ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން މި އަހަރުގެ ފުރަތަމަ ކުއާޓާގައި 24،782 ޓަނުގެ ކާގޯ އުފުލައިފި އެވެ.

އެމްއޭސީއެލް އިން ސޯޝަލް މީޑިއާގައި އާންމުކުރި ހިސާބުތަކުން އެނގޭ ގޮތުން އެއީ ކުރީ އަހަރަށް ވުރެ 13 ޕަސެންޓުގެ އިތުރުވުމެކެވެ.

އޭގެ ތެރެއިން 18،908 ޓަނަކީ އިންބައުންޑް ކާގޯ އެވެ. 5،873 އަކީ އައުޓްބައުންޑް މުދަލެވެ.

މި އަހަރުގެ ފުރަތަމަ ތިން މަހު ޓްރާންޝިޕްމެންޓް ކާގޯގެ ގޮތުގައި 4،277 ޓަނުގެ މުދާ ވީއައިއޭއިން ހޭންޑުލް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސީ-ޓު-އެއާ 322 ޓަނުގެ މުދަލާއި އެއާ-ޓު-އެއާ 3،955 ޓަނުގެ މުދަލެވެ.

މިއީ މިދިޔަ އަހަރަށް ވުރެ 14 ޕަސެންޓުގެ އިތުރުވުމެކެވެ. ރާއްޖޭގެ މައި ވައިގެ ބަނދަރުން ޓްރާންސްޝިޕްމަންޓް ހިދުމަތް ހޯދާ އެއާލައިންތަކުގެ ތެރޭގައި އެފްކޮމް، ފްލައި ވާޔު، އެމްޖެޓްސް، ގަތަރު ކާގޯ، ނޭޝަނަލް އެެއާލައިންސް، އެއާ މާސްޓާ އަދި އެމްއެންޖީ އެއާލައިންސް ހިމެނެ އެވެ.

މި އަހަރުގެ ތިން މަހު ވަނީ ކާގޯ އުފުލާ މަތިންދާބޯޓުތަކުގެ ދަތުރުތަކުގެ އަދަދު ނުވަތަ ފްރައިޓާގެ އަދަދު ވެސް އިތުރު ވެފަ އެވެ. އަދި މާޗް މަހަކީ އެއް މަހެއްގެ ތެރޭގައި އެންމެ ގިނަ ފްރައިޓް ވީއައިއޭއިން ހޭންޑުލްކުރި މަހެވެ. އަހަރުގެ ތިން މަސްތެރޭގައި 264 ޓަނުގެ ކާގޯ މަތިންދާބޯޓުން މުދާ އުފުލާފައިވެ އެވެ.

މިދިޔަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޖުމްލަ 89،000 ޓަނުގެ ކާގޯ އުފުލި އެވެ. އެއީ 2024 ވަނަ އަހަރަށް ވުރެ 10 ޕަސެންޓްގެ އިތުރުވުމެކެވެ.

މި އަހަރުގެ ފުަރަތަމަ ތިން މަހު ގާތްގަނޑަކަށް 2.4 މިލިއަން ފަސިންޖަރުންނަށް އެ އެއާޕޯޓުން ހިދުމަތްދީފައިވެ އެވެ. އޭގެ ތެރޭގައި 1.5 މިލިއަން ބޭރު ފަސިންޖަރުން ހިމެނެ އެވެ.