ޕްރިޔަންކާގެ އެންމެ ބޮޑު ފޭނަކީ ސުނީތާ އަލީކަން މިހާރު އެންމެންނަށް ވެސް އެނގޭނެ އެވެ. އިންޑިއާގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މިހާރު ރަނިކަން ކުރަމުން އަންނަ، ބައިނަލްއަގްވާމީ ތަރިއާ ބައްދަލުކޮށްލުމުގެ ފުރުސަތު ލިބުނު މަދު ދިވެހިންގެ ތެރޭގައި ސުނީތާ ހިމެނެ އެވެ. އެހެންވީމާ، ޕްރިޔަންކާގެ ޝަރަފުގައި ބާއްވާ ކުޑަ އެއްވެލުމަކަށް އޭނާ އަށް ދައުވަތު ލިބުމަކީ ހައިރާންވާވަރުގެ ކަމެއް ނޫނެވެ.

ދިއްލީގައި ޕްރިޔަންކާ ބޭއްވި ހާއްސަ ބައްދަލުވުމަކަށް ފަހު ސުނީތާ މިރޭ ވަނީ އޭނާއާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމަށް ފަހު ފޭނުންނާ އެކު ބާއްވާ އެއްވެލުމަށް ސުނީތާ އަށް ދައުވަތު ލިބުނީ ވެސް ޕްރިޔަންކާގެ ހާއްސަ މެހެމާނެއްގެ ގޮތުގަ އެވެ. އެހެންވެ، އެއްރޭ ކުރިން އޭނާ ދިއްލީ އަށް ދިޔައީ ޕްރިޔަންކާގެ އެހެން ފޭނުން ދީފައިވާ ހަދިޔާތައް އޭނާ އަށް ރައްދު ކޮށްދޭށާ އެކު އެވެ.

ޕްރިޔަންކާ އޭނާގެ ބައެއް ފޭނުންނާ އެކު
ޕްރިޔަންކާ އޭނާގެ ބައެއް ފޭނުންނާ އެކު

ހުދުކުލައިގެ ހެދުމެއްގައި ވަރަށް ރީތިވެލައިގެން ހުރި ސުނީތާ، ޕްރިޔަންކާއާ އެކު ނަގާފައިވާ ފޮޓޯ ޓްވީޓްކޮށް، މެސެޖްކޮށްފައިވަނީ ހިންދީ ބަހުންނެވެ.

"ފޭނަކުން ރައްޓެއްސަކަށް ވެއްޖެ. ކީކޭ ބުނާނީ. މީހަކު ގަބޫލު ކުރިޔަސް ނުކުރިޔަސް ޕްރިޔަންކާއަކީ ހަމަ ދުނިޔޭގެ އެއް ވަނަ،" ސުނީތާގެ ޓްވީޓުގައި ބުންޏެވެ.

ސުނީތާ އެންމެ ލޯބިވާ މީހާއާ އަނެއްކާ ވެސް ބައްދަލުވުމުގެ ފުރުސަތު ލިބުމާއެކު، ޓްވިޓާގައި ގިނަ ބަޔަކު އޭނާ އަށް އަންނަނީ މަރުހަބާ ކިޔަމުންނެވެ. އޭގެ ތެރޭގައި ދިވެހިންނާއި އިންޑިއާ އަދި އެހެން ގައުމުތަކުގައި ތިބި ޕްރިޔަންކާގެ ފޭނުން ހިމެނެ އެވެ.

"މިހާރު"އާ ވާހަކަ ދައްކަމުން ސުނީތާ ބުނީ ޕްރިޔަންކާއާ ބައްދަލުކުރުމުގެ ފުރުސަތު ތިން ވަނަ ފަހަރަށް ލިބުމުން ވަރަށް އުފާވި ކަމަށާއި އެއަށް ވުރެ ބޮޑު އުފަލެއް ލިބުނީ ޕްރިޔަންކާގެ ހާއްސަ މެހެމާނެއްގެ ގޮތުގައި އޭނާގެ ޓީމުން ދައުވަތު ފޮނުވުމުން ކަމަށެވެ.

ސުނީތާ ވަނީ އޭނާ ފަދަ ޕްރިޔަންކާގެ ފޭނުން އެ މީހުންގެ އައިޑޮލް އަށް ހަދިޔާ ކުރި ސިޓީ އާއި ކުރެހުން ފަދަ ތަކެތި ޕްރިޔަންކާއާ ހަވާލުކޮށްފަ އެވެ. އަދި އެ ތަކެތި ޕްރިޔަންކާއާ ހަވާލުކޮށްދިނުމުން ޓްވިޓާގައި އެ މީހުން ސުނީތާ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައި ވެ އެވެ.

އާ އަހަރު ފާހަގަ ކުރުމަށް 2015 ވަނަ އަހަރު ޕްރިޔަންކާ ރާއްޖެ އައުމުން، ސުނީތާ ވަނީ އޭނާއާ ބައްދަލުކޮށްފަ އެވެ. އަދި އިންޑިއާގައި ޕްރިޔަންކާ ބޭއްވި އިވެންޓެއްގެ ހަވާސާގައި ވެސް ސުނީތާ އޭނާއާ ބައްދަލުކޮށްފައި ވެ އެވެ.

ޕްރިޔަންކާ ބުނާ ގޮތުން، ސުނީތާއަކީ އޭނާގެ އެންމެ ބޮޑު ފޭނެވެ. ސުނީތާ އަށް އޭނާ މުހާތަބު ކުރަނީ ވެސް "ރޮކްސްޓާ"ގެ ނަމުންނެވެ. ސުނީތާގެ ކޮންމެ އުފަންދުވަހަކު ޕްރިޔަންކާ އޭނާ އަށް ޓްވިޓާގައި އުފަންދުވަހުގެ ތަހުނިޔާ ކިޔަ އެވެ.

އަދި ޕްރިޔަންކާގެ އުފަން ދުވަހު ސުނީތާ ބޮޑު ހަރަދެއް ކޮށްގެން ކޮންމެ އަހަރަކު ވެސް ލަވަ އަލްބަމެއް ނެރެ އެވެ. އެހެންވެ، ބައިނަލްއަގްވާމީ ބޮޑު ތަރިއަކާއި އޭނާގެ ފޭނާ ދެމެދު އޮންނަ މި ގުޅުމަށް، ދިވެހިންގެ އިތުރުން ބައިނަލްއަގްވާމީ މުޖުތަމައުގެ ސަމާލުކަން ވެސް ލިބެ އެވެ.

އެމެރިކާގައި ޝޫޓިންތަކުގައި ވަރަށް ބުރަކޮށް އުޅުމަށް ފަހު ޕްރިޔަންކާ އެނބުރި ގައުމަށް އައިސް ހުރީ އާ އަހަރުގެ ޗުއްޓީއަށެވެ. އޭނާ އަބަދު ވެސް މަޝްހޫރުވެފައި އޮންނަނީ ފޭނުންނާ ގާތް ގުޅުމެއް ބާއްވާ ތަރިއެއްގެ ގޮތުގަ އެވެ.