ސްޓެލްކޯގެ ފްލެޓުތައް ހުންނަ ސަރަހައްދުގައި ކުޑަކުދިންގެ ޕާކަކާއި އައުޓްޑޯ ޖިމެއް ހެދުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި އެވެ.
އެޗްޑީސީން އިއްޔެ ބުނީ އާބާދީ ބޮޑު އެ ސަރަހައްދުގައި ޕާކަކާއި ޖިމެއް އަޅަނީ ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމަކަށް މަގުފަހިކޮށްދޭން ކަމަށެވެ. ކުޑަކުދިން ބޭރަށް ނުކުމެ ހަރަކާތްތެރިވެ އުޅުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އެއީ އެ ސަރަހައްދަށް މުހިއްމު ދެ ކަމެއް ކަން އެޗްޑީސީން ފާހަގަކުރެ އެވެ.
ޕާކާއި ޖިމް އަޅަން ފަށާފައި ވަނީ ސްޓެލްކޯގެ އޭ ބްލޮކްގެ ފަހަތަށް އޮންނަ ހުސް ބިމުގަ އެވެ.
އެ ދެތަނަށް ބޭނުންވާ ބައެއް އެއްޗެހި މިހާރު ބަހައްޓަން ފަށާފައިވީ ނަމަވެސް އެ ޕާކު ނިންމައި ހުޅުވާނެ ދުވަހެއް އެޗްޑީސީއަކުން ނުބުނެ އެވެ.
ފޭސް 2ގައި ކުޑަކުދިންގެ ޕާކު ތަކާއި މައިޒާންތައް މަދު ކަމުގެ ޝަކުވާ އެ ސަރަހައްދުގައި ދިރިއުޅޭ މީހުން އަބަދު ވެސް ކުރެ އެވެ.
މި ފަހުން ވަނީ އެޗް 11 އަދި 12 އާ ދޭތެރޭ ވެސް ކުޑަކުދިންނަށް ޕާކެއް ހަދައިފަ އެވެ. އަދި އެޗް 14 ކުރިމަތީ ވަނީ ޖިމް ޕާކެއް ވެސް ހަދައިފަ އެވެ.