ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް އުފައްދާފައިވާ ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުކަމުން އިބްރާހިމް ޝިއުރީ އިސްތިއުފާ މިއަދު ދެއްވައިފި އެވެ.
ކުރިން އެމްއެމްޕީއާރުސީގެ ނަމުގައި ހިންގި ކުންފުންޏަށް ޝިއުރީ އައްޔަން ކުރެއްވީ ޖޫން 13، 2024 ގަ އެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނޫނެވެ. ނަމަވެސް އިސްތިއުފާ ދެއްވުމުގެ ކުރިން މިއަދު ވަނީ އެތަނުގެ މުވައްޒަފުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ.
ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޝިއުރީ ހުންނެވީ ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސްގެ މަގާމުގަ އެވެ. އަދި ވޯލްޑް ބޭންކު "އެންހޭންސިން އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއެންސް އޮފް ޔޫތް" ޕްރޮޖެކްޓެއްގެ ސްޓިއަރިން ކޮމިޓީ މެމްބަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ޝިއުރީ ވަނީ ތަފާތު އެހެން އެތައް ޕްރޮޖެކްޓެއްގައި އިސްކޮށް މަސައްކަތް ކުރައްވައިފަ އެވެ.
ގައުމީ އިނާމާއި ޒުވާނުންގެ އިނާމު ވެސް ހާސިލް ކުރައްވާފައިވާ ޝިއުރީ ވަނީ އަމިއްލަ ކުންފުންޏެއްގައި ޑިރެކްޓަ ޕްރޮޖެކްޓްސް އެންޑް އިންފްރާސްޓްރަކްޗާ މަގާމު އަދާކުރައްވައި އެއާޕޯޓު ތަރައްގީ ކުރުމުގެ އެކިއެކި މަޝްރޫއުތަކުގައި އިސްކޮށް މަަސައްކަތް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ފުވައްމުލަކު އެއާޕޯޓު ޕްރޮޖެކްޓާއި ދަރަވަންދޫ އެއާޕޯޓާއި އިފުރު އެއާޕޯޓާއި ކޫއްޑޫ އެއާޕޯޓާއި ކުޑަހުވަދޫ އެއާޕޯޓު އަދި ކުޅުދުއްފުށި އެއާޕޯޓު ޕްރޮޖެކްޓް ވެސް ހިމެނެ އެވެ.
ޝިއުރީއަކީ މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވަސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ޕަބްލިކް ރިލޭޝަން އެންޑް ކޮމިއުނިކޭޝަން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.