ދޮންދަރިއަށް ޖިންސީ ގޯނާކުރި ކަމުގެ ކުށުގައި މީހެއްގެ މައްޗަށް އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ދަމަހައްޓައިފި އެވެ.
މި މައްސަލާގައި ކުށް ސާބިތުވި މީހާގެ މައްޗަށް ދައުލަތުން ދައުވާކުރީ އޭނާގެ 12 އަހަރުގެ ދޮންދަރިއަށް އެކި ދުވަސް މަތިން ޖިންސީ ގޯނާކޮށްފައިވާތީ އެވެ. އެ ކުއްޖާގެ ހަށިގަނޑުގެ އެކި ތަންތަނުގައި އެމީހާ އަތްލާފައިވާ ކަމަށް ބުނެ އެ ކުއްޖާ ބަޔާންދީފައިވެ އެވެ.
ދަށު ކޯޓުން މި މައްސަލާގައި އޭނާގެ މައްޗަށް، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި 15 އަހަރުގެ ހުކުމެއް އިއްވި އެވެ.
އެ ހުކުމްގައިވާ ގޮތުން އެމީހާގެ މޯބައިލް ފޯނުގެ ފޮރެންސިކް ރިޕޯޓަށާއ،ި ކުއްޖާގެ ނަފްސާނީ ސައިކޮލޮޖިކަލް ރިޕޯޓުން ކުއްޖާއަށް ޖިންސީ ގޯނާއެއް ނުވަތަ އަނިޔާއެއް ލިބިފައިވާކަން އެނގެން އޮންނަ ކަމަށެވެ. އަދި ކުއްޖާ ކިޔައިދޭ ކިޔައިދިނުން ބޭރުފުށުން އެއްގޮތް ކަމަށް ބުނެފައިވެ އެވެ.
ކުށް ސާބިތުވާ ކަަމަށް ކަނޑައަޅައި ކުރި ހުކުމް އެމީހާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ. ހައި ކޯޓުން އިއްޔެ ކުރި ހުކުމްގައި ވެސް ކަނޑައެޅީ ދަށު ކޯޓުން އެމީހާގެ މައްޗަށް ކުށް ސާބިތުކޮށްފައިވަނީ ރަނގަޅަށެވެ.
ދައުވާ ލިބޭ މީހާ ހައި ކޯޓުގައި ބުނެފައިވަނީ މި މައްސަލައަކީ ކުއްޖާގެ ބައްޕަ ކުއްޖާ ލައްވާ ކިއުއްވައިގެން އުޅޭ ވާހަކައެއް ކަމަށާއި އެކަމަށް ބާރުލިބެނީ މި މައްސަލައާ ގުޅިގެން ދަށު ކޯޓަށް ހުށަހަޅާފައިވާ ލިޔެކިއުންތަކުގެ ތެރޭގައި ހިމެނޭ، ކުއްޖާގެ މަންމަގެ ތަހުގީގު ބަޔާނުން ކަމަށެވެ. އެހެންވެ، މިއީ ކުއްޖާގެ ބައްޕަ އޭނާއާ މެދު އޮތް ޒާތީ ހަސަދައަކުން ހިނގާފައިވާ ކަމެއް ކަމަށް ސާބިތުކުރަން މަސައްކަތް ކޮށްފައިވެ އެވެ.
ހައި ކޯޓުގެ ހުކުމްގައި ބުނީ ކުއްޖާ އަނިޔާގެ ވާހަކަ ފުރަތަމަ ކިޔައިދިނީ ކުއްޖާގެ އެއްބަފާ ދައްތައަށް ކަމަށާއި އަދި ކުއްޖާ މި ވާހަކަ ބައްޕައަށް ކިޔައިދިނީ ކުއްޖާގެ އެއްބަފާ ދައްތަ ހިތްވަރުދީގެން ކަމަށެވެ. އެހެންކަމުން މިއީ ކުއްޖާގެ ބައްޕައާ ދައުވާ ލިބޭ މީހާއާ އޮތް ޒާތީ މައްސަލައެއްގެ ސަބަބުން ކުއްޖާގެ ބައްޕަ ކުއްޖާ ލައްވާ ދެއްކި ވާހަކައެއް ނޫން ކަމަށެވެ.
ކުއްޖާގެ ބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްކުރުމުގައި ހުރި ފުށުއެރުމުގެ ގޮތުގައި މައިގަނޑު ގޮތެއްގައި ފާހަގަކުރާ ކަންތައްތައްތަކަކީ ޖައުހަރީ ފުށުއެރުންތަކެއް ނޫން ކަމަށް ވެސް ހުކުމްގައިވެ އެވެ.