އަންހެނުންނާއި ކުޑަކުދިން އަދި ނާޒުކު ހާލަތުގައިވާ އެކި މީހުންނަށް އަނިޔާކުރުމުގެ 200 އަށް ވުރެ ގިނަ މައްސަލަ މިދިޔަ މަހު ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓްރީން ބުނެފި އެވެ. 

އެ މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 228 މައްސަލައިގެ ތެރޭގައި ގިނަ މަސްތަކެކޭ އެއްގޮތަށް މިދިޔަ މަހު ވެސް އެންމެ ގިނައިން ހުށަހެޅީ ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތަކެވެ. 

ކުޑަކުދިންނަށް އަނިޔާކުރުމުގެ 88 މައްސަލައެއް ރިޕޯޓްކުރި އިރު އެންމެ ގިނައީ އިހުމާލުގެ މައްސަލަތަކެވެ.

ތަފާސްހިސާބުތަކުގައިވާ ގޮތުން އިހުމާލުގެ 22 މައްސަލަ ރިޕޯޓްކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަ ފިރިހެން ކުދިންނާއި 16 އަންހެން ކުދިންނަށް އިިހުމާލުވުމެވެ. 

ދެން އެންމެ ގިނައިން ރިޕޯޓްކުރީ ޖިންސީ ގޯނާގެ މައްސަލަތަކެވެ. ޖުމްލަ 17 މައްސަލައެއް ރިޕޯޓު ކޮށްފައި ވާއިރު ހިމެނެނީ ތިން ފިރިހެން ކުދިންނާއި ގުޅޭ މައްސަލަ އާއި އަންހެން ކުދިންނާ ގުޅޭ 14 މައްސަލަ އެވެ.

އިތުރަށް ހިމެނޭ މައްސަލަތައް

  • ނަފްސާނީ އަނިޔާގެ 14 މައްސަލަ. 
  • ޖިސްމާނީ އަނިޔާގެ ހަތް މައްސަލަ. 
  • ސައިބާ އެކްސްޕޮލިއޭޝަންގެ އެއް މައްސަލަ. 
  • ބްލެކްމެއިލްގެ ހަތަރު މައްސަލަ. 
  • ބުލީކުރުމުގެ ހަތަރު މައްސަލަ. 
  • ސައިބާ ބްލީކުރުމުގެ އެއް މައްސަލަ

ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ނުވަތަ ގެވެށި އަނިޔާގެ 54 މައްސަލަ ހިމެނޭއިރު އޭގެތެރޭގައި އެންމެ ގިނައީ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން އަންހެނުންނަށް ޖިސްމާނީ އަނިޔާ ކުރުމުގެ 27 މައްސަލައަކާއި ފިރިހެނުންނަށް އަނިޔާކުރުމުގެ ފަސް މައްސަލައެއް ރިޕޯޓުކޮށްފައިވެ އެވެ.

ދެވަނައަށް އެންމެ ގިނައީ ނަފުސާނީ ގޮތުން ކުރާ އަނިޔާގެ މައްސަލަތަކެވެ. އޭގެ 12 މައްސަލައެއް މިނިސްޓްރީއަށް ހުށަހަޅާފައިވެ އެވެ.