ހޭނައްތާ ޑޮކްޓަރުންގެ ސާކް ޖަމިއްޔާގެ ރައީސަކަށް، ރާއްޖޭގެ ފުރަތަމަ ޕެއިން ސްޕެޝަލިސްޓު ޑރ. އަސްއަދު މުހައްމަދު ޝަހީދު އިއްޔެ ހޮވިއްޖެ އެވެ.
ހެލްތު މިނިސްޓްރީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ކުރިއަށް އޮތް ދެ އަހަރަށް އެ ޖަމިއްޔާގެ ރައީސަކަށް އަސްއަދު ހޮވުމަކީ ސަރަހައްދީ އެއްބާރުލުން ހަރުދަނާކޮށް، ހާއްސަ ތަމްރީނާއި އިލްމު ބަދަލުކުރުން ފުޅާކޮށް އަދި ހޭނެއްތުމާއި ކްރިޓިކަލް ކެއާގެ ހިދުމަތްތައް ރާއްޖޭގައި ފުޅާކުރަން ލިބުނު މުހިއްމު ފުރުސަތެއް ކަމަށެވެ.
އޭގެ އިތުރުން ލީޑަޝިޕް ރޯލުން ތަމްރީނު ޕްރޮގްރާމްތަކާއި ފަންނީ އެއްބާރުލުމާއި ރިސާޗް އަދި ކެޕޭސިޓީ ތަރައްގީކުރަން އެހީތެރިވެދިނުމާއި ސާކްގެ މެމްބަރު ގައުމުތަކުގައި ހުރި ތަޖުރިބާ އަދި ވަސީލަތްތަކުގެ ފައިދާ ވެސް ރާއްޖެއަށް ލިބުމުގެ މަގު ތަނަވަސްވާނެ ކަމަށް ބުންޏެވެ.
މިނިސްޓްރީން ބުނީ ގައުމީ ފެންވަރުގައި އިސްކަންދޭ ކަންކަން ފާހަގަކޮށް އެނެސްތީސިއާ އާއި ކްރިޓިކަލް ކެއާގެ ހިދުމަތްތަކާއި އިންސާނީ ވަސީލަތް ތަރައްގީކުރުން އަދި ހާއްސަ ކްލިނިކަލް ތަމްރީނުތައް ހަރުދަނާކުރަން ހުރި ފުރުސަތުތައް އެ ޕްލެޓްފޯމް މެދުވެރިކޮށް ރާއްޖެއަށް ބޭނުންކުރެވޭނެ ކަމަށެވެ.
އެ ޖަމިއްޔާއަށް އަސްއަދު ހޮވާފައިވަނީ، މިދިޔަ ހޮނިހިރުން ފެށިގެން އިއްޔެގެ ނިޔަލަށް ބޭއްވީ ކޮންގްރެސްގެ ތެރެއިންނެވެ.
ކޮންމެ ދެ އަހަރުން އެއް އަހަރަކު އެ ކޮންގްރެސް ބާއްވަނީ ހޭނައްތާ ޑޮކްޓަރުންގެ ޖަމިއްޔާތަކުގެ ފެޑެރޭޝަނުގެ ތާއީދާ އެކުގަ އެވެ.
އަސްއަދު ޕެއިން ސްޕެޝަލިޓީގެ ދާއިރާއިން ފެލޯޝިޕް ހެއްދެވީ ވޯލްޑް ފެޑެރޭޝަން އޮފް ސޮސައިޓީސް އޮފް އެނެސްތީސިއޮލޮޖިސްޓް އަދި އިންޓަނޭޝަނަލް އެސޯސިއޭޝަން ފޯ ދަ ސްޓަޑީ އޮފް ޕެއިން ގުޅިގެން މި ސަރަހައްދުގެ ގައުމުތަކަށް ހުޅުވާލި ސްކޮލަޝިޕެއްގެ ތެރެއިންނެވެ.
ތަދުތަކަށް ހާއްސަވުމަށް ބެންކޮކްގެ މަހިޑޯލް ޔުނިވާސިޓީގައި ގެންދިޔަ އެއް އަހަރުގެ ފެލޯޝިޕް ނިންމުމަށްފަހު އޭނާ އައިޖީއެމްޗާ ގުޅިވަޑައިގަތީ އޮގަސްޓް، 2024 ގަ އެވެ.