ނެށުމުގެ ހުނަރުން މަޝްހޫރުކަން ހޯދި ސުނީތާ (ސުނީ) އަލީ އޭނާގެ މަސައްކަތާ މާ ދުރުން، އެހެން ވިޔަފާރިއެއްގެ ތެރެއަށް ވަނީ އެވެ. ކާށިތެޔޮ ވިއްކަނީ އެވެ.

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ރާއްޖޭގެ އެންމެ ބޮޑު ފޭންގެ އާ ވިޔަފާރީގެ މައި މަރުކަޒަކީ ސުނީގެ އުފަން ރަށް އއ. އުކުޅަހެވެ. މަންމަ ތައްޔާރު ކުރާ "100 ޕަސެންޓް ނެޗުރަލް" ކާށިތެޔޮ ވިއްކަނީ "ސުނީސް ސްޕެޝަލް ކޮކޮނަޓް އޮއިލް" ގެ ނަމުގަ އެވެ. ފުޅިއެއްގެ އަގަކީ 100ރ. އެވެ.

ސުނީ ބުނީ މި ތެޔޮ ބޭނުންވާ މީހުން ފޭސްބުކުންނާއި އިންސްޓަގްރާމުން އިޝާރާތްކޮށްލުމުން ޑެލިވަކޮށްދޭނެ ކަމަށެވެ.

ރާނީ ޖޫސް ހުސްކުރި ފުޅީގައި މިހާރު ހަމައެކަނި ވަގުތީ ލޭބަލެއް ޖަހައިގެން "ސުނީސް ސްޕެޝަލް ކޮކޮނަޓް އޮއިލް" ވިއްކި ނަމަވެސް، ހިތްގައިމު ލޭބަލަކާ އެކު، ތަފާތު ފުޅިއެއްގައި މި ތެޔޮ ބްރޭންޑްކޮށް، ވަރަށް އަވަހަށް ވިއްކަން ފަށާނެ އެވެ. އެކަމުގެ ތައްޔާރީތައް ކުރިއަށް އެބަ ދެ އެވެ.

"އެންމެ ބޮޑު ކަމަކަށް މިއޮތީ މި ތެލަށް ހާއްސަ ފުޅި ހޯދުން. ތަންކޮޅެއް އުނދަގޫ ކަމަކަށް ވިޔަސް ވަރަށް އަވަހަށް ބްރޭންޑްކޮށް ތެޔޮފުޅި ނެރުން ޓާގެޓަކީ،" ހިތް ދީވާނާގެ ނަމުގައި ބެލުންތެރިންނަށް ވީޑިއޯ ލަވަ ކަލެކްޝަން ވެސް ގެނެސްދޭ ސުނީ ބުންޏެވެ.

އޭނާ ބުނީ ތެޔޮ ތައްޔާރުކުރުމަކީ ރަށުގައި މަންމަ ވަރަށް ފަހުން ފެށި މަސައްކަތެއް ކަމަށެވެ. ސުނީ ބޭނުންވީ މާލޭގައި މި ވިއްކައި މަންމަ އަށް ކަމެއް ކޮށްދިނުމެވެ.

"ހަމަ އެންމެ ކުރީ ޒަމާނުގައި ކާށިޔެތޮ ތައްޔާރުކުރާ ގޮތަށް މަންމަ މިކަން ކުރަނީ. އެހެންވީމާ މީގެ ކޮލިޓީ ވެސް ވަރަށް ރަނގަޅު ވާނެ،" މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވިއްކަން ފެށި ތެލާ ބެހޭ ގޮތުން ސުނީ ބުންޏެވެ. "މިހާތަނަށް އަހަރެންގެ އަތުން ތެޔޮ ގަތް މީހުން އެބަހުރި މީގެ ވަހާ އެއްޗެހި ވެސް ރަނގަޅުވެގެން ކޮމެންޓްކޮށްފައި. މަޑުމަޑުން ގިނަ ބަޔަކަށް އެނގޭ ވަރަކަށް މާކެޓް ފުޅާވަމުން އަންނާނެ ކަމަށް މިހާރު މި ބަލަނީ. މިހާރު ވެސް ހަމަ ވިޔަފާރި ހަމަ ރަނގަޅޭ ބުނެވޭނީ. ރިސޯޓްތަކުން މިހާރު ވަރަށް ގުޅާ މި ތެޔޮ ހޯދަން."

ސުނީ ބުނި ގޮތުގައި ކާށިތެޔޮ ހިމެނޭ ގޮތަށް އޭނާގެ ނަމުގައި ކޮސްމެޓިކް ރޭންޖެއް ނެރުމަކީ ވެސް ދެކޭ ހުވަފެނެކެވެ.

"އަބަދުވެސް ހިތުގައި އޮންނަ ކަމެއް އެއީ. އުންމީދު ކުރަން އެކަހަލަ ކަމެއް ފެށޭނެ ކަމަށް،" އޭނާ ބުންޏެވެ. "މިއީ ފަހަރުގައި ހަމަ އޭގެ ފެށުމަކަށް ކަންނޭނގޭ ވާނީ."

ދެން އޮތް ސުވާލަކީ އެ މީހަކަށް ސުނީ މަރުދޭ ޕްރިޔަންކާ އަށް "ސުނީސް ސްޕެޝަލް ކޮކަންޓް އޮއިލް" ފުޅިއެއް ހަދިޔާ ކުރާނަން ހެއްޔެވެ؟

"ހިތަށް އަރަނީ ދެން ޕްރިޔަންކާއާ ދިމާވާ ފަހަރެއްގައި މީގެ ތެޔޮ ފުޅިއެއް ހަދިޔާއަކަށް ދޭނަމޭ." މިހާތަނަށް ތިން ފަހަރަށް ޕްރިޔަންކާއާ ދިމާވެފައިވާ ސުނީ ހިނިގަނޑެއް ޖަހާލައިފައިބުންޏެވެ. "އެކަން ކުރަން ވާނެތާ ދޯ ކޮންމެހެން ވެސް؟"