މެލޭޝިއާގެ ރާޔާ އެއާވޭސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ކާގޯ ދަތުރުތައް ފަށައިފި އެވެ.

މިއަދު އެ އެއާލައިން މެދުވެރިކޮށް ފުރަތަމަ ދަތުރު ވަނީ ފަށައިފަ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ އެ ދަތުރުތައް ކުރާނީ މެލޭޝިއާގެ ޕެނޭންގް އާއި މާލެއާ ދެމެދު ކަމަށެވެ.

އެ ދަތުރުތައް ކުރާނީ ހަފުތާއަކު ދެ ދުވަހު އެވެ. އަދި އެ ދަތުރުތަކުގައި ބޭނުންކުރަނީ ބޮއިންގް 767-200 މަރުކާގެ ކާގޯ ބޯޓުތަކެވެ. އަދި ކޮންމެ ދަތުރެއްގައި އެވްރެޖުކޮށް 46 ޓަނުގެ ކާގޯ އުފުލޭނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އާ ދަތުރުތަކާ އެކު ޕެނޭންގާ އެކު ސީދާ ގުޅުމެއް ގާއިމްވީ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. އަދި އެއީ މެލޭޝިއާއިން ތާވަލުކޮށްގެން ކުރާ ފުރަތަމަ ކާގޯ ދަތުރުތަކެވެ. އެ ހިދުމަތަކީ ދެކުނު އިރުމަތީ އޭޝިއާގެ މަޝްހޫރު ލޮޖިސްޓިކްސް ކުންފުނި "ޓެލެޕޯޓް" އިން ޗާޓަރުކޮށްގެން ހިންގާ ދަތުރުތަކެކެވެ. އެމްއޭސީއެލް އިން ބުނީ، އެ އެއާލައިންގެ ދަތުރުތަކާ އެކު ދެކުނު އޭޝިއާ އާއި ރާއްޖެއާ ދެމެދު ގަވާއިދުން މުދާ އުފުލޭނެ ކަމަށެވެ.

އެ ދަތުރުތަކުގައި އުފުލާ ކާގޯގެ 80 އާއި 90 އިންސައްތައަކީ ޓްރާންސްޝިޕްމަންޓް ކާގޯ އެވެ. 

ރާޔާ އެއާވޭސްއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ދަތުރުކުރާ ދެވަނަ ކާގޯ އެއާލައިނެވެ. އެހެންވެ، އެމްއޭސީއެލް އިން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ޓްރާންސްޝިޕްމަންޓް ގޭޓްވޭއެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ކަމަށެވެ.

ޖެނުއަރީ އިން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ވެލާނާ އެއާޕޯޓުން ވަނީ ގިނަ ކާގޯތަކެއް ހެންޑްލްކޮށްފަ އެވެ. އެއީ 390 ކާގޯ ދަތުރު މެދުވެރިކޮށް ހެންޑްލްކުރި މުދަލެވެ. އެގޮތުން މުޅި ޖުމްލަ 3,228 ޓަނުގެ ކާގޯ ހެންޑްލްކޮށްފައިވެ އެވެ. އަދި އެ ދަތުރުތަކުން އެއާޕޯޓް ވަނީ މުހިންމު މަންޒިލްތަކަކާ ގުޅުވާލެވިފަ އެވެ. އޭގެ ތެރޭގައި އިންޑިއާގެ ބެންގަލޫރާއި ޗެންނާއި އާއި ޔަންގޯން އާއި ސްރީލަންކާގެ ކޮލަމްބޯ އާއި ތައިލެންޑްގެ ބެންކޮކާއި ދުބައީ އަދި ވިއެޓްނާމްގެ ހަނޯއީ ހިމެނެ އެވެ. އަދި މިދިޔަ އަހަރު ވެސް ގިނަ ކާގޯ ދަތުރުތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ކޮށްފައިވެ އެވެ. އެގޮތުން މިދިޔަ އަހަރު 518 ކާގޯ ދަތުރު ކޮށްފައިވެ އެވެ. އެއީ 4,300 ޓަނަށްވުރެ ގިނަ ކާގޯ މުދަލެވެ.