ޖަލުތަކަށް ވައްދާ ފޯނުތަކުގެ ސިމްކާޑްތައް ރަޖިސްޓްރީކޮށްފައި އޮންނަ މީހުންނަށް އަޅަންޖެހޭ ގާނޫނީ އަދި އިދާރީ ފިޔަވަޅުތައް އަޅަން ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ވަޒީރުންގެ މަޖިލީހުން އެގޮތަށް ނިންމީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި ބައްދަލުވުމުގަ އެވެ.
ފޯންކޯލްތައް ކޮށް، މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދަން ރާއްޖޭގައި ހިންގާ ގިނަ ޖަރީމާތައް ހިންގަނީ ޖަލުތަކުގައި ތިބޭ ގައިދީންކަން، މީގެ ކުރިން ކުރި އެކި ތަހުގީގުތަކުން ވަނީ އެނގިފަ އެވެ. އަދި އެކަން ހުއްޓުވަން ގިނަ މަސައްކަތްތަކެއް އަބަދުވެސް ކުރެ އެވެ.
ސިމް ކާޑުގެ ވެރިންނަށް ފިޔަވަޅު އެޅުމުގެ އިތުރުން އެކަމުގައި އަޅަން ވަޒީރުންގެ މަޖިލީހުން ނިންމި އަނެއް ފިޔަވަޅަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން އަންސްކިލްޑް މީހުންނަށް އެއް ސިމަށް ވުރެ ގިނަ ސިމް ނުވިއްކުމެވެ. އެގޮތުން ދޫކުރާ ސިމް ގެއްލޭ ނުވަތަ ހަލާކުވާ ހާލަތުގައި ފުލުހުންނަށް އެކަން އަންގައި، ކުރިއަށް ގެންދާ ވަކި މަރުހަލާތަކެއް ފުރިހަމަކޮށްގެން ނޫނީ އިތުރު ސިމެއް އެ މީހުންނަށް ދޫނުކުރާ ގޮތަށް ހަަމަޖައްސަން ވެސް ވަޒީރުންގެ މަޖިލީހުން ނިންމި އެވެ.
ވަޒީރުންގެ މަޖިލީހުން އެގޮތަށް ނިންމިއިރު، ޖަލުތަކުން ކުރާ ކޯލްތައް މެދުވެރިކޮށް ހިންގި ސްކޭމްތައް ހިމެނޭހެން ރާއްޖޭގައި ހިންގި އެކިއެކި ސްކޭމްތަކުގައި 35 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. އަދި ފުލުހުންގެ މިދިޔަ އަހަރުގެ މާޗް މަހު، އެންޓި ސްކޭމް ސެންޓަރު އުފެއްދީއްސުރެ މިހާތަނަށް އެ ސެންޓަރަށް ރިޕޯޓްކުރި އެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ތެރެއިން 13 މިިލިއަން ރުފިޔާ ފުލުހުން ވަނީ ހޯދައިފަ އެވެ.
'