އިސްލާމް ޓީޗަރެއްގެ މަގާމުގައި ހުރެ ގްރޭޑް 7 ގެ އަންހެން ދަރިވަރުންތަކަކާ މެދު ޖިންސީ އަމަލު ހިންގި ކަމުގެ ދައުވާ ލިބުނު މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރި ހުކުމެއް ހައި ކޯޓުން ބާތިލްކޮށް އޭނާ 15 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.
ދެކުނުގެ ރަށެއްގައި ހިނގި މި ހާދިސާއާ ގުޅިގެން ދައުވާ ލިބުނު މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މެޖިސްޓްރޭޓް ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ. ދަށު ކޯޓުން އެގޮތަށް ހުކުމްކުރުމުގައި މައިގަނޑު ގޮތެއްގައި ރިއާޔަތްކުރި ކަންކަމުގެ ތެރެއިން އެންމެ ބޮޑު ކަމަކީ، ދައުވާ ލިބުނު އަހްމަދު ޝަރީފްގެ ހުރި ޖިސްމާނީ އުނިކަމަކާއި ސިއްހީ ހާލަތެވެ.
މިއީ އޭނާގެ ލޮލުގެ ފެނުން ދަށްވުމާއި އިވުމުގެ މައްސަލަ ހުރުމުގެ ސަބަބުން، ކުލާސް ތެރޭގައި، އޮޅިގެން ގަސްތަކާ ނުލައި ހިނގާފައިވާ ކަންތައްތަކެއް ކަމަށް ދިފާއުން ބުނާ ބުނުން ދަށު ކޯޓުން ގަބޫލުކުރި އެވެ. އަދި އަނިޔާލިބުނު ދަރިވަރުން ހާދިސާ ކިޔައިދިން އިރު، އެ ކުދިންގެ ވާހަކަތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރި ކަމަށާއި، އެހެންކަމުން އެއީ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުކުރަން ފުދޭ ހެކިތަކެއް ނޫން ކަމަށް ދަށު ކޯޓުގައި ދިފާއުން ފާހަގަކުރި ކަންކަމަށް ވެސް ކުރިން ރިއާޔަތްކުރި އެވެ.
އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ ސާބިތު ނުވުމުން ދައުލަތުން މި މައްސަލަ ހައި ކޯޓުގައި އިސްތިއުފުކުރީ އެވެ. އެ މައްސަލާގައި މި މަހުގެ 18 ވަނަ ދުވަހު، ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް ހައި ކޯޓުން މައިގަނޑު ގޮތެއްގައި ބުނީ؛
- ހެކި ވަޒަންކުރުން: ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކަށް ބަލާއިރު، އަނިޔާ ލިބުނު ކުދިންގެ ކިޔައިދިނުމުގައި އެތެރެފުށުގެ އެއްގޮތްކަމާއި ބޭރުފުށުގެ އެއްގޮތްކަން ހުރިކަން ސާބިތުވާ ކަމަށް.
- ނުނިޔަތެއް ނެތުން: އަނިޔާލިބުނު ކުދިން އަހްމަދު ޝަރީފާ މެދު އިތުރު ދޮގު ވާހަކަތަކެއް ދެއްކުމުގެ ނުނިޔަތެއް ނެތްކަން ހެކިތަކުން އެނގޭކަން.
- ޖިންސީ ނިޔަތް: ކުދިންގެ ޖިންސީ ގުނަވަންތަކުގައި ހިފުމާއި، ފޫކޮޅުގައި ތަކުރާރުކޮށް ޖެހުމާއި، އަންހެން ކުދިންގެ ގައިގައި ބައްދައި އޮޅުލައި ހެދުމަކީ "އެކަށީގެންވާ މީހެއްގެ ވިސްނުމުން" ބަލާއިރު ޝަހުވާނީ އެދުންވެރިކަމެއް ހާސިލުކުރުމުގެ ނިޔަތުގައި ކުރި ކަންކަންކަން ސާބިތުވާ ކަމަށް. އަދި އެއީ އޭނާގެ ކިބައިގައި ހުރި ޖިސްމާނީ އުނިކަމެއްގެ ސަބަބުން އޮޅިގެން ހިނގާފައިވާ ކަންކަން ކަމަށް ގަބޫލު ނުކުރެވޭކަން.
- އެކަށީގެންވާ މީހެއްގެ ވިސްނުން (ރީޒަނަބްލް މޭން ޓެސްޓް): އާންމު ސާފު މީހެއްގެ ވިސްނުމުން ބަލާއިރުވެސް، އެފަދަ އަމަލުތަކެއް ތަކުރާރުކޮށް ކުރުމަކީ ޖިންސީ ނިޔަތެއް އޮތްކަން އަންގައިދޭ ކަމެއް ކަމަށް ހައި ކޯޓުން ކަނޑައެޅި.
ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ ބެއްލެވި މި މައްސަލާގައި ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، އަހްމަދު ޝަރީފް 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމްކުރީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މައްސަލައިގެ ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި އަހްމަދު ޝަރީފް ބަންދުގައި ހޭދަކުރި 35 ދުވަސް ވަނީ ޖަލު އަދަބުން އުނިކޮށްފަ އެވެ.