ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ވައުދުވެވަޑައިގަތް ގޮތަށް މިލަންދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާފައި.-- ފޮޓޯ: ރައީސް އޮފީސް
15 އޮކްޓޯބަރ 2025 - 16:17
ށ. މިލަންދޫގައި އަމަލީ މަސައްކަތް މިއަދު ފެށި އެއާޕޯޓަކީ ތަރައްގީ އާއި އިގްތިސާދީ ކުރިއެރުމަށް ބަލާއިރު ވެސް ސަރަހައްދަށް ވަރަށް މުހިއްމު އެއާޕޯޓެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ މިލަންދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވައިފަ އެވެ. މި އެއާޕޯޓަކީ އެ ރަށުގެ ވަރަށް ގިނަ ރައްޔިތުންގެ އުއްމީދެކެވެ.
އެމްއޭސީއެލްއާ އެއާޕޯޓް ހަވާލުކުރީ، ދެ އަހަރާއި ބައިގެ ތެރޭގައި ނިންމުމަށެވެ. މިއީ އެ އަތޮޅުގެ ރައްޔިތުންނަށް ލިބޭ ހަތަރު ވަނަ އެއާޕޯޓެވެ. ފުނަދޫގައި މިހާރު އެއާޕޯޓެއް އޮވެ އެވެ. އޭގެއިތުރުން ރައީސްގެ މި ދަތުރުފުޅުގައި ބިލެއްފައްސާއި ކޮމަންޑޫގެ އެއާޕޯޓުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.
އެއާޕޯޓުގެ މަސައްކަތް ފައްޓަވައި ދެއްވުމަށް ފަހު، ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މިލަންދޫގެ އެއާޕޯޓު މި ސަރަަހައްދަށް މުހިއްމު ކަން އެމަނިކުފާނަށް ރައްޔިތުން ހުށަހެޅުއްވި އިރު ވެސް ވިސްނިވަޑައިގަންނަވާ ކަމަށެވެ. އެހެންވެ އެއާޕޯޓަކީ މިލަންދުއަށް ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތަށް ގަބޫލުކުރެއްވި ކަމަށް ވިދާޅުވި އެވެ.
އެއާޕޯޓުގެ މަސައްކަތް ފެށީ، ރައީސް ވިދާޅުވި ގޮތުގައި، ރަށަށް އެންމެ ފައިދާ ހުރި ގޮތަކީ ކޮބައިތޯ ބަލައި މަޝްވަރާތަކަށް ފަހު އެވެ. އެއާޕޯޓު އަޅާނެ ސަރަހައްދު ކަނޑައެޅީ ވެސް މި ރަށުގެ ބިން އެންމެ ހެޔޮގޮތުގައި ބޭނުންކުރެވޭނެ ގޮތަކަށް ވިސްނާފައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެއާޕޯޓު އަޅަން މިހާރު ބަނދަރު އޮތް ސަރަހައްދުން އެހެން ތަނަކަށް ބަނދަރު ބަދަލުކުރަން ޖެހެ އެވެ.
"ބަނދަރު ބަދަލުކުރަން ޖެހޭނެ، އެއާޕޯޓުގެ މަސައްކަތް ކުރިއަށް ދާނީ ބަނދަރު ބަދަލުކުރުން ވެސް ހިމެނިގެން. އެމްއޭސީއެލްއާ އެކު މި ސޮއިކުރެވުނު އެއްބަސްވުމުގައި އެއާޕޯޓް އެޅުމުގެ ގޮތުން ކުރަން ޖެހޭ ހުރިހާ ކަމެއް ހިމެނިފައިވާނެ،" ރައީސް ވިދާޅުވި އެވެ.
އޭގެތެރޭގައި 40 ހެކްޓަރުގެ ބިން ހިއްކުމާއި ބަނދަރު ބަދަލުކުރުން ހިމެނެ އެވެ.
ރައީސް ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް މިއަދުން ފެށިގެން ގިނަވެގެން އަށް މަސްތެރޭގައި ނިމޭނެ ކަަމަށެވެ. އަލުން ބަނދަރު ހަދާއިރު، މިހާރު އޮތް ބަނދަރަށް ވުރެ ބޮޑު ބަނދަރެއް މިލަންދުއަށް ލިބޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މިއަދުން ފެށިގެން 30 މަސް ތެރޭގައި، އެންމެ ގިނަވެގެން ދެ އަހަރާއި ބައިގެ ތެރޭގައި ބަނދަރު ބަދަލުކޮށް، އާ ބަނދަރު ހެދުން ވެސް ހިމެނޭ ގޮތަށް މި ރަށުގެ އެއާޕޯޓް ހަދައި ނިންމައި ހުޅުވާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް މިއަދު މިލަންދުއަށް ވަޑައިގަތްއިރު ރަށުގައި ހަދާފައި ހުރި ގިޑިގެއިން ވެސް ފެންނަނީ އެއާޕޯޓުގެ ވައުދެވެ. އާބާދީގައި 2،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ މި ރަށަށް ރިޔާސީ އިންތިހާބުގައ ރައީސް ވެވަޑައިގަތް އެންމެ ބޮޑު ވައުދަކީ ވެސް ރައްޔިތުން އެދުނު ގޮތަށް އެއާޕޯޓު ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރިބޭންޑް
16 October 2025
އެއްވެސް އަމާޒެއް ނެތި 5 އަހރު ތެރޭ ގައުމު އިދަ ޖެހޭ ގޮތަށް ކޮންމެ މީހަކު ވެސް ވެރިކަން މިކުރަނީ! މައުމޫން ވިއްޔާ އެައަރޕޯޓް ހެދީ ދުރުމިނަށް ބަލާފަ އެކަށޭނަ ގޮތަކަށް! މި މީސްމީހުން ސިޔާސީ ބޭނުމުގަ ގެއާ ބަދިގެ ދޭތެރޭ ވެސް އެައަރޕޯޓް ހަދނީ ވަކި ދެ މީހަކަށްޓަކާ ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގަ ބޭކާރު ކުރަން!
ޢަރުތަ
16 October 2025
ރިޔާސީ އިންތިޚާބުގެ ކެމްޕޭނުތެރޭގަ ކޮށްދޭނެކަމަށް ވިދާޅުވި ހުރިހާ ވައުދެއް ފުއްދާ ނިމިގެންތޯ، އަރާ ކޮންމެ ރަށެއްގަ ވައުދުތައް ވަމުންދަނީ، ނޫނީ ކައުންސިލް އިންތިޚާބު ބޯމަތި ވެފައި އޮތީމަ އިތުރު ވައުދުތަކެއް ވެލައްވަނީތޯ.
މެންދޫ އެއަރޕޯޓް
15 October 2025
މެންދޫ އެއަރޕޯޓް
ކޮމޮޑަަސް
15 October 2025
20 މިނިޓުން ދެވޭ ފުނަދޫއަށް ތިޔަ ރަށަކުން. މަތީގައި ހަނިމާދޫ އަދި ކުޅުއްދުއްފުށި. ތިރީގައި މާފަރު. ހައިރާނެއް ނުވޭތޯ؟ 3000 މީހުންގެ އާބާދީއެއް ހިތްހަމަޖައްސައިދޭން އަނެއްކާ މިލިއަނުން ދައުލަތުގެ ރައުސުލްމާލު އިންޖެކްޓުކޮށް ސަބްސިޑައިޒްކުރަން އަނެއް އެއާޕޯޓު. މާލެ މީހުން ކީއްވެތަ 2015 އާއި ހަމައަށް ހުޅުލެއަށް ދާން 8-5 މިނެޓު ނަގާތީ ޝަކުވާނުކުރީ؟ އެހެންނޫނީ މިއަދު މާލެ މެދު، މައްޗަންގޯޅީގައި އެއަޕޯޓެއް އޮންނާނެ. މިއީ ޕޮޕިއުލިސްޓިކް ޕޮލިޓިކްސް.
ހިމް
15 October 2025
ށ އަތޮޅުގެ ތަރައްގީއަށް މުހިއްމުވަނީ މިލަންދޫ އެއާޕޯޓު ވިއްޔާ ކީއްކުރަން ކޮމަންޑޯ ބިލެއްފަހީގައި އެއާޕޯޓު އަޅަނީ؟ ކޮންމެ ސަރުކާރަކުންވެސް މިކަހަލަ ކުދި ރަށްރަށުގައި އެއާޕޯޓު އަޅަނީ ސިޔާސީ ބޭނުމުގައި.
ފިރާޒް
15 October 2025
މިގޮތަށް ސިޔާސީ އެއާޕޯޓުތައް އެލުމަކީ ގައުމު އިނދެ ޖެހޭނެ ކަމެކެވެ.