ރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ހޮންކޮންގުގެ އިންޑިޕެންޑެންޓް ކޮމިޝަން އެގެއިންސްޓް ކޮރަޕްޝަން (އައިސީއޭސީ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރީ އައިސީއޭސީގެ ދައުވަތަކަށް އޭސީސީގެ ރައީސް އާދަމް ޝާމިލް މިދިޔަ މަހުގެ 10 ވަނަ ދުވަހު ހޮންކޮންގަށް ކުރެއްވި ދަތުރުގަ އެވެ. އަދި އައިސީއޭސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޮމިޝަނުގެ ކޮމިޝަނާ ޑެނީ ޔެންގް މިންގް ވޫ އެވެ.
އެ އެއްބަސްވުމުގެ ދަށުން ކުރިޔަށް ގެންދާ މުހިންމު ކަންތައްތަކަކީ:
1. ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ތަހުގީގުތަކުގެ މައުލޫމާތު ބަދަލު ކުރުން
2. ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ކުށުގެ ސަބަބުން ގެއްލޭ މުދަލާއި ފައިސާ ހޯދަން މަސައްކަތް ކުރުން
3. ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ކުށްކުރާ ގޮތާ ގުޅޭ ކަންކަން ދެނެގަތުމުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި އެކަންތައްތައް ހުއްޓުވަން އެހީތެރިކަން ދިނުން
4. މުވައްޒަފުން ތަމްރީން ކުރުމުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުން
5. ކޮރަޕްޝަނާއި މަނީ ލޯންޑަރިންގް ހުއްޓުވުމާއި މަނާކުރުމާ ގުޅުންހުރި ފޯރަމްތަކާއި، ސެމިނާތަކާއި، ކޮންފަރެންސްތަކާއި ވާކްޝޮޕްތައް ބޭއްވުމާއި އެފަދަ ކަންކަމުގައި ބައިވެރިވުން
އައިސީއޭސީއަކީ ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ކުށް ތަހުގީގު ކުރުމާއި ކޮރަޕްޝަން ހުއްޓުވުމުގެ ބާރު އޮންނަ މުއައްސަސާ އެވެ.