ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސަރުކާރުގެ ކުންފުނިތަކުން އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ކަރަންޓް ނެޓްވޯކްގެ ޑިޒައިނިންގެ މަސައްކަތް ނިމޭނީ އަންނަ ސެޕްޓެމްބަރު މަހު ހިސާބުގައި ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "މިހާރު" އަށް އެހެން ވިދާޅުވީ ބައެއް ކުންފުނިތަކުގެ ފްލެޓްތަކުގެ މަސައްކަތް ނިމިފައިވީ ނަމަވެސް، މީހުން ދިރިއުޅެން ނުފެށި ލަސްވަނީ އެޗްޑީސީގެ ސަބަބުން ކަމަށް ބުނެ ކުރާ ޝަކުވާތަކާ ގުޅިގެން ސުވާލު ކުރުމުންނެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ކަރަންޓާއި ފެނުގެ ހިދުމަތް ދިނުމަށްޓަކައި ނެޓްވޯކް ޑިޒައިން ކުރުން ހަވާލު ކޮށްފައި ވަނީ ކުރިއްސުރެ އެއްބަސްވެފައިވާ ގޮތުގެ މަތިން ޗައިނާގެ ކުންފުންޏަކާ އެވެ. އެ ކަމުގައި ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީގެ ދައުރެއް ނޯވެ އެވެ.
ކޮންޓްރެކްޓަރާ ހަވާލާ ދެއްވައި ސުހައިލް ވިދާޅުވީ ކަރަންޓު ނެޓްވޯކްގެ ޑިޒައިނިންގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ ހިސާބަށް ނިންމައިލެވޭނެ ކަމަށެވެ. އެހެންވެ، ބެލެވޭ ގޮތުގައި ފްލެޓްތަކުގެ މަސައްކަތް ނިމުނަސް އެ ތަންތަނަށް މީހުންނަށް ވަދެވޭވަރު ވާނީ ސެޕްޓެމްބަރު މަހުގެ ފަހުންނެވެ.
"...އަނެއްކާ އެހާ ކައިރި ވެފައި އޮއްވައި އިތުރު ހަރަދުތަކެއް ކޮށްގެން [ކަރަންޓުގެ ހިދުމަތް] ދިނުން ވެސް އެހާ ވޯތެއް ނޫން ކަން ނޭނގޭ. އަވަސް ކުރަން ބޭނުމިއްޔާ ކޮންޓްރެކްޓްގެ ބޭރުން އިތުރު ހަރަދުތަކެއް ކުރަންޖެހޭ،" އޭނާ ވިދާޅުވި އެވެ.
ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުން ލަސްވި މައިގަނޑު އެއް ސަބަބަކީ ވެސް ކަރަންޓް ނެޓްވޯކްގެ ޑިޒައިނިން ކަންކަން ޗައިނާގެ ކޮންޓްރެކްޓަރަށް ނުނިންމި ލަސްވުމެވެ.
ޕްރޮޖެކްޓް ރާވާފައިވާ ގޮތުން ނަމަ ކަރަންޓް ނެޓްވޯކް ޗައިނާގެ ކޮންޓްރެކްޓަރު ޑިޒައިން ކުރުމުން އޭގެ ހުއްދަ ނުވަތަ އެ ޑިޒައިނަށް ސްޓެލްކޯގެ ކޮމެންޓް ހޯދަންޖެހެ އެވެ. އަދި ސްޓެލްކޯ އިން ދޭ ލަފައާ އެއްގޮތަށް އިލެކްޓްރިސިޓީ ނެޓްވޯކްގެ ޑިޒައިނަށް އަނެއްކާ ބަދަލު ކުރާ ނަމަ ވަގުތު ދެ އެވެ.
"ތަންކޮޅެއް މަގު ދިގުވާ ގޮތަށް ޕްރޮޖެކްޓް ރާވާފައި އޮތީ. އެ މީހުން [ޗައިނާގެ ކޮންޓްރެކްޓަރު] އަބަދުވެސް ބުނަނީ ކަރަންޓް ނެޓްވޯކްގެ ޑިޒައިން އެޕްރޫވްވުން ލަސްވަނީއޭ. ސްޓެލްކޯ އިން ބުނަނީ ބަރާބަރަކަށް ނޫނޭ ޑިޒައިން ހުންނަނީކީ. އެއީ އާންމުކޮށް ދިމާވާ މައްސަލަ،" އެމްޑީ ވިދާޅުވި އެވެ.
"މިހާރު" ގެ ނޫސްވެރިންނަށް މިދިޔަ އާދިއްތަ ދުވަހު ސްޓެލްކޯގެ ފްލެޓްތައް ދައްކާފައިވާއިރު، އެ ތަނަށް ވެސް ދިމާވެފައިވާ މައިގަނޑު އެއް މައްސަލައަކީ ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދިނުން ލަސްވުމެވެ. މިހާރު ހުރި ކުދިކުދި މަސައްކަތްތައް އަންނަ މަހަށް ނިންމައިލެވޭނެ ކަމަށް ސްޓެލްކޯ އިން ބުންޏަސް ފްލެޓް ލިބުނު މީހުންނަށް އެ ތަނަށް ވަދެވެން އޮތީ ކަރަންޓާއި ފެނުގެ ހިދުމަތް ދިނުމުންނެވެ.
ސްޓެލްކޯގެ އިތުރުން، އެހެން ބައެއް ކުންފުނިތަކުގެ ފްލެޓްތަކާއި ވިނަރެސް ފްލެޓްތައް ވެސް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ. އެކަމަކު، ޔުޓިލިޓީގެ ހިދުމަތް ލަސްވުން އެއީ މައިގަނޑު މައްސަލަ އެވެ.