ހިޔާ ފްލެޓުގައި ކަރަންޓު ދޭން މިއަދު ނިންމާފައިވާ ދެ ޓަވަރުގެ ލިފްޓުތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަރަންޓު ދިނުން މެދުކަނޑާލާފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
އެ ކުންފުނިން އަންނަނީ ކޮންމެ ދުވަހަކު ދެ ޓަވަރަށް ކަރަންޓު ދެމުންނެވެ. މިއަދު ކަރަންޓު ދޭން ނިންމާފައި ވަނަ ތިން ވަނަ ޓަވަރާއި ހަތަރު ވަނަ ޓަވަރަށެވެ.
ސްޓެލްކޯ އިން ބުނީ ކަރަންޓު ދިނުން މެދުކަނޑާލާފައި ވަނީ އެޗްޑީސީއާ މަޝްވަރާ ކުރުމަ ށްފަހު ކަމަށެވެ. އަދި ލިފްޓަށް ދިމާވި މަައްސަލަ ކޮންޓްރެކްޓަރާ ގުޅިގެން ހައްލު ކުރުމަށް އެޗްޑީސީން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި މައްސަލަ ހައްލުކޮށް އެ ދެ ޓަވަރަށް ކަރަންޓު ދިނުމުގެ މަސައްކަތް ދެން ކުރިއަށް ގެންދާނެ ދުވަހެއް، އެ ޓަވަރުތަކުން ފްލެޓް ލިބުނު މީހުންނަށް އެސްއެމްއެސް އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް އަންގާނެ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލު ކޮށްފައިވާއިރު ބައެއް ފްލެޓުތަކުގެ އިންޓީރިއާ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ. މި މަސައްކަތް ނިންމަން ޑިސެމްބަރު މަހުގެ ނިޔަލަށް ވަނީ ފުރުސަތު ދީފަ އެވެ.