ސްރީލަންކާގެ ނިގަމްބޯ ހައިކޯޓުން ދިވެހި ރައްޔިތެއް ކަމަށްވާ ޔުގީތު އިބްރާހީމް މެރުމަށް ކޮށްފައިވާ ހުކުމް، އެ ގައުމުގެ އިސްތިއުނާފު ކޯޓުން ބާތިލުކޮށް، އޭނާ މިނިވަންކުރުމަށް އަމުރުކޮށްފި އެވެ.

މި މައްސަލައަކީ 2018 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހު ބަންޑާރަނަޔަކެ އިންޓަނޭޝަނަލް އެއާޕޯޓުގެ އެމިރޭޓްސް ކައުންޓަރު ކައިރިން، ޕޮލިސް ނާކޮޓިކްސް ބިއުރޯއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޔުގީތު ހައްޔަރުކުރި މައްސަލައެކެވެ.

ފުލުހުން ތުހުމަތުކުރި ގޮތުގައި އޭނާގެ ފޮށީގެ ތެރޭގައި ކާބަން ކަރުދާހުން ބަންދުކޮށްފައިވާ 12 ޕެކެޓެއްގައި 1.296 ކިލޯގްރާމްގެ ހެރޮއިން ހުއްޓެވެ.

މި މައްސަލައިގައި ދައުލަތުން ޔުގީތުގެ މައްޗަށް މަސްތުވާތަކެތި ގެންގުޅުމާއި، ވިޔަފާރިކުރުމާއި، އަދި އެތެރެކުރުމުގެ ތިން ދައުވާއެއް އުފުލިއެވެ. ނިގަމްބޯ ހައިކޯޓުގައި ހިންގި ޝަރީއަތަށްފަހު، ވިޔަފާރިކުރުމާއި އެތެރެކުރުމުގެ ދައުވާއިން އޭނާ ބަރީއަވި ނަމަވެސް، މަސްތުވާތަކެތި ގެންގުޅުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ މެރުމަށް ހުކުމްކުރި އެވެ.

ނަމަވެސް، އިސްތިއުނާފު ކޯޓުގެ ފަނޑިޔާރު އަމާލް ރަނަރާޖާ އަދި ފަނޑިޔާރު ޑރ. ސުމުދު ޕްރޭމަޗަންދްރާގެ ބެންޗުން މައްސަލަ ބެއްލެވުމަށްފަހު، ދަށު ކޯޓުގެ ނިންމުމުގައި ގާނޫނީ އަދި އިޖުރާއީ ބޮޑެތި ގޯސްތަކެއް ހުރިކަން ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން، ތުހުމަތުކުރެވޭ މީހާ ދެނެގަތުމަށް ފުލުހުން ބޭނުންކުރި ވަޓްސްއެޕް މެސެޖު ޝަރީއަތަށް ހުށަހެޅިފައި ނުވުމުން އައިޑެންޓިޓީއާމެދު ޝައްކު އުފެދުމާއި، ފުލުހުން އަތުލައިގަތް ކަމަށް ބުނާ މަސްތުވާތަކެތީގެ ބަރުދަނާއި ސަރުކާރުގެ އެނަލިސްޓަށް ލިބުނު ބަރުދަނާ ދެމެދު 17.44 ގްރާމްގެ ތަފާތެއް ހުރުން ކޯޓުން ފާހަގަކުރި އެވެ.

މީގެއިތުރުން، ހެކީގެ ރައްކާތެރިކަން ގެއްލިފައިވުމާއި، ތަކެތީގައި ނަންބަރު ޖެހުމުގައި ހެކިންގެ މެދުގައި ފުށުއެރުންތަކެއް ހުރުމުގެ އިތުރުން ފުލުހުންގެ ލިޔުންތަކުގައި ނެތް މާއްދާއެއް އެނަލިސްޓަށް ފޮނުވި ތަކެތީގެ ތެރެއިން ފެނިފައިވާކަން ފަނޑިޔާރުން ވަނީ ފާހަގަކުރައްވައިފަ އެވެ. އަދި އޭނާ ހައްޔަރުކުރި ވަގުތު ތަކެތި ސީލްކޮށް ބަރުދަން ކިރާފައި ނުވުމާއި، ބަޔާން ނެގުމުގައި ބޮޑެތި ލަސްތަކެއް ވެފައިވާކަންވެސް ވަނީ ފާހަގަކޮށްފަ އެވެ.

އެއާއެކު، އިސްތިއުނާފު ކޯޓުން ނިންމީ، ކުށުގެ ނިޔަތް ޔުގީތުގެ މައްޗަށް ސާބިތުކޮށްދިނުމުގައި ދައުލަތް ނުކުޅެދިފައިވާ ކަމަށެވެ. އަދި 2018 އިން ފެށިގެން އޭނާ ބަންދުގައި ހުންނަތާ އަށް އަހަރެއްހާ ދުވަސް ވެފައިވުމާއި، މުހިންމު ހެކިތައް ނެތުމުގެ ސަބަބުން އަލުން ޝަރީއަތް ހިންގުމަކީ އިންސާފަކަށް ނުވާނެ ކަމަށެވެ.

އެހެންކަމުން، އެ ކޯޓުން ވަނީ ޔުގީތުގެ މައްޗަށް ކުރި ދައުވާތަކާއެކު ނިގަމްބޯ ހައިކޯޓުގެ މަރުގެ ހުކުމް ބާތިލުކޮށް، އޭނާ ވަގުތުން މިނިވަންކުރުމަށް އަމުރުކޮށްފަ އެވެ.