ހުޅުމާލޭގައި ގާއިމްކޮށްފައިވާ މެކޭނިކަލް ޕާކިން ސިސްޓަމްތައް ބޭނުން ނުކުރާތީ އިސްރާފަކަށް ވެފައިވާ ކަމަށް ވިދާޅުވެ، އެ ސިސްޓަމްތައް ބޭނުންކުރަން ފަށާނެ ތާރީހަކަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅުއުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެދިވަޑައިގެންފި އެވެ.

މީގެ ހަތް އަހަރު ކުރިން ހުޅުމާލޭގެ އަށް ސަރަހައްދެއްގައި 10 މެކޭނިކަލް ޕާކިން ސިސްޓަމް ވަނީ ބަހައްޓައިފަ އެވެ. 

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ރިޓަޔާޒް އަލީ ޒުހައިރަށް މިއަދު ފޮނުއްވި ސިޓީގައި ކުޑޫ ވިދާޅުވީ ޖުމްލަ 300 އުޅަނދު ޕާކްކުރެވޭ ވަރުގެ އެ ޕާކިން ސިސްޓަމްތައް އާއްމުންނަށް ހުޅުވާ ނުލައި ހުރުމުން ބޮޑު އިސްރާފަކަށް ވެފައިވާ ކަމަށެވެ. 

"ހިސާބުތަކުން ދައްކާ ގޮތުގައި 2019 ވަނަ އަހަރުން ފެށިގެން މި 300 ޕާކިން ޖާގަ ދުވާލަކު އެންމެ 100 ރުފިޔާގެ މަގުން ކުއްޔަށް ދޫކުރި ނަމަވެސް މިއަދާ ހަމައަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 83 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ ލިބުނީހެވެ،" ސިޓީގައި ކުޑޫ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ.---ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ.---ފޮޓޯ: މަޖިލިސް

އޭނާ ވިދާޅިުވި ގޮތުގައި އަދިވެސް ރަނގަޅު ހާލަތުގައި ހުރި ކަމަށް ފެންނަ އެ ސިސްޓަމްތަކުގެ ތެރެއިން އެއް ސިސްޓަމް ރޫލާމަށް ފަހު މިހާރު ހުރީ އޯޝަން ފްރޮންޓް ކުރިމަތީގައި އޮތް ހުސްބިމުގައި ބަހައްޓައިފަ އެވެ.

މެކޭނިކަލް ޕާކިން ސިސްޓަމްތަކާ ބެހޭ މައުލޫމާތު ހޯއްދަވަން އެޗްޑީސީގައި އެދިވަޑައިގަތީ، ކުޑޫ ވިދާޅުވި ގޮތުގައި، އެ ކުންފުނިން ހުޅުމާލެ ބަލަހައްޓާތީ އެވެ. 

ކުޑޫގެ ސިޓީގައި ތިން ސުވާލެއްގެ ޖަވާބަށް އެދިވަޑައިގެންފައިވެ އެވެ. ފުރަތަމަ އެދިވަޑައިގަތީ އެ ސިސްޓަމްތައް އާއްމުންނަށް ހުޅުވާލަން ކުރި މަސައްކަތުގެ ތަފްސީލަށެވެ. 

އެތަންތަން ހުޅުވާ ނުލައި ބެހެއްޓުމުގެ ސަބަަބުން ގެއްލުނު އޮޕޮޗުނިޓީ ކޮސްޓަށް ޒިންމާވާނީ ކޮން މުއައްސަސާއަކުންތޯ އާއި އެޗްޑީސީން ނުވަތަ ދައުލަތުގެ އެހެން އިދާރާއަކުން ވެސް އެ ސިސްޓަމްތައް ބޭނުންކުރަން ފަށަން ނިންމާފައިވާ ނަމަ އެ ތާރީހެއް ވެސް އޮޅުންފިލުވައިދޭން އޭނާގެ ސިޓީގައި އެދިވަޑައިގެންފައި ވެ އެވެ. 

ދުއްވާ އެއްޗެހި ގިނަވެ، ޕާކްކުރާނެ ޖާގަ ނެތުމުން އެކަމަށް ހައްލެއް ގެނައުމަށް މާލެ އާއި ހުޅުމާލޭގައި މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް ހެދީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެކަމަކު ބޭނުންނުކޮށް ހުރުމުން ޕާކިން ސިސްޓަމްތައް ދަބަރަށްވީ އެވެ.