ތިލަމާލެ ބްރިޖުގެ ކޮލިޓީ ރަނގަޅުވާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށާއި އުއްމީދަކީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓު ސިލްސިލާގެ ރޭގެ އެޕިސޯޑުގައި ރައީސް ވިދާޅުވީ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި 6.74 ކިލޯމީޓަރުގެ ދިގު ބްރިޖަކުން ގުޅުވާލުމަށް އެމްޑީޕީގެ މިދިޔަ ސަރުކާރުގައި ފެށި މި ޕްރޮޖްކެޓު މަސައްކަތް ދިޔަ ގޮތް އޭރު ވެސް ވަރަށް ގާތުން ފެނިވަޑައިގެންފައިވާ ކަމަށެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް ހަލުވި ކުރީ މި ސަރުކާރުން ކަމަށް ބުނާތީ، އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ.
އެ ބްރިޖުގެ މާލެ އާއި ވިލިމާލެއާ ދެމެދުގެ ހުރިހާ ޕްރީ-ކާސްޓް ސެގްމަންޓެއް ގުޅުވާލުމުގެ މަސައްކަތް މިދިޔަ ހަފުތާގައި ވަނީ ނިމިފަ އެވެ.
"ކަންދިމާކުރި ގޮތުން އަޅުގަނޑުގެ ގޭގެ [ދިމްޔާތުގެ] ކޮޓަރީގެ ކުޑަ ދޮރުން އަޅުގަނޑަށް ފެނޭ ބްރިޖުގެ މަސައްކަތް ދާ ގޮތް އޭރު އިނގޭތޯ. ބަލާލާއިރުގައި ފެންނާނެ ކޮންމެވެސް ކެރޭނެއް އުޅެދާނެ، ވެއްޓިފައި އޮތްތަން ވެސް ފެނިދާނެ، ވައިގަދަވެގެން ގޮސް ލައްގާފައި ވެސް އޮވެދާނެ، މި ކަހަލަ ގޮތަކަށް ދެ އަހަރު ދިޔައީ،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވެރިކަން ފެށުނުއިރުގައި ދެ ތަނބެއް ނެތް ވާހަކައެއް ނޫން. ދެ އަހަރު ދިޔަގޮތް އެއީ."
ރައީސް ވިދާޅުވި ގޮތުގައި، ތިލަމާލެ ބްރިޖުގެ މަސައްކަތް އަވަސްކުރަން އެމަނިކުފާނު އަމިއްލަފުޅަށް އިސްނަންގަވައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ބޭއްވެވި ފުރަތަމަ ބައްދަލުވުމުގައި އެކަން ހުށަހެޅުއްވި އެވެ. މޯދީ އާއި ރައީސް މުއިއްޒު އެންމެ ފުރަތަމަ ބައްދަލުކުރެއްވީ 2023 ވަނަ އަހަރު ދުބާއީގެ ބޭއްވި 23 ވަނަ ކޮޕް ސަމިޓުގެ ހަވާސާގައި ބޭއްވި ހާއްސަ ބައްދަލުވުމެއްގަ އެވެ.
"ބޮޑުވަޒީރު މޯދާއާ އެެކު އެ ފުރަތަމަ ބައްދަލުވުމުގައި އަޅުގަނޑު އިސްނަގައިގެން ދެންނެވިން ބޭނުމޭ މި ޕްރޮޖެކްޓު ކާމިޔާބުކަމާ އެކީގައި ތަންފީޒުކުރަން. އަޅުގަނޑު ހުށަހަޅަމޭ ދެ ގައުމުގެ ދެމެދުގައި ހައި-ލެވަލް ކޮމިޓީއެއް މިކަމަށް އުފައްދަން. އުފައްދައިގެން މި ޕްރޮޖެކްޓުގެ ކަންކަން ގާތުން ބަލައިގެން ޑެލިވާކުރަން،" ރައީސް ވިދާޅުވި އެވެ.
އެ ބައްދަލުކުރެއްވުމަށް ފަހު ދެ ގައުމުން މަތީ ފަންތީގެ ކޮމިޓީއެއް އުފައްދައި ރާއްޖޭގެ އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީއާ ވެސް ގުޅިގެން މި މަޝްރޫއު އަވަސްކުރުމަށް އެތައް ކަމެއް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި މަޝްރޫއަކީ އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީ އާއި މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވެސް އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެންމެ އިސްކަމެއް ދެއްވާ މަޝްރޫއު ކަމަށެވެ. އަދި ރާއްޖޭގެ ފުރަތަމަ ބްރިޖު ސިނަމާލެ ބްރިޖު މަޝްރޫއު ކުރިއަށް ގެންދިޔަ ދުވަސްވަރު، އެމަނިކުފާނު މިނިސްޓަރަކަށް ހުންނަވައިގެން މަސައްކަތް ކުރެއްވީ ހަމަ އެގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ސިނަމާލެ ބްރިޖުގެ މަސައްކަތް ދެއްވި އިސްކަން ތިލަމާލެ ބްރިޖު މަޝްރޫއުއަށް ވެސް ދެއްވާ ކަމަށާއި މި ސަރުކާރުގެ މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ފެންނަން މި އޮތީ އޭގެ ނަތީޖާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ސީދާ ތާރީހެއް އަދި ދަންނަވަން ނޭނގޭ، އެކަމަކު އަހަރެއްހާ ދުވަހުގެ ތެރޭގައި މުޅި ޕްރޮޖެކްޓު އެއްކޮށް ނިމޭނެ ކަމަށް އުއްމީދުކުރަން، 2027 ގެ ތެރޭގައި ތިލަފުއްޓާ ހަމައަށް އެއްކޮށް ނިމޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އުއްމީދު ކުރައްވަނީ ބްރިޖުގެ މާލެ އާއި ވިލިމާލެ ދޭތެރޭގެ މަސައްކަތްތައް ނިމި އަވަހަށް ބޭނުންކުރަން ފެށުން ކަމަށް ވިޔަސް، ޓެކްނިކަލް ގޮތުން ބަލަން ޖެހޭ ގިނަ ކަންތައްތަކެއް އަދިވެސް އެބަހުރި ކަމަށެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުގައި ގުޅިފަޅާ ހަމައަށް ބްރިޖު ގުޅިގެން މުޅި ބްރިޖުގައި ތާރު އެޅުމާއި މި ކަންކަން ވެސް ކުރިއަށް ދާން އޮތީ، ސައިޓު ހުރީ ގުޅިފަޅުގައި. އެހެންވީމަ ވިލިމާލެ އާއި މާލެ ގުޅިގެން ދިޔަސް އަދި ބޭނުންކުރަން ފެށޭ ހިސާބަށް ނުދޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ތިލަމާލެ ބްރިޖުގެ ކޮލިޓީއާ މެދުގައި އެއްވެސް ސުވާލެއް ނުއުފެދޭ ކަމަށާއި ކޮލިޓީ ރަނގަޅުވާނެ ކަމަށެވެ.
ތިލަމާލެ ބްރިޖުގެ ކޮލިޓީ ބަލަހައްޓަނީ ސިނަމާލެ ބްރިޖުގެ ކޮލިޓީ ވެސް ބެލެހެއްޓި، ދުނިޔޭގައި އެ މަސައްކަތަށް މިހާރު އެންމެ ރަނގަޅު އެއް ކުންފުނި ކަމަށްވާ އާރޫޕް އިން ކަމަށް ރައީސް ވިދާޅުވި އެވެ.
"އާރުޕްއަކީ ދުނިޔޭގެ އެންމެ ރަނގަޅު އެއް ކުންފުނި ބްރިޖު ޕްރޮޖެކްޓްތަކުގެ ކަންތައްތަކުގެ ކޮންސަލްޓަންޓަކަށް. ހަމަ އެ ކުންފުނީގައި ހަމަ އޭރު ވެސް [ސިނަމާލެ ބްރިޖު ހެދިއިރުގައި ވެސް] އެންމެ އިސްކޮށް ހުރި ޑިރެކްޓާ ހަމަ މިކަމުގައި ވެސް އުޅެނީ. ހަމަ ސޭމް ކޮމްޕެނީ، ހަމަ ސޭމް ޓީމް،" ރައީސް ވިދާޅުވި އެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި، އެ ގައުމުގެ އެފްކޮންސް ކުންފުނިން ހަދަމުން އަންނަ ތިލަމާލެ ބްރިޖު އެޅުމަށް މޫދު އަޑީގައި ކުރަން ޖެހޭ ހުރިހާ މަަސައްކަތެއް މިހާރު ވަނީ ނިމިފަ އެވެ.
މާލެ ސަރަހައްދުގައި މިހާރު ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ، އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދީފައިވާ 400 މިލިއަން ޑޮލަރުގެ ލޯނާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރެވެ.