ހުޅުމާލޭގެ އެކި ފްލެޓުތައް ކައިރީގައި ހަދާފައިވާ ގަސް ކޮށިތައް ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފި އެވެ. 

ފްލެޓުތަކުގެ ތިރީގައި އޮންނަ ހުސް ބިންތައް ބައެއް މީހުން ދަނީ އަމިއްލަ ބޭނުންތަކަށް ބޭނުން ކުރަމުންނެވެ. އަނބާއި ޖަނބުރޯލާއި ފަޅޮލާއި މިރުސް ފަދަ އެކި ކަހަލަ މޭވާ އާއި ތަރުކާރީގެ ބާވަތްތައް އިންދައި ފެންސް ޖަހައިގެން ބައެއް ސަރަހައްދުތަކުގައި ހަދާފައިވާ މިކަހަލަ ގަސްކޮށިތަކުގެ މައްސަލަ ބޮޑެެވެ. މިކަން އެންމެ ބޮޑީ ހުޅުމާލެ 1 ގަ އެވެ.

ފްލެޓުތަކުގެ ކުރިމަތިން އޮންނަ ހުސް ޖާގައިގައި ކޮށި ހަދައިގެން އެތަނުގެ ތެރޭގައި ބިޔަ ގަސްތައް ހެއްދުމުގެ ސަބަބުން އަވަށްޓެރިންނަށް ވެސް އޭގެ އުނދަގޫ ކުރިމަތިވާއިރު ޓައްޕު ކަހަލަ އެކި އެއްޗެހީގައި ފެން ހެދި، މަދިރީގެ އުނދަގޫ ވެސް ދަނީ ކުރިމަތިވަމުންނެވެ. 

އެ މައްސަލާގައި އެޗްޑީސީން ވަނީ ގަސް ކޮށިތައް ނެގުމަށް އަންގައިފަ އެވެ. 

ގަސް އިންދާފައިވާ ސަރަހައްދުތަކުގައި އެޗްޑީސީން ޖަހާފައިވާ އެންގުމުގެ ބޯޑުގައި ވަނީ އެ ކޮށިތައް ނަގައި އަންނަ ހުކުރު ދުވަހުގެ ރޭގަނޑު 12:00 ގެ ކުރިން އެތަން ހުސްކުރަން އަންގައިފަ އެވެ. 

އެ މުއްދަތުގެ ތެރޭގައި އެތަކެތި ނުނަގާ ނަމަ، އެ ތަކެއްޗަކީ ވެރިފަރާތުން ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތި ކަމަށް ބަލައި ކަމާ ގުޅޭ އިދާރާތައް ގުޅިގެން އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ. 

ހިނގާ މީޙުންނަށް ވެސް އުނދަގޫވާ ގޮތަށް ފްލެޓެއްގެ ކައިރީގައި ގަސް ހައްދާފައި.-- ފޮޓޯ: މިހާރު
ހިނގާ މީޙުންނަށް ވެސް އުނދަގޫވާ ގޮތަށް ފްލެޓެއްގެ ކައިރީގައި ގަސް ހައްދާފައި.-- ފޮޓޯ: މިހާރު

އެޗްޑީސީން ބުނީ އެ މަސައްކަތް ކުރުމުގެ ތެރޭގައި މުދަލަށް ނުވަތަ ތަކެއްޗަށް ލިބޭ ގެއްލުމުގެ ޒިންމާ އެ ކޯޕަރޭޝަނުން ނުނަގާނެ ކަމަށެވެ. 

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފްލެޓުތަކުގެ ތިރީގައި ވެސް ގަސް އިންދާފައި ހުރެ އެވެ. އެގޮތަށް އެކަން ނުކުރަން އެޗްޑީސީން ވަނީ ތަކުރާރުކޮށް އަންގައިފަ އެވެ. 

ގަސް ކޮށިތައް ނެގުމަށް އެންގުމަށް ފަހު، އެޗްޑީސީން ފްލެޓުތަކަށް ވަނީ ފްލެޓުތަކުގެ ތިރީގައިވާ ހުސް ޖާގަތައް އާންމުކޮށް ބޭނުންކުރާނެ ގޮތުގެ ގައިޑްލައިނެއް ފޮނުވައިފަ އެވެ. އޭގައިވާ ގޮތުން ޕޮޓާއި ހަރުގައި ގަސް އިންދުމާއި ގަސް ބިންމަތީގައި އިންދުމަކީ މައްސަލައެއް ނޫނެވެ. އަދި ކަސްރަތު ކުރުމާއި ކުޑަކުދިން ކުޅުމާއި އިށީނުމަށް ބޭނުންކުރާ ތަކެތި ބެހެއްޓުމާއި އިޖުތިމާއީ ހަފްލާ ނުވަތަ އެއްވުންތައް ބޭއްވުމަށް އެ ޖާގަ ބޭނުންކުރެވިދާނެ އެވެ. 

އެކަމަކު ހުސް ޖާގައިގައި ފެންސު ޖެހުމާއި އަމިއްލަ ބޭނުމަށް ބޭނުންކުރުމާއި ގުދަންކުރުމާއި ގާ އެތުރުމާއި ތަޅުން އެޅުން ނުވަތަ ކާޕެޓު އެޅުން ފަދަ ކަންކަމަށް އެތަން ބޭނުމެއް ނުކުރެވޭނެ އެވެ. އަދި އަލިފާން ބޭނުންކޮށްގެން އެކި ކަންކަންކުރުމާއި ކުނި ޖަމާކުރުމާއި އަލިފާން ހިފާ ތަކެތި ބެހެއްޓުމާއި މީހުންނަށް އުނދަގޫވާ ކަންކަން ކުރުމަކީ މަނާ ކަމެކެވެ.