޔަންކާގެ އެންމެ ބޮޑު ފޭނުގެ ގޮތުގައި މީހުން އޭނާ ބަލައިގަންނާތީ އެވެ. ކުރިން ހަމައެކަނި ގޭގެއިން ދައުވަތު ލިބެނީ ހިތާނުކޮށްގެން ބާއްވާ ޝޯތަކަށް ނަމަވެސް، ކައިވެނި ހަފުލާތަކާއި އުފަން ދުވަހުގެ ޕާޓީތަކަށް ވެސް މިހާރު ދާން ޖެހެ އެވެ. ކިތަންމެ ބުރަ ނަމަވެސް އެ ދައުވަތުތަކުން އޭނާއަށް ލިބޭ ހިތްހަމަޖެހުން ބޮޑެވެ.