ވިހެއުމަށް ޗުއްޓީތައް ނެގުމުން ޕްރޮމޯޝަން ނުލިބޭ މައްސަލަ ހައްލުކުރަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބަދަލެއް ގެނެސްފި އެވެ.

އެ ކޮމިޝަނުން ނެރުނު ސާކިއުލާއެއްގައި ވަނީ ދައުލަތުގެ އާ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުންދިނުމުގައި އަމަލުކުރާނެގޮތުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފަ އެވެ.

މުސާރައިގެ ކުރިއެރުން ދިނުމުގައި ސަމާލުކަންދޭންޖެހޭ އެހެނިހެން ކަންތައްތައް ބަޔާންކުރާ ތިން ވަނަ މާއްދާއަށް ހަ އިސްލާހެއް ގެނެސްފައިވެ އެވެ.

އެ އިސްލާހުތަކުގައި މައިގަނޑު ގޮތެއްގައި ހުރީ މުސާރައިގެ ކުރިއެރުން ދިނުމުގައި ޖެހިޖެހިގެން ދެ އަހަރުގެ ޕާފޯމަންސް އެޕްރައިޒަލް (ޕީއޭ) އިން 85 މާކްސް ހޯދުމުގެ ބަދަލުގައި، މެދުކެނޑުމަކަށް ފަހު ވެސް ދެ އަހަރުގެ ޕާފޯމަންސް އެޕްރައިޒަލް އިން 85 މާކްސް ހޯދޭނެ ގޮތަށް ބަދަލު ގެނެސްފަ އެވެ. 

މިސާލަކަށް، 2025 ވަނަ އަހަރު ވިހަން ހަ މަސް ދުވަހުގެ ޗުއްޓީ، ސަލާން އަދި އިތުރު ޗުއްޓީތައް ނެގުމުން 90 ދުވަހު މަސައްކަތްކުރެވިފައި ނުވާ ނަމަ، 2024 އަދި 2026 ވަނަ އަހަރުގެ މަސައްކަތުގެ 90 ދުވަސް ގުނައިގެން އެޕްރައިޒަލްއިން 85 އިން މަތިން މާކްސް ލިބިއްޖެ ނަމަ ކުރިއެރުން ލިބޭނެ އެވެ.

ވިހެއުމުގެ އިތުރުން ބޭސްފަރުވާކުރުން ފަދަ ދިގު މުއްދަތުގެ ޗުއްޓީއަކަށް ދާ މީހުންނަށް ވެސް މި އުސޫލުގެ ދަށުން އަމަލުކުރާނެ އެވެ. 

މުސާރައިގެ ކުރިއެރުން ދިނުމަށް އުސޫލަށް ބަދަލުތަކެއް ގެނައި އިރު، އެ އުސޫލު މިހާރު އޮތްގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް ޕެޓިޝަނެއްގައި ސޮއިކުރަން ވަނީ ފަށައިފަ އެވެ.

މަރިޔަމް ޝިފާނާ ހުސެއިން ނަމަކަށް ކިޔާ މީހަކު މިދިޔަ މާޗު މަހު ތައްޔާރުކުރި ޕެޓިޝަންގައި ބުނަނީ އާ ޕޭ ފްރޭމްވޯކްގެ ދަށުން ސިވިލް ސާވިސްގެ މުވައްޒަފުންގެ ފެންވަރު ބަލާއިރު މަސައްކަތް ކޮށްފައިވާ މުއްދަތު، 90 ދުވަހަށް ވުރެ ކުރު ނަމަ ޕާފޯމަންސް އެޕްރައިޒަލް ޕްރޮމޯޝަން ދިނުމަށް މާކްސް ނުގުނާ ގޮތަށް އޮންނާތީ، ވިހެއުމާ ގުޅިގެން ހަ މަސްދުވަހުގެ އެޕްރޫވްޑް ޗުއްޓީ ނަގާ މުވައްޒަފުންގެ ހައްގުތައް ގެއްލޭ ކަމަށެވެ.

އެ ޕެޓިޝަންގެ މުއްދަތު ހަމަވިއިރު 1،300 އަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފަ އެވެ. 

ޕެޓިޝަން ދިރާސާކުރަން މަޖިލީހަށް ފޮނުވައި އަދި އެކަމަށް ޖަވާބުދާރީވާން އިދާރާތަކަށް ފޮނުވުމުން، އެ ތަންތަނުން ޖަވާބުދީފައިވާ ކަމަށް މަޖިލީހުގެ ވެބްސައިޓުން ދައްކަ އެވެ. 

އެ އުސޫލަށް ދެން ގެނައި ބަދަލަކީ މަސައްކަތްކުރާ އިދާރާ ބަދަލުވާއިރު، އަހަރު ނިމޭއިރު އެއްވެސް ތަނެއްގައި 90 ދުވަސް ހަމަނުވާ ނަމަ ދެ އިދާރާގެ ޖުމްލަ މުއްދަތު އެއްކޮށްލުމެވެ.

ސީއެސްސީގެ އޮފިޝަލަކު ވިދާޅުވީ މުސާރައިގެ ކުރިއެރުން ދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނައީ މެޓާނިޓީ ލީވާ އެކު، އަހަރެއް ގެއްލިގެން ދާތީ އެކަމަށް ލުއެއް ހޯދައިދިނުމަށް ކަމަށެވެ.