ރިސޯޓުތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 ޕަސެންޓު ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި ބަދަލުގެ ދަށުން، ޓޫރިޒަމްގެ އާމްދަނީއަށް މަކަރު ހެދުން ހުއްޓުވޭނެ ގޮތަށް ނިޒާމް ބައްޓަން ކުރައްވާނެ ކަމަށް ރައިސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެ ބިލް ހިމެނޭ ގޮތަށް އިތުރު ބިލްތަކެއް ތަސްދީގުކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްފައި ވަނީ އެކަމާ ގުޅިގެން އެއްކުރަންޖެހޭ ހުރިހާ ޑޭޓާތަކަށް ބަލާފައި ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި އާމްދަނީގެ 40 ޕަސެންޓް މާރުނުކުރެވޭނެ އެއްވެސް ރިސޯޓެއް ރާއްޖޭގައި ނޯންނާނެކަން އެމަނިކުފާނަށް ޔަގީންވެ އެވެ. ލޯނުތައް ދެއްކުމަށް ފަހު އަދި މުވައްޒަފުންނަށް ދޭންޖެހޭ މުސާރަދީ، އިތުރު ހަރަދުތަކަށް ފަހު ވެސް އެ އަދަދު މާރުކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު މިދެންނެވި ބިލް ފަރުމާ ކުރުމުގައި ހުރިހާ ޑޭޓާއެއް ބަލާފައި މިކަން ކުރީ. އަޅުގަނޑު ހަމަ ޔަގީންކަމާ އެކު މި ދަންނަވަނީ ރާއްޖޭގެ އެއްވެސް ރިސޯޓެއް ނޯންނާނެ މި 40 ޕަސެންޓް މާރުނުކުރެވޭ. ނޯންނާނެ. ލޯނު ދައްކާފައި މުވައްޒަފުންނަށް މުސާރަ ދީފައި، ހަރަދުތައް ކޮށްފައި، ޑޭ ޓު ޑޭ އޮޕަރޭޝަންގެ ހަރަދު ކޮށްފައި ފައިސާ މާރުކުރެވޭނެއޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރިސޯޓުތަކުން 40 ޕަސެންޓްގެ އާމްދަނީ ބޭންކުތަކަށް މާރުނުކުރުމަށް ބަހަނާއެއްގެ ގޮތުގައި އެ ފަރާތްތަކަށް އެވަރަށް އާމްދަނީ ނުލިބޭ ކަމަށް ބުނަމުންދާ ކަމަށެވެ. އަދި ދޮގާއި މަކަރު ހަދައިގެން ލިބޭ އާމްދަނީ އޮޅުވާލުމަށް މަސައްކަތްކުރާނެކުރާނެ ކަމަށް ބެލެވޭތީ ރައީސް ވިދާޅުވީ އެކަން ހުއްޓުވުމަށް ވެސް ބިލުތަކުގައި ކަންކަން ހިމަނާފައިވާ ކަމަށެވެ.
"ދެން ބައެއް ފަރާތްތަކުން އެބަ ދަންނަވާ ތިމަންނަމެން އާމްދަނީ ނުލިބޭ ކަމަށް ހިސާބު ކިތާބު ހަދާނީއޭ. ދެން މަކަރު ހަދައި ދޮގު ހަދަން މަސައްކަތް ކުރެވިދާނެ. އެކަމަކު އެކަން ވެސް ހުއްޓުވޭނެ ނިޒާމު މިއަދުގެ ބިލުތަކުން ވެސް އައިސްފި އިނގޭތޯ،"
ރައީސް ވިދާޅުވި ގޮތުގައި މީގެ ކުރިން ރާއްޖޭގައި މަކަރު ހަދައިގެން ސަލާމަތްވެފައި ހުއްޓަސް އެ ފުރުސަތު މި ސަރުކާރަކުން ނުދޭނެ އެވެ.
އެކަމަށް ގެންނަ ބަދަލެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް ޓޫރިސްޓުން އެތެރެވާ ހިސާބުން އެމީހުން އައި ކަމާއި އެމީހަކު ހުންނާނެ ތަނާއި ނިދަނީ ކޮންތަނެއްގައި ކަމަށާއި އޭނާ ފުރައިފި ކަމާއި އެނގޭނެ ނިޒާމެއް ގާއިމުކުރެވޭނެ ކަމަށެވެ. މީގެ މަސް ދުވަސް ފަހުން ސިސްޓަމުގެ ތެރެއިން އެ މައުލޫމާތު ފެންނާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އޭގެ ސަބަބުން މަކަރު ނުހެދޭނެ ކަމަށެވެ.
"މީގެ ކުރީގައި ފަހަރެއްގައި ހުރެދާނެ ރާއްޖޭގައި މަކަރު ހަދައިގެން ސަލާމަތްވެފައި. އެކަމަަށް ފުރުސަތެއް އަޅުގަނޑުމެން ނުދޭނެނަން މިއަދަކު. ރާއްޖެއަށް ޓޫރިސްޓަކު އެތެރެވާ ހިސާބުން އެ ޓޫރިސްޓު އައިކަމާއި އޭނާ ދިޔަ ތަނާއި އޭނާ ނިދީ ކޮން ތަނެއްގައި ކަމާއި އޭނާ ފުރައިފި ކަމާއި އެނގޭނެ ނިޒާމު މީގެ އެއް މަސް ފަހުން ރަސްމީކޮށް އަޅުގަނޑުމެންގެ ސިސްޓަމުން ފެންނާނެ ނިޒާމު ގާއިމުވެފައި ހުންނާނެ. މަކަރެއް ނުހެދޭނެ. އެ ފުރުސަތެއް ނުލިބޭނެ،"
ރައީސް ވިދާޅުވީ އެ ފިޔަވަޅުތައް އަޅުއްވަނީ އެކަމާ ގުޅިގެން ކުރަން ޖެހިވަޑައިގަންނަވާ ކަންކަން އެނގިވަޑައިގެން ހުންނަވާ ކަމަށެވެ.
މި ސަރުކާރުން އަދުލު އިންސާފު ގާއިމުކުރުމުގައި ހަމަހަމަވާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރިސޯޓުތަކުން ލިބޭ އާމްދަނީގައި ވަކި ބަޔަކު މުއްސަނދިވެފައި އާންމު ރައްޔިތުން ވޭނުގައި އުޅެން ނުޖެހޭނެ ކަމަށެވެ.
ރިސޯޓުތަކުގެ އާމްދަނީ އެވަރަށް ބޭންކަށް މާރުކުރަންޖެހޭ ގޮތަށް ބަދަލުކުރުމުން، އެމަނިކުފާނަށް ވެސް ތަފާތު މެސެޖުތައް ލިބިވަޑައިގެންނެވިކަމަށާއި އޭގެ ތެރޭގައި ރައްޔިތުންނަށްވީ ވައުދުފުޅުތައް ނުފުއްދަވާ ހުއްޓާލުމަށާއި ނޫން ނަމަ، ބްލެކް މާކެޓުގައި ޑޮލަރުގެ ރޭޓު ބޮޑުވާނެ ކަމަށް މެސެޖުތައް ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.