މާލެ ޓެކްސީ ލައިންގެ ހިދުމަތުގައި ބޭނުންކުރާ އެޕްލިކޭޝަން ބޭރުން ބަޔަކު ހެކްކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާ ހިލާފު ދޮގު ޚަބަރެއް ކަމަށާއި މައުލޫމާތު ލީކުކޮށްފައިވަނީ އެ ކުންފުނީގެ މުވައްޒަފެއް ކަމަށް އެ ހިދުމަތް ދޭ އެމްޓީސީސީން މިއަދު ބުނެފި އެވެ.
އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނީ، ޓެކްސީ އެޕްގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމްގައި ހުރި މައުލޫމާތުތަކަށް ބަދަލު ގެނެސް، އެ މައުލޫމާތުތަކުގެ ސްކްރީންޝޮޓް ނަގައި ލީކުކޮށްފައިވަނީ އެ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފެއް ކަން އެތެރޭގެ ތަހުގީގުން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
އެ މުވައްޒަފު އެ އަމަލު ހިންގާފައިވަނީ އެއްވެސް ހުއްދައަކާ ނުލައި، އަމިއްލަ ޒާތީ އަދި ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ ނިޔަތުގައި ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
ބެކްއެންޑް ޑޭޓާބޭސް ސިސްޓަމަށް ބަދަލު ގެނައިކަން ކުންފުނީގެ އައިސީޓީ ނެޓްވޯކް ސެކިއުރިޓީ ޓީމަށް ފާހަގަކުރެވުމާ އެކު، ވަގުތުން ސިސްޓަމް ޝަޓްޑައުންކޮށް ސެކިއުރިޓީ ލޮކްޑައުންއަކަށް ގެނައި ކަމަށް އެމްޓީސީސީން ބުންޏެވެ.
"އަދި އެ ރޭގެ 11:30 ގައި ސާވާ އަދި ބެކްއެންޑް ސިސްޓަމް ވަނީ ރައްކާތެރިކަމާ އެކު އަލުން ރީސްޓޯކޮށް، ސެކިއުރިޓީ ކަށަވަރުކޮށްފަ އެވެ،" ބަޔާނުގައި ބުންޏެވެ.
އެމްޓީސީސީން ބުނި ގޮތުގައި، މިއީ އެޕްލިކޭޝަންގެ ފަޔަވޯލްއަށް ބޭރުން ހަމަލައެއް ދީގެން ހިނގާފައިވާ ކަމެއް ނޫނެވެ. އަދި މިހާރު ކަސްޓަމަރުންނަށް އެއްވެސް ދަތިކަމެއް ނެތި ހިދުމަތް ލިބެމުންދާނެ ކަމަށް ބުންޏެވެ.
"މި ނޭދެވޭ އަމަލު ހިންގާފައިވާ މުވައްޒަފު މިހާރު ވާނީ ވަޒީފާ ޒިންމާތަކުން އެކަހެރި ކޮށްފައެވެ. މި ކުންފުނީގެ ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން އަޅާންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު މި މުވައްޒަފާ މެދު އަޅާނެކަމުގެ ޔަގީންކަން އެންމެހައި ހިއްސާދާރުންނާއި ކަސްޓަމަރުންނަށް ދެމެވެ،" އެމްޓީސީސީން ބުންޏެވެ.
މިފަދަ ކަންކަމަކީ އެމްޓީސީސީން އެތައް އަހަރެއްގެ ބުރަ މަސައްކަތުން ހޯދާފައިވާ ރައްޔިތުންގެ އިތުބާރާއި ރީތި ނަން ކިލަނބުކުރުމަށް ހިންގާ އަމަލުތަކެއް ކަމަށްވެސް ބަޔާނުގައިވެ އެވެ.