ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް ޝައިހު މުހައްމަދު ބިން ޒާއިދު އަލް ނަހްޔާން މިއަދު މަޝްވަރާކުރައްވައިފި އެވެ. 

ރާއްޖޭގައި ހުންނަ ޔޫއޭއީ އެމްބަސީން ސޯޝަލް މީޑިއާގައި މިރޭ ކުރި ޕޯސްޓެއްގައި ބުނީ ރައީސް މުއިއްޒު މިއަދު އެ ގައުމުގެ ރައީސަށް ގުޅުއްވި ކަމަށާއި އެ ދެ ގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރަން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. އިގުތިސާދާއި ތަރައްގީގެ ދާއިރާ އަށް އެ މަޝްވަރާގައި އިސްކަން ދެއްވި ކަމަށް ވެސް އެމްބަސީގެ ޕޯސްޓްގައި ބުންޏެވެ.

"އެއްބާރުލުން އިތުރުކުރުމަށާއި ތަރައްގީގެ ކަންކަމުގައި ދިވެހިރާއްޖެ އާއި ޔޫއޭއީގެ ބައިވެރިވުން އިތުރުކުރުމުގެ ޔަގީންކަން ދެ ލީޑަރުން ތަކުރާރު ކުރެއްވި،" ޔޫއޭއީ އެމްބަސީން ބުންޏެވެ.

ދެ ގައުމުގެ ރައްޔިތުންގެ ފާގަތިކަަމަށްޓަކައި ހޯދެން ހުރި އިތުރު ފުރުސަތުތައް ބަލަން ވެސް ދެ ލީޑަރުން މަޝްވަރާ ކުރެއްވި އެވެ.

ޔޫއޭއީއަކީ ގަލްފު ގައުމުތަކުގެ ތެރެއިން ވިޔަފާރީގެ ދާއިރާއިން ރާއްޖެއާ އެންމެ ބަދަހި ގުޅުމެއް އޮންނަ އެއް ގައުމެވެ. ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް ބޭނުންވާ ގިނަ ބާވަތްތައް އެގައުމުން އިމްޕޯޓްކުރާ އިރު ރާއްޖެއަށް ޓޫރިސްޓުން ގެނައުމުގައި ވެސް އެއީ މުހިއްމަު ދައުރެއް އަދާކުރާ ގައުމެކެވެ.