މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން އެ ކުންފުނީގެ އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (އެއިމް) ރަސްމީކޮށް އިފްތިތާހުކޮށް، އެ އިންސްޓިޓިއުޓްގެ ފުރަތަމަ ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްފި އެވެ.
ހުޅުލެ އައިލެންޑް ހޮޓަލު (އެޗްއައިއެޗް)ގެ ބޯލްރޫމްގައި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އިންސްޓިޓިއުޓް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ޗާންސެލަރ ޑރ. މަހުމޫދު ޝައުގީ އެވެ.
މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދާއި ކުންފުނީގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޝަރީފެވެ. އަދި ކޯހުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ހާއްސަ އެވޯޑްތައް ހަވާލުކޮށްދެއްވީ މަހުމޫދު ޝައުގީ އެވެ.
އެ ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ އޭއައިއެމްގެ މަގުސަދަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ބޭނުންވާ ފަންނީ މަސައްކަތްތެރިން ބިނާކުރުން ކަމަށެވެ.
އެ އިންސްޓިޓިއުޓަކީ އެއާޕޯޓްތަކަށް ބޭނުންވާ ހުނަރުވެރި މުވައްޒަފުން ތަމްރީނުކުރުމަށް އެމްއޭސީއެލް އިން ދިގު މުއްދަތަކަށް ގެންގުޅޭ ތަސައްވުރު ރަމްޒުކޮށްދޭ ކަމެއް ކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.
ޗާންސެލާ ޑރ. މަޙްމޫދު ޝައުގީ ވިދާޅުވީ ރާއްޖޭގައި ތައުލީމީ އަދި ހުނަރުވެރި މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް އެމްއޭސީއެލް އިން ތައުރީފު ހައްގު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެ ރަސްމިއްޔާތުގައި 29 ދަރިވަރުން އެއަޕޯޓް ސެކިއުރިޓީ މެނޭޖްމަންޓް ކޯސް ފުރިހަމަކޮށް ސަނަދު ހާސިލްކޮށްފައިވެ އެވެ. އެއީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) ގެ މިންގަނޑުތަކަށް ފެތޭގޮތަށް، ގައުމީ ސަނަދުތަކުގެ އޮނިގަނޑާ އެއްގޮތަށް ފަރުމާކޮށްފައިވާ ސެޓްފިކެޓް ލެވެލް 3ގެ ކޯހެކެވެ.
މިދިޔަ އަހަރު ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ އެ ކޯހަކީ އެމްއޭސީއެލްގެ އެސްޓޭޓް ސެކިއުރިޓީ ސާވިސްއާ އަލަށް ގުޅޭ މުވައްޒަފުން ތަމްރީނުކުރުމަށް ހާއްސަ ކޯހެކެވެ.
އެ ޕްރޮގްރާމަކީ އެއާޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.