ބ. ކެންދޫ ސްކޫލްގެ ސްކައުޓް ކޭމްޕް ބޭއްވުމަށް ތައްޔާރުވަނިކޮށް، އެ ތަނުން ގިނަ އަދަދެއްގެ އެއްޗެހި ވަގަށް ނަގައިފި އެވެ.
ކެންދޫ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ރަށު ސްކޫލުގެ ދަރިވަރުންގެ ކުރިއެރުމަށާއި ހުނަރު ތަރައްގީ ކުރުމަށް މި މަހު ބާއްވަން ތައްޔާރުވަމުން އަންނަ ސްކައުޓް ކޭމްޕް ބޭއްވުމަށް ކެންދޫ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ގެމެންދޫ ތައްޔާރުކުރަމުން އަންނަނިކޮށް އެ ތަނަށް ބަޔަކު ގެއްލުން ދީފައިވާ ކަމަށެވެ.
ކޭމްޕް ބޭނުމަށް ގެންގުޅުނު ގިނަ އަދަދެއްގެ ސާމާނު ވެސް ވަގަށް ނަގާފައި ވާތީ، އެ ދަށުދަރަޖައިގެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނީ ސްކޫލް ދަރިވަރުންނަށް ދިިރިއުޅުމުގެ ހުނަރުތަކާއި ބިނާކުރަނިވި އަހުލާގު ދަސްކޮށްދިނުމަށް ރޭވި އެ ހަރަކާތަށް ހުރަސްއެޅޭ ގޮތަށް ހިންގި މި ވައްކަމުގެ ސަބަބުން ކޭމްޕްގެ އިންތިޒާމުތަކަށް ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށެވެ.
ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި ނޫޑްލްސް ކޭހަކާއި ބިސްކޯދު ކޭހަކާއި ނަރު ފޮށިގަނޑަކާއި ސާކިޓު ބޯޑަކާއި ސަތަރިއަކާއި ކަރަންޓު ބުރުމާއަކާއި ބެޓަރި ބުރުމާއަކާއި ސާކިއުލާ ސޯއަކާއި ގްރޭންޑަރަކާއި ވަޅު ދިޔަ ހިއްކާ ޕަމްޕަކާއި ދެ މާކަރެއްގެ އިތުރުން ރިޗާޖަބަލް ދެ ލައިޓް ވެސް ހިމެނޭ ކަމަށް ކައުންސިލްގެ ނޫސްބަޔާނުގައި ބުންޏެެ.
ކައުންސިލުން ބުނީ އެއީ ކޭމްޕްގެ އިންފްރާސްޓްރަކްޗާ ބިނާކުރުމަށާއި ކުދިންގެ ސަލާމަތާއި ކާބޯތަކެތީގެ ބޭނުމަށް ގަނެފައިވާ އެއްޗެހި ކަމަށެވެ.
މިކަން ކުރި ބަޔަކު ހޯދައި ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުންނާ ގުޅިގެން ކައުންސިލުން ކުރަމުން އަންނަ ކަމަށް ބަޔާނުގައިވެ އެވެ.
މި ވައްކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ އަދި ވަގަށް ނެގި ތަކެތި ބަޔަކު/މީހަކު ވިއްކަން އުޅޭކަމުގެ ޝައްކެއް ކުރެވޭ ނަމަ ފުލުހުންނާއި ކައުންސިލަށް ރިޕޯޓްކުރުމަށް ކެންދޫ ކައުންސިލުން ވަނީ އެދިފަ އެވެ.
ދަރިވަރުންގެ ސްކައުޓް ކޭމްޕް ކުރިއަށް ގެންދިއުމަށް ވީހާ ވެސް ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުން މިވަގުތު ބޭނުންވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.