އެޗްޑީސީން ފަށާފައިވާ އެއްވެސް މަޝްރޫއުއެއް މިހާރު ހުއްޓިފައި ނޯންނާނެ ކަމަށާއި އެއީ ކުޑަ ކާމިޔާބީއެއް ނޫން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު މިއަދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި 2017 ވަނަ އަހަރު ފަށައި ވަކި ހިސާބަކުން މަސައްކަތް ހުއްޓިފައި އޮތް ވޯޓާ ތީމް ޕާކް ހޮޓަލަކާ އެކު ހެދުމުގެ މަޝްރޫއު އަލުން ފެށުމުގެ ރަސްމިއްޔާތުގައި ޒުހައިރު ވިދާޅުވީ ހުއްޓިފައި ހުރި އެފަދަ މަސައްކަތްތައް އަލުން ފެށުނީ އެޗްޑީސީގެ މުވައްޒަފުންނާއި ސަރުކާރުގެ އިސް ބޭފުޅުން ރެއާއި ދުވާލު ކުރެއްވި މަސައްކަތުން ކަމަށެވެ. 

ހުޅުމާލެ ވޯޓާ ތީމް ޕާކް ނިމުމުން އޮންނާނެ ގޮތުގެ ކުރެހުމެއް. ފޮޓޯ: އެޗްޑީސީ
ހުޅުމާލެ ވޯޓާ ތީމް ޕާކް ނިމުމުން އޮންނާނެ ގޮތުގެ ކުރެހުމެއް. ފޮޓޯ: އެޗްޑީސީ

"މިއަދު އަޅުގަނޑު ސާފުކޮށް ކެރި ހުރެ އިއުލާނު މި ކުރަނީ މިހާރު އެޗްޑީސީގެ އެއްވެސް މަސައްކަތެއް، އެއްވެސް މަޝްރޫއެއް ހުއްޓިފައެއް ނޯންނާނެ. މިއީ ކުޑަ ކާމިޔާބީއެއް ނޫން، ބޮޑު މަސައްކަތެއް،" ޒުަހައިރު ވިދާޅުވި އެވެ.

ހުޅުމާލެ ވޯޓާ ތީމް ޕާކް ނިމުމުން އޮންނާނެ ގޮތުގެ ކުރެހުމެއް. ފޮޓޯ: އެޗްޑީސީ
ހުޅުމާލެ ވޯޓާ ތީމް ޕާކް ނިމުމުން އޮންނާނެ ގޮތުގެ ކުރެހުމެއް. ފޮޓޯ: އެޗްޑީސީ

ހުއްޓިފައި ހުރި މަޝްރޫއުތައް އަލުން ފަށައި ނިންމުމުގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ އެސްޓީއޯއިން 2008 ވަނަ އަހަރު ހުޅުމާލޭގައި އަޅަން ފެށި ސިޓީ ހޮޓަލާއި ރީތިގަސް ރެސިޑެންސް މަޝްރޫ އެވެ. ހުޅުމާލޭގައި ހުއްޓިފައި ހުރި ވާޓިކަލް ޕާކިންގެ މަސައްކަތް ވެސް އޭނާ ވިދާޅުވި ގޮތުގައި މިހާރު ވަނީ އަލުން ފަށައިފަ އެވެ.

މިއަދު މަސައްކަތް ފެށި ވޯޓާ ތީމް ޕާކަކީ ނުވަ އަހަރު ވަންދެން ހުއްޓިފައި އޮތް މަސައްކަތެއް ކަމަށާއި އެއީ ކުރިއަށް ނުގެންދެވޭނެ ކަމަށް ކުރިން ނިންމާފައި އޮތް މަޝްރޫއެއް ކަމަށް ވެސް އެޗްޑީސީގެ އެމްޑީ ޒުހައިރު ވިދާޅުވި އެވެ.

ހުޅުމާލެ ވޯޓާ ތީމް ޕާކާ އެކު އަޅާ ހޮޓަލުގެ ކުރެހުމެއް. ފޮޓޯ: ފަޔާޒް މޫސާ/މިހާރު
ހުޅުމާލެ ވޯޓާ ތީމް ޕާކާ އެކު އަޅާ ހޮޓަލުގެ ކުރެހުމެއް. ފޮޓޯ: ފަޔާޒް މޫސާ/މިހާރު

"މިއަދު އަޅުގަނޑުމެން އަަމަލީ މަސައްކަތް މި ފެށި ވޯޓާތީމް ޕާކަކީ ވެސް 2017 އިން ފެށިގެން ނުވަ އަހަރު ވަންދެން ހުއްޓިފައި އޮތް މަޝްރޫއެއް. ނުޥާނެ ކަަމަށް ބުނެ ލައްޕާލާފައި އޮތް ފޮތެއް މިއަދު [މި] ހުޅުވާލީ ރައިސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިސްނެންގެވުމާ އެކުގައި،" ޒުހައިރު ވިދާޅުވި އެވެ.

ހުޅުމާލެ ވޯޓާ ތީމް ޕާކަކީ 25 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ) ހޭދަކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު ފެށި މަޝްރޫއެކެވެ. އެ މަސައްކަތް އޭރު 35 އަހަރުގެ މުއްދަތަކަށް ހަވާލުކުރީ މެލޭޝިއާގެ މިރީ ހައުސިން ޑިވެލޮޕްމެންޓާ ކަމަށް ވިޔަސް ވަކި ހިސާބަކުން އެ މަޝްރޫއުގެ މަސައްކަތް ހުއްޓުނު ގޮތަށް އޮތީ އެވެ.

އަދި މިރީ ހައުސިން ޑިވެލޮޕްމެންޓާ ހަވާލުކުރުމުގައި ނާޖައިޒު މަންފާތަކެއް، އެ ކުންފުންޏަށް ލިބޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލަ އެޗްޑީސީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހެޅި އެވެ.

ހުޅުމާލޭގެ ދެކުނު ކޮޅުން އިިރުމަތީ ފަރާތުގައި ކުރިން ކުނިކޮށި އޮތް ސަރަހައްދުން އަތިރިމައްޗަށް ވާ ގޮތަށް ހަދާ ވޯޓާ ތީމް ޕާކްގެ އެއްބަސްވުން ބާތިލްކޮށް، އެތަން އަތުލަން އެޗްޑީސީން ނިންމި ނިންމުމަށް އަމަލުކުރުން ހައި ކޯޓުން ސެޕްޓެމްބަރު 2022 ގައި ހުއްޓުވި އެވެ. އެކަމަކު، އެޗްޑީސީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން އޭޕްރީލް 2023 ގައި އޮތީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށްފަ އެވެ.

ހައި ކޯޓާ ހިސާބަށް އޭރު މައްސަލަ ދިޔައީ ވޯޓާ ތީމް ޕާކާއި ހަ ބުރީގެ ލެޝާ ހޮޓަލެއް އަޅަން ވޯޓާ ފްރަންޓް އެންޑް ލެޝާ ކުންފުންޏާ އެކު ހެދި އެއްބަސްވުން އެޗްޑީސީން ބާތިލްކޮށް، އެތަން ހަވާލުކުރަން އެންގުމުންނެވެ. އެ މައްސަލަ ވޯޓާ ފްރަންޓް އެންޑް ލެޝާ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުމަށް ފަހު، އެޗްޑީސީގެ ނިންމުމަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް އެދުނީ އެވެ. އެކަމަކު، ސިވިލް ކޯޓުން ނިންމާފައި އޮތީ އެފަދަ އަމުރެއް ނެރެނުދެވޭނަ ކަމަށެވެ. އެހެންވެ، އެ ނިންމުން ލެޝާ ކުންފުނިން ހައި ކޯޓުގައި އިސްތިއުނާފްކުރީ އެވެ.

އެޗްޑީސީން މިއަދު ބުނީ އެކިސަބަބުތަކާ ހުރެ ހުއްޓިފައި އޮތް އެ މަޝްރޫއު އަލުން ފެށީ ޒަމާނީ ފެންވަރުގެ ބައިނަލްއަގުވާމީ ރިސޯޓް ހޮޓަލަކާ އެކު ތަރައްގީކުރާ ފުރިހަމަ، ފުޅާ މާސްޓަ ޕްލޭނެއްގެ ދަށުން ކަމަށެވެ.

ޖުމުލަ 41,549.70 އަކަމީޓަރުގެ ބޮޑު ސަރަހައްދެއްގައި، ދެ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މި މަޝްރޫއުގައި ވޯޓަރ ތީމް ޕާކް ތަރައްގީކުރާނީ 17،800 އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ. އެއާ އެކު 23،749.70 އަކަމީޓަަރުގެ ސަރަހައްދެއްގައި ބިނާކުރާނީ އެޗްޑީސީން ބުނި ގޮތުގައި ރިސޯޓް ހޮޓަލެވެ.