ޓޫރިޒަމްގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭ މަޝްވަރާތަކަށް ޓޫރިޒަމް އަދި ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން މަތީ ފަންތީގެ ވަފުދަކާ އެކު ރަޝިއާ އަށް މިއަދު ފުރާވަޑައިގެންފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިނިސްޓަރު އަމީން އިސްކޮށް ހުންނަވައިގެން ދިވެހިރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް މާދަމާއިން ފެށިގެން، އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ރަޝިޔާއަށް ފަސް ދުވަހުގެ ރަސްމީ ދަތުރެއްގައި މިއަދު ފުރާވަޑައިގެންފައިވާ ކަމަށެވެ.
ރަޝިއާގެ ވެރިރަށް މޮސްކޯގެ އިތުރުން ސެއިންޓް ޕީޓަސްބާގްގައި ކުރިއަށް ގެންދާ އެ ދަތުރުގެ މައިގަނޑު މަގުސަދަކީ ޓޫރިޒަމްގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި ވައިގެ ދަތުރުފަތުރުގެ ގުޅުން ވަރުގަދަކުރުމުގެ އިތުރުން ޓޫރިޒަމްގެ ވިޔަފަރީގެ ބައިވެރިވުންތައް ހަރުދަނާކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ވަފުދުގައި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ގައުމީ އެއާލައިން މޯލްޑިވިއަންގެ އިސްވެރިންގެ އިތުރުން ޓޫރިޒަމްގެ ދާއިރާގެ ބޭފުޅުން ހިމެނެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި؛
- ރަޝިއާއަކީ އަދިވެސް ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މުހިންމު އެއް މާކެޓު.
- މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް މި އަހަރު ރަޝިއާ އިން ރާއްޖެއަށް 192،453 ޓޫރިސްޓުން އައިސްފައިވާއިރު، އެއީ ޖުމްލަ ޓޫރިސްޓުން 14.7 ޕަސެންޓު.
- ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރާ މާކެޓުގެ މަގާމު ރަޝީއާ އިން ދަމަހައްޓާއިރު، މިދިޔަ އަހަރު ރަޝީއާ އިން ރާއްޖެއަށް ޖުމްލަ 278،761 ޓޫރިސްޓުން އައިސްފައިވޭ.
މިނިސްޓްރީން ބުނީ މި ދަތުރުގައި ވަފުދުގެ ބޭފުޅުން ރަޝިޔާ ސަރުކާރުގެ އިސް މަންދޫބުންނާ ބައްދަލުކުރައްވައި ޓޫރިޒަމާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން އެއްބާރުލުން ދިނުމާއި ވައިގެ މަގުން ގުޅާލުމާއި ދެ ގައުމުގެ ދެމެދުގައި ފްލައިޓް ކެޕޭސިޓީ އިތުރުކުރުމުގެ ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.
މޮސްކޯ އާއި ސެއިންޓް ޕީޓާސްބާގްގެ އިސް ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާއި ސިނާއީ ޖަމިއްޔާތަކާއި ޑިޖިޓަލް ޕްލެޓްފޯމްތަކުގެ އިތުރުން ޓޫރިޒަމްގެ ދާއިރާގެ ކުންފުނިތަކާ އެކު މަތީ ފަންތީގެ ބައްދަލުވުންތަކެއް މި ދަތުރުގައި ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ. މި ބައްދަލުވުންތަކަކީ ކުރިއަށް އޮތް ޓޫރިސްޓު ސީޒަނާއި "ވިޒިޓް މޯލްޑިވްސް އިޔާ 2027"އަށް ތައްޔާރުވުމުގެ ގޮތުން މާކެޓްގެ މައުލޫމާތު އެއްކުރުމަށާއި ޓޫރިސްޓުންގެ މެދުގައި މަގުބޫލުވަމުން އަންނަ ކަންކަން ދެނެގަތުމުގެ އިތުރުން ގުޅިގެން އިޝްތިހާރުކުރުމުގެ ފުރުސަތުތައް ހޯދުމަށް ލިބޭނެ މުހިންމު ފުރުސަތެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މި ދަތުރުގެ ސަބަބުން، ރާއްޖެއަކީ އާ މާކެޓްތަކަށް މަގުބޫލު މަންޒިލަކަށް ހެދުމަށާއި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށާއި ރަޝިޔާ އިން ރާއްޖެއަށް އޮންނަ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވެދޭނެ ކަމަށެވެ. ސަރުކާރާއި މަންޒިލް އިޝްތިހާރުކުރާ ފަރާތްތަކާއި އޭވިއޭޝަން އަދި އަމިއްލަ ދާއިރާގެ މަންދޫބުން އެއް ވަފުދެއްގައި ހިމެނުމުގެ ސަބަބުން ޓޫރިޒަމްގެ ސިޔާސަތުތަކާއި ދަތުރުފަތުރުގެ ގުޅުންތަކާއި މާކެޓް ޕްރޮމޯޝަނާ ގުޅޭގޮތުން ގުޅިފައިވާ މަޝްވަރާތަކެއް ކުރުމަށް މަގުފަހިވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.