ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ދޭ ފައިސާ އާއި އެސޯސިއޭޝަންތަކަށް ލިބޭ ފައިސާގެ ރެކޯޑްތައް ނުބެެލެހެއްޓުމާއި އެ މައުލޫމާތުތައް ދައުލަތުގެ އިދާރާތަކާ ހިއްސާ ނުކުރުމަކީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ދިރާސާ ރިޕޯޓެއްގައި ބުނެފި އެވެ.
"ކުޅިވަރު އިންތިޒާމްކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި ހިރާސް ދެނެގަތުުމުގެ ދިރާސާ ރިޕޯޓް" ގެ ނަމުގައި އޭސީސީން މިއަދު ނެރުނު ރިޕޯޓްގައިވާ ގޮތުން ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކަށް ބައިނަލްއަގުވާމީ ކުޅިވަރު ޖަމިއްޔާތަކުން ދޭ އެހީގެ ތަފްސީލެއް ސަރުކާރުގެ އެއްވެސް ފަރާތަކާ ހިއްސާއެއް ނުކުރެ އެވެ. އަދި އެފަދަ އެހީތަކުގެ ރެކޯޑެއް އެސޯސިއޭޝަންތަކުން ރަސްމީކޮށް ނުބަލަހައްޓާ ކަމަށް ވެސް އެ ރިޕޯޓްގައި ބުންޏެވެ.
"މީގެ އިތުރުން ހިލޭ އެހީ އާއި ސްޕޮންސާޝިޕް އަދި ޗެރިޓީ އާއި އެހެނިހެން ވެސް މަގުސަދުތަކުގައި އެސޯސިއޭޝަންތަކުން ހޯދާ ފައިސާ އެ އެސޯސިއޭޝަންތަކުން ހަރަދުކުރާ ގޮތް ބަލައި، ފާރަވެރިވާނެ ނިޒާމެއް ނެތުމީ ވެސް މިފަދަ އެސޯސިއޭޝަންތަކުގެ ތެރޭގައި ކޮަޕްޝަންގެ އަމަލުތައް ހިންގަން މަގުފަހިވާ ސަަބަބެއް ސަބަބެއް ކަމުގައި ދިރާސާއިން ފާހަގަކުރެވިފައިވެ އެވެ،" އޭސީސީގެ ރިޕޯޓްގައި ބުންޏެވެ.
އެ ރިޕޯޓްގައިވާ ގޮތުން ހާލުގައި ޖެހިފައިވާ ބޭރުގެ ބަޔަކަށް އެހީވުމަށްޓަކައި އެސޯސިއޭޝަނަކުން އިންތިޒާމްކުރި ފުޓްބޯޅަ މެޗަކުން ލިބުނު ފައިސާ ހަރަދުކުރި ގޮތް ވެސް އެނގެން ނެތެވެ.
"ޗެރިޓީއިން އެސޯސިއޭޝަނަށް ލިބުނު ފައިސާ ހަރަދު ކުރިކަން އެނގޭނެ އެއްވެސް ލިޔުމެއް ފެންނަން ނެތްކަމާއި އެސޯސިއޭޝަންގެ ބޭންކް އެކައުންޓަށް ވެސް އެ ފައިސާ ވަދެފައިނުވާ ކަމާއި އަދި އެ އިވެންޓްގައި ހަރަދުތައް ކުރެވިފައިވާ ގޮތާއި އިވެންޓުން ލިބުނު ފައިސާ ލިޔެކިޔުމުން ބެލެހެއްޓިފައި ނުވާކަން ކޮމިޝަނުގެ ތަހުގީގުން ފާހަގަކުރެވިފައިވެ އެވެ،" އޭސީސީގެ ރިޕޯޓްގައި ބުންޏެވެ.
ކުޅިވަރު އެސޯސިއޭަޝަންތަކުގެ ކަންތައް އެގޮތަށް ހުރިކަން ފާހަގަކޮށް، އެކަން ހައްލުކުރަން ރިޕޯޓްގައި އޭސީސީން ދީފައިވާ އެއް ލަފަޔަކީ ކުޅިވަރު އެސޯސިއޭޝަންތަކާއި ޖަމިއްޔާ ޖަމާއަތްތަަކަށް ލިބޭ މާލީ އެހީގެ ތަފްސީލާއި ހަރަދުކުރާ ގޮތުގެ ތަފްސީލު ހާމަކުރަން ގާނޫނީ ގޮތުން ލާޒިމް ކުރުމެވެ.
އޭސީސީން އެގޮތަށް ލަފާ ދިންއިރު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން ދިން ފައިސާތައް ވެސް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލަތަކެއް ކުރިން ފެންމަތިވެފައިވެ އެވެ. އަދި އޭގެ ތެރެއިން ބައެއް މައްސަލަތަކާ ގުޅިގެން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް ވެސް ވަނީ އިއްވައިފަ އެވެ.