އިންޑިއާ ސިނަމާގެ ފުރަތަމަ އަންހެން ސުޕަސްޓާރު ސްރީދޭވީގެ އުފަންދުވަހާ ދިމާކޮށް، އޭނާގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ބަޔޯގްރަފީއާ ބެހޭ އެންމެފަހުގެ މައުލޫމާތު ޕްރިޔަންކާ ޗޯޕްރާ އިއްޔެ ދީފި އެވެ.
ޕްރިޔަންކާގެ އިންސްޓަގްރާމް ސްޓޯރީގައި ޕޯސްޓްކުރި އެ ފޮތުގެ ކަވަރުގައިވާ ގޮތުން، އެ ބަޔޯގްރަފީގެ ނަމަކީ "އެމްޕްރެސް - ދަ ޑިފިނިޓިވް ބަޔޯގްރަފީ އޮފް ސްރީދޭވީ" އެވެ.
އެ ފޮތް ލިޔުނީ ސްރީދޭވީ އާއި އޭނާގެ އާއިލާއާ ގާތް ގުޅުމެއް ބާއްވާ އިންޑިއާގެ ކޮލަމިސްޓު ދީރަޖް ޔޫ ކުމާރެވެ.
އެ ފޮތުގެ ކަވަރު ހިއްސާކުރަމުން ޕްރިޔަންކާ ލިޔެފައި ވަނީ، "ދަ ވަން އެންޑް އޮންލީ. ޔޫ އާ ސޯ މިސްޑް. ހެޕީ ހެވަންލީ ބާތުޑޭ އެމްޕްރެސް ސްރީދޭވީ ... ކަމިންގް ސޫން" މިހެންނެވެ.
ޕްރިޔަންކާގެ އެ ޕޯސްޓް، ސްރީދޭވީގެ ފިރިމީހާ އަދި ފިލްމު ޕްރޮޑިއުސަރު ބޯނީ ކަޕޫރު ވެސް ވަނީ އޭނާގެ ސޯޝަލް މީޑިއާގައި ރީޕޯސްޓުކޮށްފަ އެވެ.
އެ ފޮތް ޗާޕުކޮށް ނެރެނީ އިންޑިއާގެ މަޝްހޫރު ޕަބްލިޝާއެއް ކަމަށްވާ ވެސްޓްލޭންޑް ބުކްސްގެ ފަރާތުންނެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މިއީ ސްރީދޭވީ 1980 އާއި 1990 ގެ އަހަރުތަކުގައި ބޮލީވުޑްގެ ރާނީގެ ގޮތުގައި ހޯދި ކާމިޔާބީތަކާއި އޭނާގެ ފިލްމީ ހަޔާތުގެ އިތުރުން ކެމެރާގެ ފުރަގަހުގައި އަދި އަމިއްލަ ދިރިއުޅުމުގައި ހިނގާފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ބަޔޯގްރަފީއެކެވެ.
އުމުރުން އެންމެ ހަތަރު އަހަރުގައި ފިލްމީ ކެރިއަރު ފެށި ސްރީދޭވީ އުމުރުން 54 އަހަރުގައި ކުއްލި ގޮތަކަށް މަރުވީ ފެބްރުއަރީ 24، 2018 ގައި އާއިލީ ކައިވެނި ހަފުލާއަކަށް ދުބާއީއަށް ގޮސް އުޅެނިކޮށެވެ.