ކުޑަކުދިންގެ އޮރިޔާން ކާޑު ވިއްކުމުގެ ތުހުމަތުވި މީހާ އަށް ކުރި ދައުވާ އަނބުރާ ގެންދިޔައީ އޭނާގެ މައްޗަށް އެކަމުގެ ހެއްކެއް ލިބިފައި ނެތުމާއި އަދި ބަންދުގައި ހޭދަކުރި މުއްދަތަށް ބަލާއިރު ކުށް ސާބިތުވި ނަމަވެސް އިތުރަށް ތަންފީޒު ކުރާނެ އަދަބެއް ނޯންނާނެތީ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
ބައިނޭންސް އެކްސްޗޭންޖްގެ ވޮލެޓް އެޑްރެހެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ވިއްކުމުގެ ތުހުމަތުގައި މިދިޔަ އޭޕްރީލް މަހު ހައްޔަރުކުރީ ތ. ވިލުފުށި، މޫނިމާގޭ، އާދަމް އަދްނާން ލަތީފެވެ.
އުމުރުން 22 އަހަރުގެ އަދްނާންގެ މައްޗަށް އޮރިޔާން ކާޑު ގެންގުޅުމުގެ ދެ ދައުވާއެއް އުފުލުމަށް ފަހު، އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.
އެކަމާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވަނީ އެ މައްސަލަތައް އަނބުރާ ގެންދިޔައީ ކުޑަކުދިންގެ ބަރަހަނާ މަންޒަރު ފެންނަ އެއްޗެއް ވިއްކިކަން ނުވަތަ އެފަދަ ނެޓްވޯކަކާ އޭނާއާ ގުޅުން އޮތްކަމުގެ ހެއްކެއް ލިބިފައި ނުވާތީ ކަމަށެވެ.
މީގެ އިތުރުން ފެނުނު ތަކެއްޗަކީ ކުޑަކުދިންގެ އޮރިޔާން ކާޑުކަން ސާބިތުކޮށްދެވޭނެ ހެއްކެއް ނެތް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ކުރިއަށް ގެންދެވެން އޮތް ނަމަވެސް އެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުން ކަމަށްވާއިރު، އޭނާ ބަންދުގައި 28 ދުވަސް ހޭދަކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެހެންވެ، އެ ކުށް ސާބިތުވާ ހާލަތުގައި ވެސް އޭނާ އިތުރަށް ތަންފީޒު ކުރަންޖެހޭ އަދަބެއް ނޯންނާނެތީ އެ ދައުވާ ވެސް ކުރިއަށް ގެންދިއުމުގެ މަސްލަހަތެއް ނެތުމުން ދައުވާ އަނބުރާ ގެންދިޔައީ ކަމަށް އެ ބަޔާނުގައިވެ އެވެ.