އއ. މަތިވެރި ފަޅުތެރޭގައި އޮންނަ ފިނޮޅަށް އެރުމަށް ފިއެއް ނަގާ ގޮތަށް އެ ރަށު ކައުންސިލުން ނިންމައިފި އެވެ. 

މި މަހު ފަސް ވަނަ ދުވަހު އެ ރަށު ކައުންސިލުން ވަނީ މަތިވެރި ފިނޮޅު ބެލެހެއްޓުމަށާއި އެތަނުން ރަށަށް އާމްދަނީ ހޯދުމަށް އާ އުސޫލެއް އެކުލަވާލައި އާންމު ކޮށްފަ އެވެ.

އެ އުސޫލުގެ ދަށުން، ފިނޮޅަށް ޒިޔާރަތްކުރާ މީހުންގެ އަތުން ފީ ނަގާނީ ތަފާތު ކެޓަގަރީތަކަށް ބަހާލައިގެންނެވެ.

  • މަތިވެރީގެ ރައްޔިތުންނާއި އެ ރަށުގައި މަސައްކަތްކުރާ ބިދޭސީންގެ އަތުން 10ރ.
  • ރަށުން ބޭރުން އަންނަ ދިވެހިންނަށް 25ރ.
  • ފަސް އަހަރުން ދަށުގެ ކުޑަކުދިންނަށް ފީ ދައްކާކަށް ނުޖެހޭނެ. 
  • ގެސްޓްހައުސްތަކުން އަންނަ ޓޫރިސްޓުން އަތުން 50ރ.
  • ސަފާރީތަކާއި ރިސޯޓުތަކުން އަންނަ ޓޫރިސްޓުން އަތުން 100ރ. އާއި 150ރ. އާ ދެމެދު އަދަދެއް.

މި އުސޫލުގައި ބުނެފައިވާ ގޮތުން ކޮންމެ ހޮނިހިރު ދުވަހަކީ ހަމައެކަނި ދިވެހިންނަށް ހާއްސަ ދުވަހެކެވެ. ހޮނިހިރު ދުވަސްތަކުގައި ޓޫރިސްޓުންނަށް އެ ފިނޮޅަކަށް ނޭރޭނެ އެވެ.

ކައުންސިލުން ވަނީ ގެސްޓްހައުސްތަކާއި ރިސޯޓުތަކުން ގިނަ އަދަދެއްގެ މީހުން އަންނަ ނަމަ، މަހަކު އެއްފަހަރު ފައިސާ ދައްކާ ގޮތަށް ހާއްސަ ޕެކޭޖުތަކެއް ތައާރަފުކޮށްފަ އެވެ.

އަދި އަމިއްލަ އެކި ހަފުލާތަކާއި އިވެންޓްތައް ބޭއްވުމަށްޓަކައި ވަކި ވަގުތުތަކަކަށް ފިނޮޅު ކުއްޔަށް ދޫކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. މިގޮތަށް ފިނޮޅު ކުއްޔަށް ދޫކުރާ ވަގުތުތަކުގައި އެހެން ބަޔަކަށް އެ ރަށަށް އެރުން މަނާވާނެ އެވެ.

  • ގެސްޓު ހައުސް އެކްސްކާޝަން ސެންޓަރުތަކަށް ހާއްސަ ޕެކޭޖު: 50 މީހުންނަށް 2000ރ.
  • ރިސޯޓުތަކަށް ހާއްސަ ޕެކޭޖު: 150 މީހުންނަށް 15،000ރ.
  • ރަށުގައި ވިޔަފާރި ކުރާ މީހުން ޓޫރިސްޓުންނާއި ދިވެހިންނަށް ހިންގާ ހަފްލާތަކަށް 10،000ރ.
  • ރަށުގައި ހަރަކާތްތެރިނުވާ މީހުން ރިސޯޓުތަކާއި ސަފާރީތަކުން ހިންގާ ހަފްލާތަކަށް: 15،000ރ.
  • ހަމައެކަނި ދިވެހިންނަށް ހާއްސާކޮށް ހިންގާ ހަފްލާތަކަށް: 8،000ރ.

އުސޫލާ ހިލާފަށް ފިނޮޅުގައި މަނާ ކަންތައްތަކެއް ކޮށްފިނަމަ، 5,000ރ. އިން ޖޫރިމަނާ ކުރުމަށް ވެސް އެ ރަށު ކައުންސިލުން ވަނީ ނިންމައިފަ އެވެ.

މަތިވެރި ފިނޮޅަކީ މީގެ ކުރިން ރިސޯޓެއް ތަރައްގީކުރުމަށް ދިގު މުއްދަތަކަށް އަމިއްލަ ކުންފުންޏަކަށް ދޫކޮށްފައި އޮތް ތަނެކެވެ. ނަމަވެސް، މިދިޔަ ސަރުކާރުގެ ދުވަސްވަރު އެތަން ވަނީ އަނބުރާ މަތިވެރި ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމަނައިފަ އެވެ.