ވެލާނާ އެއާޕޯޓުގެ ޖެޓީއަށް ކަނޑު އުޅަނދުތައް ގާތް ކުރެވޭނީ ރަޖިސްޓްރީ ކޮށްގެން ކަމަށް ހަމަޖެއްސި އުސޫލަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން އެއާޕޯޓަށް އުޅަނދު ކައިރިކުރުމާއި ފަޅުތެރޭގައި ބޭއްވޭނީ ހުއްދަ ނަގައިގެން ކަމަށެވެ. އަދި އެކަން ކުރަން ވަކި ޕޯޓަލް އެއް ވަނީ ހަދައިފަ އެވެ.

އެމްއޭސީއެލް އިން ބުނީ ބަނދަރު ބޭނުންކުރާ އުޅަނދުތައް "ހާބަ ޕޯޓަލް"ގައި ރަޖިސްޓްރީކުރަން ނިންމީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން ކަމަށެވެ. އޭގެ އިތުރުން ފަޅުތެރެ ބޭނުންކުރާ އުޅަނދުފަހަރުގެ ރެކޯޑުތައް ޕޯޓަލް މެދުވެރިކޮށް ބެލެހެއްޓުމާއި އޮޕަރޭޝަނަލް ކަންކަން މޮނިޓާ ކުރުމުގައި ލުއިފަސޭހަތަކެއް ލިބުމަކީ ވެސް އޭގެ އެއް ބޭނުން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ބަޔާނުގައި ބުނީ އެ ޕޯޓަލް ބޭނުންކުރުން ކުރިއަށް ގެންދަނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށެވެ.

ފުރަތަމަ މަރުހަލާގައި އިސްކަންދެނީ އުޅަނދުތައް ރަޖިސްޓްރީ ކުރުމާއި ޕޯޓަލް ބޭނުންކުރަން އުޅަނދުތަކުގެ ވެރިން ހޭލުންތެރިކަން އިތުރު ކުރުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ރަޖިސްޓްރީ ކުރުމުގެ މަރުހަލާގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ފަޅުވެރިންނާ ސީދާ މުއާމަލާތް ކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހާބަރު ޕޯޓަލްގައި ރަޖިސްޓްރީ ކުރުމަށް އުޅަނދުތަކުގެ ވެރީންނާއި އޮޕަރޭޓަރުންނަށް އެއް މަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެ ޕޯޓަލް ބޭނުންކުރަން ފެށުމުން ފަޅުތެރޭގެ ހިދުމަތްތައް ހޯދުމުގެ ކުރިން ފަޅުތެރެ ބޭނުންކުރުމުގެ ހުއްދައަށް އެދި ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.