މަސްތުވާތަކެތީގެ މައްސަލައެއްގައި ސްރީ ލަންކާ އިން ދެ ދިވެހިން ހައްޔަރުކޮށްފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ވައިގެމަގުން ލަންކާ އަަށް މަސްތުވާތަކެތި އެތެރެކުރި މި މައްސަލައިގެ ތުހުމަތަށް އެ ގައުމުގެ ފުލުހުން ހައްޔަރުކުރީ ނ. ލަންދޫ، ނިރު، ހަސަން އަބްދުﷲ އާއި ހ. ޕަލްމެއިރާ، މުހައްމަދު ޝާފީ ބިން އަހުމަދު އެވެ.

ލަންކާގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިދިޔަ ބުދަ ދުވަހުގެ ރޭ، ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ލަންކާ އަށް މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތުކުރާ ހަސަން އަބްދުﷲ ކަމަށް އެނގިފައި ވެ އެވެ.

އޭނާ ހައްޔަރުކުރީ، ހަށިގަނޑުގައި ބަނދެގެން ލަންކާ އަށް އެތެރެކުރި 602 ގްރާމްގެ "އައިސް" ނުވަތަ ކްރިސްޓަލް މެތާ އެކު ކަމަށް ލަންކާގެ ފުލުހުންނާ ހަވާލާދީ އެ ނޫހުން ބުންޏެވެ.

ހަސަން އަބްދުﷲ ހައްޔަރުކުރީ، ރާއްޖެ މަގުން ލަންކާ އަށް ޑްރަގު އެތެރެކުރަން އުޅޭ ކަމަށް ލިބުނު އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެން ކަމަށް ވެސް ލަންކާގެ ފުލުހުން ބުންޏެވެ.

ހަސަން އަބްދުﷲއާ ސުވާލުކުރުމުގެ ތެރެއިން، މަސްތުވާތަކެތި އެތެރެކުރީ ފުޅާ ދާއިރާއެއްގައި ލަންކާގައި އައިސް ވިއްކުމުގެ ވިޔަފާރިކުރާ މީހަކަށް ދޭން ކަމަށް އޭނާ ލަންކާގެ ފުލުހުންނަށް ކިޔައިދީފައި ވެ އެވެ.

އޭނާ ދިން މައުލޫމާތާ ގުޅިގެން، ކޮލޮމްބޯގެ ހޮޓަލެއްގައި ހުރި 28 އަހަރުގެ އިތުރު ދިވެއްސަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެނގިފައިވާ ގޮތުގައި ހަސަން އަބްދުﷲ ދިން މައުލޫމާތުގެ އަލީގައި ހައްޔަރުކުރި މީހާއަކީ ޝާފީ އެވެ.

ޝާފީ ހުރި ކޮޓަރިން ވެސް 607 ގްރާމްގެ އައިސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހަސަން އަބްދުﷲ އާއި ޝާފީގެ އިތުރު 14 ދުވަހަށް ބަންދުކުރުމަށް ނިގޮމްބޯ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.