ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯ އިން އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ކަރަންޓާއި އެހެނިހެން ޔުޓިލިޓީގެ ހިދުމަތްތައް އެޗްޑީސީގެ ފަރާތުން ގުޅައި ނުދެވުނަސް ވަގުތީ ހައްލެއް ހޯދައިގެން ވިޔަސް އަންނަ ޖުލައި މަހު އެ ފްލެޓްތަކަށް މީހުން ވައްދާނެ ކަމުގެ ޔަގީންކަން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް މިއަދު ދެއްވައިފި އެވެ.
ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ފްލެޓްތަކަށް ކަރަންޓާއި ފެނާއި ނަރުދަމާގެ ނިޒާމުގެ ގުޅުމުގެ ކަންކަން އެޗްޑީސީން ވަރަށް ކުރިއްސުރެ ހަވާލު ކޮށްފައި ވަނީ ޗައިނާގެ ކުންފުންޏަކާ އެވެ. ނަމަވެސް އެ ތަނުގައި ސަރުކާރުގެ ކުންފުނިތަކުން އިމާރާތްކޮށްފައިވާ ބައެއް ފްލެޓްތައް ގާތްގަނޑަކަށް ނިމިފައިވާއިރު އެޗްޑީސީން އެންމެ ފަހުން ބުނެފައި ވަނީ ކަރަންޓް ނެޓްވޯކްގެ ޑިޒައިނިންގެ މަސައްކަތުން އަތްދޫކޮށްލެވޭވަރުވާނީ އަންނަ ސެޕްޓެމްބަރު މަހު ހިސާބުގައި ކަމަށެވެ. އޭގެ މާނައަކީ ސްޓެލްކޯ އާއި އެހެން ކުންފުނިތަކުގެ ފްލެޓްތަކަށް ވެސް މީހުންނަށް ވަދެވޭނީ ސެޕްޓެމްބަރު މަހުގެ ފަހުން ކަމެވެ.
އެޗްޑީސީން [ކަންކަން] ކޮށްދޭނެ ދުވަހަކަށް އިންތިޒާރެއް ނުކުރާނަން"---ޝަރީފް
ޕްރޮޖެކްޓް ރާވާފައިވާ ގޮތުން ނަމަ ކަރަންޓް ނެޓްވޯކް ޗައިނާގެ ކޮންޓްރެކްޓަރު ޑިޒައިން ކުރުމުން އޭގެ ހުއްދަ ނުވަތަ އެ ޑިޒައިނަށް ސްޓެލްކޯގެ ކޮމެންޓް ހޯދަންޖެހެ އެވެ. ނަމަވެސް އެ ހިސާބަށް އަދިއެއް ނުދެ އެވެ.
އެ މައްސަލައިގައި ސްޓެލްކޯގެ މުވައްޒަފުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، "މިހާރު" އިން ސުވާލުކުރުމުން އެމްޑީ ވިދާޅުވީ، "އެޗްޑީސީން [ކަންކަން] ކޮށްދޭނެ ދުވަހަކަށް އިންތިޒާރެއް ނުކުރާނަން" ކަމަށެވެ.
"އަޅުގަނޑުމެން މި ބަލަނީ ސްޓެލްކޯގެ އަމިއްލަ ހަރަދުގައި ވެސް އެ ކަންކަން [ޔުޓިލިޓީގެ ހިދުމަތްތަކާ ގުޅޭ ނެޓްވޯކް ގާއިމުކޮށްގެން] ކޮށްގެން ވިޔަސް ޖުލައި މަހު އެ ފްލެޓްތަކަށް މީހުން ވައްދަން. އަޅުގަނޑުމެންގެ އަމިއްލަ ހަރަދުގައި އެ ކަން ކުރެވޭނެ. އެ ކަން ކުރާނީ ދާއިމީ ނެޓްވޯކް އަޅައި ނިމުނީމާ އެ ނެޓްވޯކަށް އަޅުގަނޑުމެންގެ ވަގުތީ ނެޓްވޯކް ޓްރާންސްފާ ކުރެވޭ ގޮތަށް،" ކުރިން ފެނަކައިގެ އެމްޑީކަން ވެސް ކުރެއްވި ޝަރީފް ވިދާޅުވި އެވެ.
ކުރީގެ ރައިސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރަން ފެށި ސްޓެލްކޯގެ ފްލެޓްތަކުގެ ދެ ޓަވަރުގައި 360 ފްލެޓް ވަނީ ހަދައިފަ އެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ (1+2) 288 އެޕާޓްމަންޓްތަކެކެވެ.
ޝަރީފް ވިދާޅުވީ، އޮގަސްޓްމަހާ ހިސާބަށް ސްޓެލްކޯގެ ފްލެޓްތައް ދޫނުކުރެވިއްޖެ ނަމަ ވަރަށް ގިނަ ބެލެނިވެރިންނާއި އެ މީހުންގެ ކުދިންނަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށެވެ. އެއީ އެ މަހު ދިރާސީ އާ އަހަރު ފެށޭއިރު ކުދިންތައް ވައްދާނެ ސްކޫލުތައް ކަނޑައެޅުމުގައި ދިމާވާނެ ދައްޗެވެ.
"އެހެންވީމާ އަޅުގަނޑުމެންގެ ސްޓާފުންނަށް ދެރައެއް ލިބޭނެ ކަމެއް ނުކުރާނަން އަޅުގަނޑެއް. ސްޓާފުން ވަރަށް ބޮޑު ސެކްރިފައިސްއެއް ވެއްޖެ އެ ފްލެޓްތަކަށް. އެހެން ކުންފުނިތަކުގެ ސްޓާފުން ފައިސާ ދައްކަނީ ބޭންކަށް. އެކަމަކު އަޅުގަނޑުމެންގެ ސްޓާފުން ފައިސާ ބޭންކަށް ވެސް ނުލައި ދައްކަނީ މި ކުންފުންޏަށް. އެހެން ވެސް ހަދާފައި ވަނީ ބޭންކް އިންޓަރެސްޓް ބޮޑުވެދާނެތީ،" އެމްޑީ ވިދާޅުވި އެވެ.
"އެ ފްލެޓްތައް ޖުލައި މަހު ދޫނުކުރެވިއްޖިއްޔާ ކުންފުންޏަށް ވެސް ސްޓާފުންނަށް ވެސް ގެއްލުން ވާނެ."
ޝަރީފް ވިދާޅުވިގޮތުގައި ސްޓެލްކޯގެ ފްލެޓްތަކުގެ 95 ޕަސެންޓް މިހާރު ވަނީ ނިމިފަ އެވެ. އަދި އަންނަ މަހު ހުރިހާ މަސައްކަތެއް ނިންމައި އެ ތަނާ ސްޓެލްކޯ އިން ރަސްމީކޮށް ހަވާލުވާނެ ކަމަށް ވިދާޅުވި އެވެ.