ށ. މިލަންދޫގައި އެއާޕޯޓު ހަދަން ބޭނުންވާ ބިން އެއް މަސް ތެރޭގައި އެއްކޮށް ހިއްކައި ނިންމައިފި އެވެ. 

މިއީ ށ. އަތޮޅުގައި ތަރައްގީކުރާ ހަތަރު ވަނަ އެއާޕޯޓެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން އެއްކޮށް ހިއްކައި ނިންމާފައި ވަނީ 31 ދުވަހުގެ ތެރޭގައި ކަމަށެވެ. 

އެއާޕޯޓު އެޅުމަށް ބިން ހިއްކަން ފަށާފައި ވަނީ މިދިޔަ އޭޕްރީލް 3 ގައި ކަމަށާއި އެ މަސައްކަތް ނިމިފައި ވަނީ އިއްޔެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

މިލަންދޫ އެއާޕޯޓު އެޅުމަށް 21 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، އެ މަސައްކަތްކޮށްފައި ވަނީ ކްއީން އޮފް ދަ ނެދަލެންޑްސް ކިޔާ ޑްރެޖަރެއް ބޭނުންކޮށްގެންނެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ޕްރޮޖެކްޓް ހިންގުމަށް 25.90 ހެކްޓަރުގެ ބިން ބޭނުންވެ އެވެ. އެއާޕޯޓު އަޅާ 4.9 ހެކްޓަރުގެ ސަރަހައްދަކުން ވަނީ ގަސްތައް ނަގައިފަ އެވެ. 

މިލަންދޫގައި އެއާޕޯޓު އެޅުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު 15 ގައި ރައީސް މުއިއްޒު އެ އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގަ އެވެ. 

އެއާޕޯޓުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރީ، ދެ އަހަރާއި ބައިގެ ތެރޭގައި ނިންމުމަށެވެ.

އާބާދީގައި 2،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ މިލަންދު އަށް ރިޔާސީ އިންތިހާބުގައ ރައީސް މުއިއްޒު ވެވަޑައިގަތް އެންމެ ބޮޑު ވައުދަކީ ވެސް ރައްޔިތުން އެދުނު ގޮތަށް އެއާޕޯޓު ހަގީގަތަކަށް ހައްދަވައި ދެއްވާނެ ކަމެވެ.

މިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ކުރިން ވިދާޅުވެފައިވާ ގޮތުގައި އެއާޕޯޓުގެ މަސައްކަތް ފެށީ، ރަށަށް އެންމެ ފައިދާ ހުރި ގޮތަކީ ކޮބައިތޯ ބަލައި މަޝްވަރާތަކަށް ފަހު އެވެ. އެއާޕޯޓު އަޅާނެ ސަރަހައްދު ކަނޑައެޅީ ވެސް މިލަންދޫގެ ބިން އެންމެ ހެޔޮގޮތުގައި ބޭނުންކުރެވޭނެ ގޮތަކަށް ވިސްނާފައި ކަމަށް އެ މަނިކުފާނު ވިދާޅުވެފައި ވެ އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެއާޕޯޓު އަޅަން މިހާރު ބަނދަރު އޮތް ސަރަހައްދުން އެހެން ތަނަކަށް ބަނދަރު ބަދަލުކުރަން ޖެހެ އެވެ. އެހެންވެ، އެއާޕޯޓު މަޝްރޫއު އެމްއޭސީއެލްއާ ހަވާލުކުރީ އެ މަސައްކަތް ވެސް ކުރާ ގޮތަށެވެ.

ށ. ފުނަދޫގައި މިހާރު އެއާޕޯޓެއް އޮންނައިރު ބިލެއްފައްސާއި ކޮމަންޑޫގެ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދެ އެވެ.