ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ "ހިޔާ" ފްލެޓުތަކަށް ކަރަންޓުގެ ޚިދުމަތް ދިނުމުގެ މަސައްކަތް ސްޓެލްކޯ އިން ފަށައިފި އެވެ.
އެ ކުންފުނިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ 7،000 ހައުސިން ޔުނިޓަށް ކަރަންޓު ދިނުމަށްޓަކައި އިންސްޕެކްޓު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެ އިންސްޕެކްޝަންތަކަށް ފަހު، ކަރަންޓު ދިނުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށާއި ފްލެޓްތައް ދޫކުރުމަށް ހަމަޖެހިފައިވާ ތާރީޚުގެ ކުރިން ކަރަންޓު ފޯރުކޮށްދީ ނިންމައިލެވޭނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތް ކުރަން ފެށި، ޖުމުލަ 25 ބުރީގެ ހިޔާ ފްލެޓުގެ ޓަވަރުތަކުގައި ކަރަންޓާއި ފެން ވައިރުކޮށް، މީހުންނާ ހަވާލު ކުރުމުގެ މަސައްކަތް އަންނަ މާޗު މަހު ފަށާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ބުނެފަ އެވެ.
ހިޔާ މަޝްރޫއުގައި 16 ޓަވަރު އިމާރާތް ކޮށްފައިވާއިރު، ކޮންމެ ފްލޯއެއްގައި 20 ފްލެޓް ހުރެ އެވެ. ކޮންމެ ފްލެޓެއްގައި މަދުވެގެން ފަސް މީހުން ދިރިއުޅޭނެ ކަމަށް އެޗުޑީސީން ލަފާކުރެ އެވެ. އެ އަދަދުން ބަލާއިރު އެއީ ފްލޯއެއްގައި 100 މީހުންނެވެ. އެހެންކަމުން ކޮންމެ ޓަވަރެއްގައި، ގާތްގަނޑަކަށް 2،400 މީހުން ދިރިއުޅުން އެކަށީގެންވެ އެވެ. މުޅި 16 ޓަވަރަށް ބަލާ ނަމަ އެ އަދަދު 40،000 އާ ކައިރިކުރާނެ އެވެ.